ހަތަރު ނާއިބު ލީޑަރުން ލައިގެން ޕީޕީއެމް ނުހިންގޭނެ: ޖޭޔޫ

އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް ލީޑަރޝިޕްގެ 4 ނާއިބު ލީޑަރުން އައްޔަން ކޮށްގެން ޕާޓީ ނުހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ޗީފް ވިޕް ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެ 4 ނާއިބު ލީޑަރުންނަށް ޕާޓީގެ 40،000 މެމްބަރުންގެ ތާއީދު އޮތްކަން ކަށަވަރު ވެސް ކުރަންޖެހޭ ކަމަށެވެ. އެކަން ކުރުމަށްޓަކައި ޕީޕީއެމްގެ އަވަސް ކޮންގްރެސް އެއް ބޭއްވުމަށް އޭނާ ގޮވައި ލެއްވިއެވެ.

ޕީޕީއެމް ވަރުގަދަކުރުމަށްޓަކައި އެޕާޓީގެ ކައުންސިލުން ރޭ ވަނީ 3 ނާއިބުން އައްޔަން ކުރައްވައިފައެވެ. އެއީ އެޕާޓީގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ޣައްސާން މައުމޫނާއި،  ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒާއި، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ އައު ލީޑަރ  އަޙުމަދު ޝިޔާމެވެ. ހަތަރުވަނީ ނާއިބު ލީޑަރަކީ މިވަގުތު ބޭސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވާ ޢާޒިމާ ޝަކޫރެވެ.

ޕީޕީއެމް ވަރުގަދަކޮށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފުރިހަމައަށް ޙަރަކާތްތެރިވުމަށްޓަކައި މިފަދަ ބަދަލު ގެންނަން މިފެށީ ރިޔާސީ އިންތިޚާބަށް ފަހު ބޭއްވި މަޖިލީސް އިންތިޚާބުން ބޮޑު ނާކާމިޔާބެއް ކުރިމަތިވުމުންނެވެ. މީ ނާކާމިޔާބީއަށްފަހު ލީޑަރޝިޕް އިސްތިއުފާ ދިނުމަށް ނިހާން ފަދަ ބޭފުޅުން ވަނީ ގޮވާލައްވައިފައެވެ. އޭނާ ވަނީ ޕާޓީގައި ފުރުއްވަމުން ގެންދެވި ޕާޖީ ގުރޫޕުގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.