މޯލްޑިވް ގޭސް އިން ވިއްކާ 10 ކިލޯގެ ގޭސް ފުޅިއަކުން 50 ރުފިޔާ އަގުހެޔޮ ކޮށްފިއެވެ.
މިއީ ރޯދަމަހާ ދިމާކޮށް މޯލްޑިވް ގޭސް އިން ރައްޔިތުންނަށް ދިން ހަދިޔާއެއް ކަމަށް މޯލްޑިވް ގޭސް އިން ވަނީ ވިދާޅުވިއެވެ.
އެކުންފުނިން ވިދާޅުވީ މިހާރު 200 ރުފިޔާއަށް ވިއްކަމުންދާ 10 ކިލޯގެ ގޭސްފުޅިއެއް ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިބޭނީ 150 ރުފިޔާއަށް ކަމަށެވެ.
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫނު (މާނު) ވިދާޅުވީ މީގެ ކުރިންވެސް އެކުންފުނިންވާނީ ދެތިން ފަހަރެއްގެ މަތިން ގޭސް އަގުހެޔޮކޮށްފައި ކަމަށެވެ. މިފަހަރު އަގުހެޔޮކޮށްފައިވަނީ ހަމައެކަނި 10 ކިލޯ ފުޅިންނެވެ.
މޯލްޑިވް ގޭސްގެ ހެޑުއޮފް މާކެޓިން އައިމިނަތު ވިދާޅުވީ އެޖެންޓުން މެދުވެރިކޮށް ގޭސް ގަންނަ މީހުންނަށްވެސް 10 ކިލޯގެ ގޭސް ފުޅިތައް ވިއްކަންވާނީ 50 ރުފިޔާ އަގުހެޔޮކޮށްފައި ކަމަށެވެ. އެއަގުގައި ނުލިބޭ ކަމަށްވާނަމަ މޯލްޑިވް ގޭސް އަށް ގުޅައިގެން އެކަން ހަމަޖެއްސެވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ. މިކަމުގައި ހުރިހާ އެޖެންޓުންގެ އެއްބާރުލެއްވުން ވެސް ބޭނުންވާ ކަމަށް އައިންތު ވިދާޅުވިއެވެ.
މޯލްޑިވް ގޭސް އިން ވިދާޅުވީ ކުރިން ގަނެފައިވާ ގޭސް ވެސް ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް ވިއްކަންވާނީ ހެޔުކުރި އަގުގައި ކަމަށެވެ. ވިއްކުމަށްފަހު މޯލްޑިވް ގޭސްގައި އެދުމުން އަގުހެޔޮކުރި 50 ރުފިޔާ އެ އެޖެންޓަށް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް މޯލްޑިވް ގޭސް އިން ވިދާޅުވިއެވެ.