ރާއްޖޭގެ ޖަލުތަކަކީ ޓެރެރިސްޓް ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރާ ކިއްލާއަކަށް ވެފައި އޮތް ތަނެއް: ރައީސް ނަޝީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ޖަލުތަކަކީ އަލްޤައިދާއާއި ޓެރެރިސްޓް ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރާ ކިއްލާއަކަށް ވެފައި އޮތް ތަނެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔުމަން ރައިޓްސް ކޮމިޝަނުން ފޮނުވައިފާ ޖަލުތަކުގައި ޙުކުމް ތަންފީޒް ކުރަމުންދާ މީހުންނަށް ޕެރޯލް ނުލިބި ލަސްވުމާ ގުޅިގެން އާއިލާތަކުން ފޮނުވާފައިވާ ޝަކުވާތަކުގެ މައްސަލަތައް ބެލުމަށްފަހު ފޮނުވި ރިޕޯރޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ޓެރެރިސްޓް ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރުމުގެ އިތުރުން ޖަލުތަކަކީ ޑްރަގް ވިޔަފާރިއާއި އެނޫންވެސް އެހެން ބާވަތުގެ ކަންކަން އެތަން މެދުވެރިވެގެން ހިންގާ ތޮއްޖެހިފައި އޮތް ތަނެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް މިކަން އޮޅުންފިލުވައި ދިނުމަށް އިތުރު މާހިރެއް ބޭނުމެއް ނޫން. އެނގިވަޑައިގަންނަވާނެހެން، އަޅުގަނޑުގެ ޙަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައިވާނީ އެތަނުގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

އާޢިލާގެ މެމްބަރެއް ޖަލުގައި ހުރެގެން އެކަމުގެ ހިތާމައިގެ ޝަކުވާ ނުލިބޭ އެއްވެސް މެމްބަރަކު ހުންނަވާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިފަދަ ޝަކުވާތައް ލިބުމުން ކުރައްވަންޖެހޭނެ ކަމަކީ ޖަލާ ޙަވާލުވެފައި ހުންނަ ބޭފުޅާއަށް ގުޅާ އޭނާގެ އައިޑީ ނަމްބަރ ފޮނުވާލުމެއް ނޫންކަމަށާއި ކުރަންވަންޖެހޭކަމަކީ ނިޒާމު އިޞްލާޙުކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަންޑޭލާ ރޫލްސްއާ އެއްގޮތަށް ޖަލުތައް ގެންދިއުން ހޯމް މިނިސްޓްރީގެ އާމާޒެއްގެ ގޮތުގައި ގެންގުޅުއްވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ތަޙްލީލީ ފަރުވާއާއި ރުޖީޢީ އިންސާފުގެ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް ކުދިކުދި ކުށްތަކުގައި ދިގުމުއްދަތުގެ ޖަލުޙުކުމްތަކާއި މަތިމައްޗަށް ކޮށްފައިވާ އާދަޔާ ޚިލާފު ޖަލުހުކުމް ތަކުގެ ސަބަބުން ޖަލުގައި އެތައް ދުވަހަކު ހުކުމް ހޭދަކުރަމުންދާ ގައިދީންތަކެއް ތިބިކަމަށް ހިޔުމަންރައިޓްސް ކޮމެޓީން ފާހަގަކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިފަދަ ޝަކުވާތަކުގެ މައްޗަށް އެކުލެވޭ 12 ސިޓީއެއް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙަމައްދު ނަޝީދަށް ގައިދީންގެ އާޢިލާތަކުން ފޮނުއްވިކަމަށް ވިދާޅުވިއެވެ. މިޝަކުވާތަކުގެ ސިޓީތައް، ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީއަށް ފޮނުއްވީ އޮކްޓޫބަރ 9 ގައިކަމަށް ރައީސް ނަޝިދު ވިދާޅު ވިދާޅުވިއެވެ.

ހިޔުމަން ރައިޓް ކޮމެޓީން މައްސަލަތައް ދިރާސާކުރެއްވުމަށް ފަހު ބުނެފައިވަނީ ޕެރޯލް ޙައްޤުވާ 200 އަށް ވުރެގިނަ ޤައިދީން މިވަގުތުވެސް ޖަލުގައި އެބަތިބިކަމަށެވެ. ކްލެމެންސީ ބޯޑަށް ވެސް 600 އަށް ވުރެ ގިނަ ގައިދީން މައްސަލަތައް ހުށަހަޅައިފައިވާ ކަމަށެވެ. ޕެރޯލަށް ޝަރުތުހަމަވާ އެތައްބަޔަކު، ޞައްޙަ މައުލޫމާތު ނުލިބިގެން އެ ޙައްޤުން މަހުރޫމްވެފައި ވާކަން ކޮމިޓީން ފާހަގަކުރައްވައިފައި ވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ހިޔުމަން ރައިޓްސް ކޮމެޓީން ނިންމައިފައިވަނީ ޖަލުތަކާ ޕެރޯލްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް، މުޅި ނިޒާމަށް ބަދަލު ގެނެސްގެން ނޫނީ މައްސަލަތަކަށް ހައްލު ނުހޯދޭނެކަމަށެވެ. އެހެންކަމުން ޖުޑިޝަރީ ކޮމެޓީއާއި ހިޔުމަން ރައިޓްސް ކޮމެޓީ ގުޅިގެން އެމަސައްކަތް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ އެމައްސަލަ އެ ދެ ކޮމެޓީ އެކުލެވޭ ކޮމެޓީއަކަށް ފޮނުއްވައިފައެވެ. އެމައްސަލައަށް ޙައްލު ގެނައުމަށް ބޭނުންވާ ކަރުދާސްތަކާއި ހުރިހާ ކަމެއް އިންތިޒާމުކޮށް ރާއްވާނެ ގޮތާއެކު އެމަގުން އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ދެންނެވުމަށް މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.