ބޭނުންވަނީ ވީހާގިނަ ބައެއްގެ ތާއީދު ފޯމާއެކު ރައީސްގެ ނަން ހުށަހަޅަން: އަސްލަމް

ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާ ފޯމު ހުށަހަޅުއްވާއިރު ވީހާވެސް ގިނަބައެއްގެ ތާއީދާއެކު ހުށަޅުއްވަން ބޭނުންވާ ކަމަށް އެމަނިކުފާނުގެ ކެންޕޭން މޭނެޖަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްލަމް މިއަދު ވިދާޅުވީ "އަޅުގަނޑުމެން ގަސްތުކޮށްފައި މިވަނީ ރައީސްނަޝީދު ޕްރައިމަރީއަށް ކުރިމަތި ލުމުގެ ފޯމް ހުށަހަޅާއިރު ވީހާވެސް ގިނަބައެއްގެ ތާއީދު ފޯމާއެކު ހުށަހެޅުމަށް. ތާއީދު ފޯމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެން އެދެނީ މިމަހުގެ ސަތާރަވަނަ ދުވަހާ ހިސާބަށް ފޯމުތައް ލިބިގެންދިޔުމަށް. ނަވާރައިގެ ކުރިން ހުށަހަޅަން މިޖެހެނީ. ވީހާވެސް ކުރިން ހުށަހަޅަން ބޭނުންވޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ތާއިދު ފޯމުތައް ފުރުމުގެ މަސައްކަތް ރާއްޖޭގެ އެކިރަށްރަށާއި އެމްޑީޕީގެ ހަރުގެތަކާއި އެމްޑީޕީ އޮފީހުގައިވެސް ކުރިއަށްދާނެ ކަމަށެވެ. އެހެން ކަމުން ޕާޓީގެ މެންބަރުން އިސްނަގައިގެން ތާއީދު ފޯމުތައް ފުރުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށްވެސް އަސްލަމް އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރަށް އެމްޑީޕީއަށާއި ރައީސް ނަޝީދަށް ތާއިދު ކުރައްވާ މީހުންގެ ތެރެއިން އެޕްޑީޕީގެ ދަފްތަރުގައި ނަން ނެތް މީހުން އެކަން ފުރިހަމަ ކުރުމަށްވެސް އަސްލަމްވަނީ އެދިވަޑައިގެންފައެވެ.

އަސްލަމް ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ނުކުންނަވަނީ އެމްޑީޕީގެ ފަންސާސް ހާސް މީހުންގެ ވޯޓު ހޯއްދެވުމަށް އަމާޒު ހިއްޕަވައިގެން ކަމަށެވެ.
"ފަންސާސް ހާސް މީހުންގެ ވޯޓާއެކު ނުކުންނަށް ފަރާތަކަށް ކެންޑިޑެސީ ކަނޑައެޅިގެން ނުދިނުމަކީ ހަމަޖެހޭ ސިޔާސީ ބަޔަކު ކުރާނެ ކަމެއްނޫން،" އަސްލަމް ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެތޯ ނޫސް ވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.