މިވައިގެ ދަތުރު ފަތުރުތަކަކީ އެކަމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ބަލަހައްޓަންޖެހޭ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޚާއްޞަ ގޮތެއްގައި އެއަރޕޯޓުގައި ހިނގާފާނެ ނުރައްކާތެރި ހާދިސާއެއްގައި އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ތައްޔާރުވެފައިވަނީ ކިހާވަރަކަށްތޯ ބެލުމަކީ މުހިންމުކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލު ކަންދެއްވެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. ޚާއްސަކޮށް ވައިގެ ބަނދަރުތަކާއި، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއެކްސަސައިޒްގައި ސިފައިންނާއި ފުލުހުންނާއި އިސްކަންދަރު ވައިގެ ބަނދަރުގެ މުވައްޒަފުންނާއި ގަން ރީޖަނަލް ހޮސްޕިޓަލްއިން އަދި ކަމާގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.
މިސްނިސްޓަރ އެހެން ވިދާޅުވީ ކައްދޫ އެއަރޕޯޓުގެ ނަން އިސްކަންދަރު ވައިގެ ބަނދަރަށް ބަދަލުކުރުމަށްފަހު، ކައްދޫ އެއަރޕޯޓްސް ކޮމްޕެނީން ފުރަތަމަ ފަހަރަށް ބޭއްވި އެއަރޕޯޓް އިމަޖެންސީ އެކްސަސައިޒް ބެއްލެވުމަށްފަހު ދެއްކެވި ވާހަކަ ފުޅުގައެވެ.
ހައްދުންމަތީ ކައްދޫ އެއަރޕޯޓުގައި އެމަޖެންސީ އެކްސަސައިޒެއް މި ބޭއްވީ އެފަދަ އެކްސަޒައިޒެއް ނުބާއްވާތާ 21 އަހަރަށްފަހުގައެވެ.