މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަވަމުން ގެންދާވާ ފުލެޓްތަކުގެ މެއިންޓަނަންސް ނުވަތަ މަރާމާތު ކުރުން ހަވާލުކޮށްފައިވާ ފަރާތަށް ދޭންޖެހޭ ފައިސާ ނުދެވި ގިނަދުވަސްތަކެއް ވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީކައުންސިލްގެ ޑެޕިޔުޓީ މޭޔަރު ޝަމާހު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލްގެ ބެއްލެވުމުގެ ދަށުގައިހުރި ގިނަތަންތަން ސަރުކާރަށް ނެގިއިރުވެސް ފުލެޓްތައް އަދިވެސް ބަހައްޓައިފައިހުރީ ސިޓީ ކައުންސިލްގެ ބެއްލެވުމުގެ ދަށުގައި ކަމަށެވެ. އެތަންތަނަކީ ދުވަސްވެފައިވާ ތަންތަނަށް ވުމުން މަރާމާތުތައްވެސް ވަރަށްގިނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ކުރަނީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ފުލެޓުގެ މެއިންޓަނަންސް މަސައްކަތް ވަނީ އަމިއްލަ ބަޔަކާ ހަވާލުކޮށްފައި. އެކަމަކު ބަޖެޓުގެ ތާށި ކަމާހެދި އެމީހުންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދޫނުކުރެވިވަނީ،" ޝަމާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެތަންތަނަށް ދުވަސް ވެފައިވުމުން ހާލަތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން އެތަންތަނުގެ ހާލަތު ދެނެގަތުމަށްޓަކައި ފަންނީ ބޭފުޅުންގެ ރިޕޯޓެއް އެކުލަވާލައި ދެއްވުމަށް ހައުސިން މިނިސްޓްރީގައި އެދި ވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް އެކަން ވެސް އަދި ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. މަރާމާތަށް ބޭނުންވާ ފައިސާއަށް ބޭނުން ވެގެން އެދުމުންވެސް ލިބެނީ ވަރަށް މަދުއަދަދެއްގެ ފައިސާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ސިނަމާލެ ފުލެޓްތަކަކީ ބާވެ ދުވަސްވެ ވަރަށްގިނަ ގެއްލުންތަކެއް ލިބިފައިވާ އިމާރާތްތަކަކަށް ވާއިރުގައި ގިނަ މަރާމާތުތަކެއް ކުރަން ބޭނުންވޭ. އަދި އެތަނުގެ ހާލަތު ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ހައުސިން މިނިސްޓްރީގައިވެސް އޮންނާނީ ދަންނަވާފައި ފަންނީ ބޭފުޅުންގެ ރިޕޯޓެއް އަޅުގަނޑުމެން ބޭނުންވާ ކަމަށް. އޭގެ އިތުރަށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތަކަށް ބަލާއިރުގައި މަރާމާތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ތަފާތުގިނަ މަސައްކަތްތައް ކުރެވުނު. ކޮންމެ ފަހަރަކުވެސް ވަރަށް މަސައްކަތްކޮށްގެން ވަރަށްމަދު ފައިސާކޮޅެއް އަޅުގަނޑުމެންނަށް ހަމަޖެހިގެންދަނީ،" ޝަމާހު ވިދާޅުވިއެވެ. ފައިސާގެ މައްސަލަ ކުރިމަތި ވުމުން ދުވަހުން ދުވަހަށް ހައްލުކުރަންޖެހޭ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.