އަޅުގަނޑު ދައްކަންއުޅޭ ވާހަކަ އަޑުއިވުނަ ނުދިނުމަށް ބަޔަކުދަނީ މަސައްކަތް ކުރަމުން: ޢުމަރު

ތިނެއް ނޮވެމްބަރުގެ ޙަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުން އެކަން ފާހަގަކުރަން ކުރީގެ ހޯމްމިނިސްޓަރު ޢުމަރު ނަސީރު ބާއްވާ ބައްދަލުވުން ކެންސަލް ވެއްޖެ ކަމަށް ބުނެ ޢުމަރުގެ ނަމުގައި ފެތުރަމުންދާ އެސްއެމްއެސް އަކީ ފޭކު އެއްޗެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ އެއްވެސް އަސްލެއްނެތް އެފަދަ އެސްއެމްއެސްއެއް ފަތުރާ މީހުން އެކަން ކުރަމުން ގެންދަނީ އޭނާގެ ވާހަކަ އެހެން ބަޔަކަށް އަޑުއިވުނަ ނުދިނުމަށް ކަމަށެވެ. އެހެންނަމަވެސް މިރޭގެ ބައްދަލުވުމުގައި ޢުމަރު ދައްކަވާނީ ކޮންވާހަކައެއް ކަމެއް ޢުމަރު ހާމަކޮށްފައެއް ނުވެއެވެ.

ޢުމަރު މިރޭ ބާއްވާ ބައްދަލުވުން އޮންނާނީ ސަލްސާ ރޯޔަލްގައި މިރޭ 9:00 ގައެވެ. ޖާގަ އޮތްވަރަކުން މީހުންނަށް އެ ބައްދަލުވުމަށް ވަދެވޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ. އަދި އެ ބައްދަލުވުން ޗެނަލް 13 އިން ލައިވްކުރާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވާހަކަ ދައްކަވާނީ ޢުމަރެވެ. އޭނާގެ އިތުރަށް ޔޫސުފް ރަފީޢު ވެސް ވާހަކަ ދައްކަވާނެއެވެ. ޢުމަރު ވިދާޅުވީ ޔޫސޭ ވާހަކަ ދައްކަވާނީ ނޮވެބަރު ތިނެއްގެ ތަޖުރިބާއާ ބެހޭ ގޮތުން ކަމަށެވެ.

މިރޭގެ ބައްދަލުވުން ކެންސަލް ކޮށްފި ކަމަށް ބުނެ ޢުމަރުގެ ނަމުގައި ފެތުރި އެސްއެމްއެސްގައި ބުނެފައިވަނީ ބައްދަލުވުން ކެންސަލްކުރީ ބައްދަލުވުން ބާއްވައިފިނަމަ ރޫޅާލާނެ ކަމަށް ފުލުހުން އިންޒާރު ދެއްވުމުން ކަމަށެވެ. އެހެންނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ މިރޭގެ ބައްދަލުވުން ހުއްޓުވާނެ ކަމަށްބުނެ އިންޒާރު ދީފައި ނުވާނެ ކަމަށެވެ. ޤާނޫނީ އިމުގެ ތެރެއިން ބާއްވާ ސިޔާސީ އެއްވުންތައް ބާއްވާއިރު އެ ބާއްވާ ފަރާތްތަކަށް ސެކިއުރިޓީދެއްވައި އެފަރާތްތަކާ ބައްދަލުކުރައްވައި ކޯޑިނޭޓު ކުރައްވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޢުމަރު މި ބައްދަލުވުން ބާއްވަން އުޅުއްވީ ބޮޑު ޖަލްސާއެއްގެ ގޮތުގައެވެ. އެހެންނަމަވެސް ބާއްވަން އުޅުއްވި ދުވަސްވަރު ވިއްސާރަވެ ޖަލްސާ ވަނީ މިރެއަށް ފަސް ކުރައްވައިފައެވެ. އެހެންނަމަވެސް ޖަލްސާ ބާއްވަން ނިންމެވި ސަރަހައްދު ޖުލައި 26 އަށް ޚާއްސަ ކޮށްފައިވާތީ އެތަން މިރެއަށް ހަމަޖެހޭގޮތެއް ނުވިކަމަށް ޢުމަރު ވިދާޅުވިއެވެ. "މިނިވަން ދުވަހުގެ ޙަރަކާތްތަކަށް ދަތިވާގޮތަށް ޖަލްސާއެއް ބާއްވަން ބޭނުންމެއްނުވޭ. އެހެންނަމަވެސް ދެފަހަރުގެ މަތިން ޖަލްސާ ލަސްވެސް ކޮށްފައިވާތީ މިރޭ ބޭނުންވަނީ ބައްދަލުވުމެއްގެ ގޮތުގައި ބާއްވަން،" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.