އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިފި

ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެ، ރާއްޖޭގެ ވެރިކަމަށް ޕީއެންސީ އަތުވެއްޖެނަމަ، އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

އެ ޕާޓީން ބުނީ އެކަނިވެރިމައިންނަށް އެލަވަންސް ދިނުމުގައި ދަރިން ތިބޭ ނިސްބަތަަށް ބަަލައި، ކޮންމެ ކުއްޖަކަށް 3،000ރ. ގެ މަގުން އެލަވަންސް ބޮޑު ކުރާނެ ކަމަށެވެ.

ޕީއެންސީ، ޕީޕީއެމް އިން މިގޮތަށް ނިންމާ، މެނިފެސްޓޯގައި ހިމަނާފައިވާއިރު، އެކަނިވެރިމައިންނަށް މިހާރު އެލަވަންސް ދެނީ ކުދިންގެ ނިސްބަތުން ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ ގެ މަގުންނެވެ.

ދަރިން އިތުރުވާ ވަރަކުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 10،000 ރުފިޔާ އާއި ހަމައަށް މި އެލަވަންސް ލިބޭ ގޮތަށް 2019 ވަނަ އަހަރު ބަދަލު ގެނެސްފައިވާއިރު، އެކަނިވެރިމައިންނަށް 10،000ރ. ލިބޭނީ 10 ކުދިން ބަލާ ނަމަ އެވެ.

މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000ރ. އަށް ބޮޑު ކުރުމުން ހަތަރު ކުދިންނަށް ވުރެ ގިނައިން ދަރިން ތިބި މީހުންނަށް 12،000ރ. އެކަނިވެރިމައިންގެ އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ.

އެކަނިވެރިމައިންނަށް ދޭ އެލަވަންސްގެ އިތުރުން، އެކަނިވެރިމައިންނަށް ހާއްސަކޮށް ހައުސިން ސްކީމެއް ވެސް ފެށުމަށް މެނިފެސްޓޯގައި ހިމަނާފައި ވެ އެވެ. ދެ ކޮޓަރީގެ 1،000 އެޕާޓްމެންޓް އެކަނިވެރިމައިންނަށް ހާއްސަ ކުރަން މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

އަންހެނުންނަށް ހާއްސަކޮށް މުއިއްޒު ވައުދުވި ބައެއް ކަންކަން

- އަންހެނުންގެ ވިޔަފާރިތަކަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ސްޓާޓް-އަޕް ސްކީމެއް.

- ސިވިލް ސާވިސްގެ ސީނިއާ މެނޭޖްމެންޓުގައި އަންހެންނުން އިތުރު ކުރުން.

- ދެ ޖިންސުގެ ހަމަހަމަކަން އޮންނަ މަސައްކަތުގެ މާހައުލުތައް ފާހަގަކުރުމުގެ ގޮތުން އެފަދަ އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތައް ސެޓިފައި ކުރުން.

- ބައިގެންދާ އަންހެނުނަށް ޕެއިޑް- ލީވް ދިނުން.

- ނެޝަނަލް މެޓާނިޓީ އެންޑް ޗަލްޑް ކެއާ ހޮސްޕިޓަލެއް ހެދުން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.