މާލޭގެ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ފުރިހަމަ އޮޑިޓެއް ހެދުމަށް ގޮވާލައިފި

މާލޭގެ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ފުރިހަމަ އޮޑިޓެއް ހެދުމަށް ގޮވާލައިފި އެވެ. މިކަމަށް ގޮވައިލައިފައި ވަނީ  މާލޭގެ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައި، މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައެވެ. 

ކުއްލި މައްސަލަހުށަހެއްޅުއްވީ، މަޑުއްވަރީ ދާއިރާ މެންބަރު އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ.

ކުއްލި މައްސަލައިގައި މާލޭގެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފައިމިވަނީ ، މިދޔަ ޖެނުއަރީ 26 ވަނަ ދުވަހު ބިއްލޫރި ޕެލެޓެއްގެ ދަށުވެ ދެ މީހަކަށް އަނިޔާވެ އޭގެ ތެރެއިން އެކަކު ނިޔާވެފައިވަނިކޮށެވެ. އަދި މިމަހު ހަތަރު ވަނަ ދުވަހު ކާޕެޓް ރޯލެއްގެ ދަށުވެ އެތަނުގައި މަަސައްކަތްކުރި ޒުވާނަކު ސީރިއަސް އަނިޔާތަކަކަށް ފަރުވާ ހޯދަމުން ދާ ދަނޑިވަޅެއްގައެވެ. 

ކުއްލި މައްސަލައިގައި މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެއްވުމާއި ފަރުވާކުޑަވުމާއި މަސައްކަތް ކުރާ މާހައުލުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަމަށް އިހުމާލުވު އެތަނުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ސުޕަވިޝަނާއި މޮނީޓަރިން މިހާރަށް ވުރެ ވަރުގަދަ ކުރުމަށާއި އަދި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ފުރިހަމަ އޮޑިޓެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާއިން ހެދުމަށާއި  އޮޑިޓާ ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ ގޮވާލާފައެވެ. 

ރިސްކް މެނޭޖްމަންޓް ސިސްޓަމް ހަރުދަނާ ކުރުމަށާއި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެގޮތުން އެނގެން ޖެހޭ ކަންކަމަށް އެމީހުން އަހުލުވެރިކޮށް  އެކަމަށް ބޭނުންވާ ތަމްރީނުތައް ފަހިކޮށްދިނުމަށްވެސް ގޮވާލާފައިވެއެވެ. 

މަޖޫރީ ކުންފުނިތަކުން ލާޒިމްކުރާ ކަންކަމާއި ޒިންމާތައް އަދާކުރަމުންދޭތޯ ބެލުމަށާއި އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މިހުންނަށާއި އާއިލާތަކަށް އިންސާފު ހޯދައިދުމަށް ވެސް ވަނީ ކުއްލި މައްސަލައިގައި ގޮވާލައިފައެވެ. އަދި އިމަޖެންސީ ވަގުތުގައި އަނިޔާ ލިބޭ މީހުންނަށާއި އާއިލާތައްކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޚާއްސަ ސަމާލުމަކެއް ދިނުމަށްވެސް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފައެވެ. 

އެ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތީ 31 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ހަތަރު މެންބަރުން ދެކޮޅަށް ވޯޓް ދެއްވިއިރު ވަކި ކޮޅަކަށް ނުޖެހި ހަ މެންބަރުން ވޯޓް ދެއްވިއެވެ.  މަޖިލީހުން ކުއްލި މަސަލަ ބަލައިގަތުމުން ވަނީ ބަހުސް ކުރިއަށް ގެންގޮސްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.