ތަންތަނުގައި ރޯކުރަން ބަޔަކު ދަނީ ރާވަމުން: ފުލުހުން

މާލޭގެ އެކި ސަރަހައްދުތަކުގައި ރޯކޮށް މަރާމާރީ ހިންގުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް ގައުމުގެ އަމާންކަން ނަގާލައި މާލޭގެ އެކި ސަރަހައްދުތަކުގައި ރޯކޮށް ދައުލަތާއި، އާންމުންގެ ތަންތަނުގައި ރޯކޮށް ގެއްލުންދޭން އުޅޭ ކަމުގެ  މައުލޫމާތު ލިބުމުން ފުލުހުން މިހާރުވާނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައި ކަމަށެވެ. .

އެ އަމަލު ކުރުމަށް ރާވައި އެކަން ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި 4 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އަހުމަދު ޝާހިދު (ސާބެ) އާއި، އަހުމަދު ހަސަން (ހަސަންޓޭ) އާއި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިލްހާމެވެ.

ޝިފާން ވިދާޅުވީ މިފަދަ އެއްވެސް އަމަލެއް ހިންގުމަށް މިރޭވެސް މާދަމާވެސް މާލޭގެ އެއްވެސް ތަނަކަށް ގަވާއިދާ ޚިލާފަށް އެއްނުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.