އައްޑޫސިޓީ ހިތަދޫ ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެކުދިންގެ ތެރެއިން ކުއްޖެއްގެ ސޯޓު ކަމަށް ބެލެވޭ ސޯޓެއް ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެ ސޯޓު ފެނިފައިވަނީ ހިތަދޫ ފުލެޓްތަކާ ދިމާ ގޮނޑުދޮށުން ކަމަށެވެ. އެހެންނަމަވެސް އެ ސޯޓު ފެނިފައިވަނީ ކޮވަގުތަކު ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
އެއިން ކުއްޖެއްގެ ޓީޝާޓު ކަމަށް ބެލެވޭ ޓީޝާޓެއްވެސް ފެނުނު ކަމަށް ފުލުހުން ކުރިން ވިދާޅުވިއެވެ. އެހެންނަމަވެސް މިހާދިސާގައި ސަލާމަތްވި ކުއްޖާ ބުނެފައިވަނީ އެއީ އެއިން ކުއްޖެއްގެ ޓީޝާޓު ނޫންކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ދެކުދިން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުގެ ލޮނުގަނޑު މަތިން ގެންދަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކޯސްޓް ގާޑުގެ ޑައިވަރުން ގެންދަނީ ކަނޑުގެ އަޑިންވެސް އެކުދިން ފެނޭތޯ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެކުދިން ހޯދުމުގެ މަސައްކަތް މިހާރުވަނީ ފުޅާކޮށް އައްޑޫސިޓީ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ. އެމަސައްކަތް ހުއްޓުމެއްނެތި ރެއާދުވާލު އެމްއެންޑީއެފުން ގެންދަވަނީ ކުރައްވަމުންނެވެ.