2030 އާއި ހަމައަށް ސައުދީ އަރަބިއްޔާގެ ޚިދުމަތްތަކުގެ ވަތުއޮނިގަނޑާއި، ސީނާއީ މަސައްކަތައް ތަރައްގީ ކުރުމަށް 1.7 ޓްރިލިއަން ސައޫދީ ރިޔާލު (453 ބިލިއަން އެމެރިކާ ޑޮލަރު) އިސްވެސްޓްކުރާ ބިޔަ ޕްލޭނެއް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ ހާމަކުރައްވައިފިއެވެ.
ދުނިޔޭގެ އެންމެ ގިނައިން ތެޔޮ ބޭރުކުރާ ގައުމު ކަމުގައިވާ ސައޫދީ އަރަބިއްޔާގައި އިއްޔެ ހާމަކުރި ޕްލޭނަކީ މެދުއިރުމަތީގެ ގައުމެއްގައި ފެށި މިފަދަ އެންމެ ބޮޑު މަޝްރޫއެވެ. 2030 ވަނަ އަހަރާއި ހަމައަށް ސައޫދީ އަރަބިއްޔާގެ މަލަމަތި ބަދަލުކޮށްލެއްވުމަށް ވަލީއަހުދު ފަށްޓަވާފައިވާ "ވިޝަން 2030" ޕްލޭނުގެ ބައެއްގެ ގޮތުގައި ކުރިއަށްދާ މި މަޝްރޫއުތަކުގެ ބައެއް ކޮންޓްރެކްޓްތަކުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
ސައޫދީ އިގްތިސާދު ތެލުގެ މައްޗަށް ބަރޯސާވެފައި އޮތުން ކުޑަކުރުމަކީ މި ޕްލޭންގެ އެންމެ ބޮޑު އަމާޒެވެ. އަމާޒުކުރެވިފައިވާ ގޮތުން 2030 ވަނަ އަހަރު އަންނައިރު ތެޔޮނޫން އެހެން ސިނާއަތްތަކުން ސައޫދީ އެކްސްޕޯޓު 260 ބިލިއަން ޑޮލަރަށް އިތުރުވެގެން ދާނެއެވެ. އަދި ސައޫދީ ވަޒީފާގެ ބާޒާރަށް 1.6 މިލިއަން ވަޒީފާ އިތުރުވެގެން ދާނެއެވެ.
މި ޕްލޭންގެ ދަށުން ވަލީއަހުދު މުޙައްމަދު އިއްޔެ 37 ކޮންޓްރެކްޓެއްގައި ސޮއި ކުރައްވިއިރު، އެ ކޮންޓްރެކްޓްތަކުގެ އަގު 54 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ޖުމްލަ 960 މިލިއަން ޑޮލަރު ޚަރަދުކުރާ އިތުރު 29 މަޝްރޫއެއް އިއުލާނުކުރެވުނެވެ.
ކުރިއަށް އޮތް 11 އަހަރު ދުވަހުގެ ތެރޭގައި މައިގަނޑު ހަތަރު ދާއިރާ ކަމުގައިވާ އުފެއްދުންތެރިކަމާއި، މައުދަންނެގުމާއި، ލޮޖިސްޓިސްއާއި، ހަކަތައިގެ ދާއިރާގެ އުފެއްދުންތެރިކަން 320 ބިލިއަށް ޑޮލަރަށް އިތުރުކުރުމަށް މި ޕްލޭންގައި ކަނޑައަޅާފައި ވެއެވެ.
ސިނާއަތްތައް ތަރައްގީކުރުމުގެ އިތުރުން މި ޕްލޭންގައި ވައިގެ ބަނދަރުތަކާއި، މަގުތާއި، ރޭލްވޭތައް އެޅުންވެސް ހިމެނެއެވެ. ވާލްޑް އެކޮނޮމިކް ފޯރަމުން އެންމެ ފަހުން ނެރުނު ގްލޯބަލް ކޮންޕެޓިޓިވްނެސް ރިޕޯޓުގައި ސައޫދީ ވަތުއޮނިގަނޑު ދަރަޖަކޮށްފައި ވަނީ 140 ގައުމުގެ ތެރެއިން 40 ވަނައަށެވެ. އިއްޔެ އިއުލާންކުރި ބިޔަ ޕްލޭންގެ އަމާޒަކީ މިއަށްވުރެ މަތީ ވަނައަކަށް ސައޫދީ އަރަބިއްޔާ ގެންދިއުމެވެ.
ވަލީއަހުދު މުޙައްމަދު އިއްޔެ ސޮއިކުރެއްވި ކޮންޓްރެކްޓްތަކުގެ ތެރެއިން އަސްކަރީ ސިނާއަތުގެ ދާއިރާއިން ފްރާންސްގެ ތާލެސް ގްރޫޕާއި، ބެލްޖިއަމްގެ ސީއެމްއައިއާއެކު ސޮއި ކުރެއްވި ކޮންޓަރެކްޓްތައް ފާހަގަކޮށްލެވެއެވެ.