ސައޫދީ މުނިފޫހިފިލުވުމުގެ ދާއިރާއަށް 34 ބިލިއަން ޑޮލަރުގެ އިންގިލާބެއް

ސަައުދީ މުނިފޫހިފިލުވުމުގެ ބިޔަ މަޝްރޫހު އިފްތިތާހުކުރި ހަފްލާގައި ފިލްމީތަރި ކެޓީ ހޯމްސް

ސައޫދީ އަރަބިއްޔާގައި ސިނަމާ ހިންގުން ދިގު މުއްދަތަކަށް މަނާކުރެވިފައި އޮތުމަށް ފަހު، އެކަން ހުއްދަކުރީ ފާއިތުވި އަހަރުގެ ތެރޭގައެވެ. އެއީ ސައޫދީ މުޖްތަމައު ޒަމާނީކުރުމަށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ފަށްޓަވާފައިވާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ.
އެ މަސައްކަތުގައި އެޅޭ އެންމެ ބޮޑު ފިޔަވަޅުގެ ގޮތުގައި "ފެންވަރު ރަނގަޅު ދިރިއުޅުން" ގެ ނަމުގައި ސައޫދީ އަރަބިއްޔާގައި ކުޅިވަރާއި، ސަގާފަތާއި، މުނިފޫހިފިލުވުން ކުރިއެރުވުމަށް ހިންގާ މަޝްރޫއު އިއްޔެ އިފްތިތާހުކުރި ހަފްލާއަށް އެެމެރިކާގެ ފިލްމީ ތަރި ކެޓީ ހޯމްސް އާއި އިނގިރޭސިވިލާތުގެ ފިލްމީ ތަރި އަދި ޑިރެކްޓަރު އިދްރީސް އެލްބާ ހާޒިރުވެފައި ވެއެވެ. މި ބިޔަ މަޝްރޫޢަށް 2020 ވަނަ އަަހަރާއި ހަމައަށް 130 ބިލިއަން ސައޫދީ ރިޔާލު (34.7 ބިލިއަން ޔޫއެސްޑޮލަރު) ޚަރަދުކުރުމަށް ހަމަޖެހިފައި ވެއެވެ.
ސައޫދީ ސަގާފީ ސިޔާސަތު ބައްޓަންކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވާ އަޙްމަދު އަލްމަޒީދު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ މަގްސަދަކީ "ތިއޭޓަރުތަކާ، ސިނަމާތަކާ، ތަމްރީނުދޭ މަރުކަޒުތަކާއެކު ހަގީގީ ސަގާފީ ސިނާއަތެއް" އުފެއްދުމެވެ. މި މަޝްރޫޢުގައި ހިމެނޭ މައިގަނޑު ބައިތަކަކީ މުނިފޫހިފިލުވުމުގެ 16 ކޮމްޕްލެކްސް ހެދުމާއި، ފެނުގެ ކުޅިވަރުގެ މަރުކަޒަކާއި، އާއިލާއާއެކު ހިތް ހަމަޖައްސާލުމަށް ބޭނުންކުރެވޭ ތިން މަޒުކަޒެއް ހެދުމެވެ.
މި މަޝްރޫގެ މައިގަނޑު މަގުސަދަކީ، އާބާދީގެ ދެބައިކުޅަ އެއްބައި އުމުރުން 25 އަހަރަށް ވުރެ ހަނގު ސައޫދީ އަރަބިއްޔާގެ ގިނަ ރައްޔިތުން އެމީހުން މުނިފޫހިފިލުވުމަށް ކުރާ ހޭދާ އަމިއްލަ ގައުމުގެ ތެރޭގައި ކުރާ ގޮތް ހެދުމެވެ. "މިކަމުގެ ސަބަބުން ސައޫދީންގެ ހިތްހަމަޖެހުން އިތުރުވާނެ. އެމީހުންގެ އަމިއްލަ ގައުމުގައި އިންވެސްޓުކޮށްގެން އަމިއްލަ ގައުމުގައި ތިބުމަށް ހިތްވަރު ލިބޭނެ." ސައޫދީ މުނިފޫހިފިލުވުމާ ބެހޭ ކުންފުނީގެ ވެރިޔާ އަޙްމަދު އަލްޚަޠީބު ވިދާޅުވިއެވެ.
މި މަޝްރޫއަށް ކުރެވޭ ސީދާ އިންވެސްޓްމަންޓުގެ ގޮތުގައި ސައޫދީ ސަރުކާރުން 50 ބިލިއަން ސައޫދީ ރިޔާލް ހޭދަކުރާއިރު، ބާކީ ބައި ހޭދަކުރާނީ ސައޫދީ އަމިއްލަ އިންވެސްޓަރުންނާއި، ބޭރުގެ ފަރާތްތަކުންެނެވެ.
"ސައުދީން ވަނީ އަަހަރެންގެ ފިލްމެއް މިތާނގައި ހެދުމުގެ ފުރުސަތު ދީފައި." ރިޔާޒުގައި ވާހަކަދައްކަމުން އިދްރީސު އެލްބާ ބުންޏެވެ. "އަހަރެން ޔަގީނުންވެސް މިތަނަށް އަންނާނަންް. އަހަރެން ނާންނަންވީ ކީއްވެ؟" އޭނާ އިތުރަށް ބުންޏެވެ.
މި މަޝްރޫއު ނިމޭއިރު އިތުރު 3 ލައްކަ ވަޒީފާ އުފެދޭނެކަމަށް ބެލެވޭއިރު، މިއީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ 'ވިޝަން 2030' ތަސައްވުރުގެ އެއް ތަނބެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.