ހިތަދުއަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފިން ދެންވެސް އަޅުގަނޑަށް ފުރުސަތު ދެއްވާ: ރައީސް

މިސަރުކާރުން މިހާތަނަށް އައްޑޫ ސިޓީ ހިތަދުއަށް އެކަނިވެސް 1.4 ބިލިއަންރުފިޔާ ތަރައްގީއަށް ހޭދަކުރައްވައިފި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ޕީޕީއެމުން ހިތަދޫ ސްޓޭޖު ސަރަހައްދުގައި މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ހިތަދުއަށް ޚަރަދުކޮށްފައިވަނީ 210 މިލިއަން ރުފިޔާ ކަމަށެވެ.

އައްޑޫ އިތުރަށް ތަރައްގީ ކުރެއްވުމަށް ދެންއޮތް ދައުރެއްގައި ވެސް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ މިމަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާންގޮސް އެއްނަމްނަރު ކެންޑިޑޭޓު ނޫން އެހެން މީހަކު ފެނިގެން ނުވާނެ ކަމަށެވެ. އުންމީދެއް އޮތް ކަމަށްވާނަމަ ކެންޑިޑޭޓު ނަމްބަރު އެކަކަށް ވޯޓުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ބައެއް މީހުން އިގްތިސާދީ ވާހަކަ ދައްކަވާތީ އެމަނިކުފާނު އެކަމާ ހާސްވެ ވަޑައިނުގަންނަވާ ކަމަށެވެ. މިސަރުކާރުން ވަނީ އައްޑުއަށް ފެނާއި ނަރުދަމާއި ބޯހިޔާވަހިކަމާއި މަގުހެދުމުގެ މަސައްކަތް ފޯރުކޮށްދެއްވަން ފަށްޓަވައިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީ ސަރުކާރުގައި މި ސިޓީއަށް ދީފައިވަނީ ހަމައެކަނި ސިޓީއެއްގެ ނަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މުޅިއައްޑުއަށް އެމަނިކުފާނުގެ ސަރުކާރުންވަނީ 2.2 ބިލިއަން ރުފިޔާ ޚަރަދު ކުރައްވައިފައިވައި ކަމަށާއި އޭގެ ކުރީގެ ފަސް އަހަރުގައި ހޭދަ ކުރައްވައިފައިވާ ޖުމްލަ އަދަދަކީ 455 މިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން މަރަދޫ ތަރައްގީއަށް ހޭދަކޮށްފައިވަނީ 44 މިލިއަން ރުފިޔާ ކަމަށާއި މިސަރުކާރުން 95 މިއަން މިހިސާބަށް ޚަރަދުކުރައްވައިފި ކަމަށް ރައީސް ވިދާޅިވިއެވެ. މިސަރުކާރުން ފޭދުއަށް 284 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދު ކުރައްވައިފިކަމަށާއި އެމްޑީޕީ ސަރުކާރުން ހާދަކުރައްވައިފައިވަނީ 36 މިލިއަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހުދުއާއި މީދޫގެ ތަރައްގީއަށް މިސަރުކާރުން 350 މިލިއަން ޚަރަދު ކުރައްވައިފި ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލެ ފިޔަވާ އެންމެބޮޑު ޚަރަދެއް ކޮށްފައި މިވަނީ އައްޑުއަށް ކަމަށެވެ.

އައްޑޫގައި ހިންގަވާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއްގައި އައްޑޫ ރައްޔިތުން ހޮވައިފައިވާ އެއްވެސް މެމްބަރެއްގެ ހިއްސާއެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަނަމަވެސް އެބޭފުޅުންގެ ހިއްސާއާ ނުލައިވެސް އައްޑޫ މިދަނީ ތަރައްގީވަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ވެއްޓުމުން އެޕާޓީން ވަނީ އައްޑުއަށް ވަރަށްބޮޑެތި ގެއްލުންތަކެއް ދީފައިކަމަށާއި އެކަމުން އަރައިގަތުމަށް ވެސް ބޮޑެތި އުދަގޫތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.