ބުރަފަތި ބިންދައިގެންދިޔަ ބޯޓެއްގައި ތިބި 8 ފަސިންޖަރަކު މާލެ ގެނެސްފި

ތިލަދުންމަތީ އުތުރުބުރިން ފުރައިގެން މާލެ ދަތުރުކުރަމުން އައި "ޕީއެމްއެމްއޭ އެކްސްޕްރެސް 5" ނަމަކަށް ކިޔާ ބޯޓެއްގެ ބުރަފަތީގެ ބައެއް ބިންދައިގެން ދިޔުމުން އެމްއެންޑީއެފް ކޯސްޓް ގާޑު ލޯންޗެއް ގޮސް އޭގައި ތިބި ފަސިންޖަރުން މާލެ ގެނެސްފައެވެ.

ފަސިންޖަރުންގެ ގޮތުގައި ތިބި 8 މީހުންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ތިން ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ. އެމީހުން މާލެ ގެނެސްފައިވަނީ މިއަދު 15:45 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހުން ލޯންޗަށް ނަގައިފައިވަނީ އެ ބޯޓު ކާށިދޫ ކަނޑުގައި އޮއްވައެވެ. ބޯޓުގެ ބުރަފަތީގެ ސަލާމަތުން ހުރިބައިގެ އެހީގައި މަޑުމަޑުން މިހާރު މާލެއަށް ދަތުރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

އެބޯޓުން ޖުމްލަ 22 މީހުން ދަތުރު ކުރި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ބޯޓުގެ ބުރަފަތިން ބައެއް ބިންދައިގެން ދިޔަ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:26 އެހައިކަންހާއިރު އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.