ތަފާތު އުކުޅުތައް ބޭނުން ކުރައްވައިގެން ރައީސް ޔާމީންގެ ވެރިކަން ބަލިކުރާނެ ކަމަށް އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން އއ. ރަސްދޫގައި ރޭ ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި އާދަމް މުހައްމަދު ވިދާޅުވީ މިވެރިކަން ބަލިނުކުރެވޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. "އެހެންނަމަވެސް ﷲ ގެ އިރާދަފުޅާ އެކު އަޅުގަނޑު ދަންނަވާނީ އާނދޮގޭ ލާހިއްކެއް ނޫނޭ. އއ. މިއޮތީ ތެދުވެޔޭ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ވެރިކަން ނިންމާނަމޭ. އަޅުގަނޑުމެންގެ ލީޑަރުން ތިބީއެއް ރައީސް ޔާމީން ގޮތަށް ކުޑަކަކޫ މައްޗަށް ތިރިވެ ގޮތްހުސްވެފައެއްނޫން. އަޅުގަނޑުމެން ވަރަށް ތަފާތު އުކުޅުތަކާއެކު މިވެރިކަން ބަލިކުރާނަން. ރައީސް ޔާމީން މިކަމަށް ވަރަށް އާވާނެ،" އާދަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އީވޯޓިންއެއް ވެސް ބޭއްވިޔަ ނުދޭނެ ކަމަށެވެ. އޭގެ ބަދަލުގައި ދެފުށްފެންނަ މިނިވަން އިންތިޚާބެއް ﷲ ގެ އިރާދަފުޅާއެކު ހޯއްދަވާނެ ކަމަށެވެ. "މި ގައުމުގެ ކަރާމާތް އަޅުގަނޑުމެން ދަމަހައްޓާނަން، މި ގައުމުގެ ސިލްމާއި ސަލާމަތް އަޅުގަނޑުމެން ހިފަހައްޓާނަން. ރައީސް ޔާމީން ކުރިއަށް ގެންދަވާ ކަންތައްތަކާމެދު ތިޔަ ބޭފުޅުން އެއްގޮތަކަށްވެސް ކަންބޮޑުވެ ވަޑައި ގަންނަވާނެ ކަމެއް ނެތް. އެއީ ވަދާއީ ޝޯތައް. އެތަނަށް އެދަނީ އެމަނިކުފާނަށް ވަދާއު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ އިންތިޚާބަށް ނުކުންނަވަންޖެހޭނީ ކޮންމެވެސް އެއްޗެއް ހިފައިގެން ކަމަށެވެ. އެންމެ ކުޑަމިނުން ވައުދުތަކެވެސް ހިފައިގެން ކަމަށެވެ. މިސަރުކާރުން ރައްޔިތުންނަށް ކުރައްވަން ޖެހިވަޑައިގަންނަވާ ވައުދެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ބަހައްޓައިވައިގެން މިގައުމުގައި ކުރިއަރާނެ ވިޔަފާރިއެއްވެސް އަދި އިގްތިސާދެއްވެސް ނޯންނާނެ ކަމަށެވެ. ރައީސް ޔާމީން ވެރިކަމުގައި ބަހައްޓައިފި ކަމަށްވާނަމަ އަހަރު ދެކޮޅުގައި އޮންނާނީ ސްޓޭޓުއޮފް އިމެޖެންސީ (އެސްއޯއީ) ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޭއިންސާފާއި ވައްކަމަކީ ރައްޔިތުން ބޭނުންވާ އެއްޗެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން "ހުއްޓުވަން" ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން އެކަން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.