ގައުމިއްޔަތު ނުދިރުވައި ތަރައްގީގައި ކުރިއަށް ނުދެވޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެންނަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވުމުން އޭނާ ވިދާޅުވީ ގައުމިއްޔަތުގެ ތެރެއިންވެސް އެންމެ އިސްކަމެއް ދޭންޖެހޭނީ އިސްލާމްދީނަށް ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމް ދީނަށް އިސްކަން ދީގެން ގައުމިއްޔަތު ދިރުވައި އާލާ ކުރުމަކީ އެންމެވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ވެސް ކުރި ހޯއްދަވަމުން ވަޑައި ގަންނަވަނީ ގައުމިއްޔަތު އިސްކޮށް ބާތިލް ދީންތަކަށް ރާއްޖެއިން ފުރުސަތު ނުދެއްވައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ދީނުގެ މިނިވަންކަން ދިނުމަށް ގޮވާލަމުންދާ މިދަނޑިވަޅުގައިވެސް ރައީސް ޔާމީން އެކަންކަމަށް ކުރިމަތިލައްވަނީ ވަރަށް ސާބިތު ކަމާއެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުން ގެނެސްދެއްވާނެ ވެރިއެއް ކަމަށާއި، އެއްވެސް ރައްޔިތަކު ކަންބޮޑުވާނެ ކަމެއްނެތް ކަމަށްވެސް އޭނާވިދާޅުވިއެވެ. ރައީސް ޔާމީނަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވަން އެނގިވަޑައިގަންނަވާ ވެރިއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި 4 އަހަރުތެރޭގައި ރާއްޖޭގެ ޖީޑީޕީވެސް ވަނީ އެތައް ގުނައެއް އިތުރުވެފައި ކަމަށް އަދުރޭ ވިދާޅުވިއެވެ، "އެއަދަދު ވަނީ ހަތަރު ހާސް ފަސް ސަތޭކައިން ނުވަހާސް ހަތް ސަތޭކައަށް އިތުރުވެފައި" އަދުރޭ ވިދާޅުވިއެވެ. މީނޫނަށް އެތައް ކަމަކުން އެމަނިކުފާނު ގެންދަވަނީ ގައުމަށް ކުރިއެރުން ހޯއްދަވައި ދެއްވަމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފާއިތުވި 4 އަހަރު ކުރިއަށް ގޮސްފައިވަނީ ފަސޭހަ ކަމާއެކު ނޫން ކަމަށެވެ. އެކި ގޮތްގޮތުން ރައީސް ޔާމީނަށް އައީ އެތެރެއިންނާއި ބޭރުން ދަތިކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފަހުން ފުރާނައަށް ނުރައްކާވެސް ކުރި ކަމަށް އަދުރޭ ވިދާޅުވިދާޅުވިއެވެ.