ރައީސް ނަޝީދާއެކު މަސައްކަތް ކުރަނީ ދީނުގެ އަދާވާތްތެރިން:އަދުރޭ

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުގައި މަސައްކަތް ކުރައްވަނީ މާތްވެގެންވާ އިސްލާމްދީނުގެ އަދާވާތްތެރިން ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ "ކެނެރީގެ މުހައްމަދު ނަޝީދު ނުވަތަ ކެނެރީ އަނދިރިންނާއި އޭނާގެ ފެކްޝަނުގައި މަސައްކަތްކުރާ މީހުންނަކީ ދިވެހިގައުމާއި ދިވެހި ރައްޔިތުންގެ ދުޝްމަނުން. މާތްވެގެންވާ އިސްލާމްދީނުގެ އަދާވާތްތެރިން،" ކަމަށެވެ.

އޭނާ ވިދާޅިވީ އިސްލާމްދީނަށް ލޯބިކުރާ ބޭފުޅުން އެމްޑީޕީގައިވެސް އެބަތިބި ކަމަށާއި، އެފަދަ ބޭފުޅުން ރައީސް ނަޝީދުގެ ފެކްޝަނާ ވަކިވުމަށް އަދުރޭ ވަނީ ގޮވައިލައްވައިފައެވެ. "އެފަދަ ބޭފުޅުންނަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަން ބޭނުން ކެނެރީ އަނދިރިންގެ ފެކްޝަނާ މިހާރުން މިހާރަށް ތިޔަބޭފުޅުން ވަކިވެ ވަޑައިގަންނަވާށޭ. ތިޔަ ބޭފުޅުންނަކީ މާތްވެގެންވާ އިސްލާމްދީނަށް ތާއިދު ކުރައްވާ ބޭފުޅުން ކަމުގައިވަނީ ވިއްޔާ މިހާރުން މިހާރަށް ކެނެރީ އަނދިރިންނާ ދުރަށް ޖެހިވަޑައިގަންނަވާށޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖެއަށް ގެންނަން މަސައްކަތްކުރާ ކޮންމެބަޔަކާ ދެކޮޅަށްވެސް މަސައްކަތް ކުރުމަށް ޕީޕީއެމްއާއި ޕީޕީއެމްގެ ސަރުކާރުއޮތީ ތައްޔާރަށް ކަމަށެވެ. އެފަދަ މީހުން އުޅެނީ ދިވެހިރައްޔިތުންނަށް ހެޔޮއެދިންގެން ނޫންކަމަށާއި، އެފަދަ މީހުން އުޅެނީ ރާއްޖެއަށް ލިބިފައިވާ ސަތޭކަޕަސެންޓު އިސްލާމީ ގައުމުގެ ނަން ފޮހެލައި ބާތިލް ދީންތައް ރާއްޖެއަށް ގެންނަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބާތިލްދީންތައް ރާއްޖެއަށް ގެނެސްގެންވެސް ވެރިކަންނޫން އެއްޗެއް އެމީހުން ބޭނުންނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެމީހުންނަށް ވެރިކަންނޫން އެއްޗެއް ނެތް. އެމީހުންނަކީ ގައުމިއްޔަތެއް އޮތް ބައެއްނޫން. ދީނެއް އޮތްބައެއްނޫން. މިއްލަތެއް އޮތްބައެއްނޫން،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އީޔޫއިން މިއަދު ނެރުނު ރިޕޯޓަކީ ނުވަތަ ނިންމުމަކީ އިދިކޮޅު ފަރާތްތަކުން އެތަނަށް ހުށަހެޅި ހުށަހެޅުންތަކާހެދި ނިންމި ނިންމުމެއް ކަމަށެވެ. އޭގައިވަނީ ދިވެއްސަކު އިސްލާމްދީން ދޫކޮށްލިޔަސް، އޭނާގެ ކިބައިން ދިވެހިރައްޔިތެއްކަން ގެއްލިގެންނުވާނެ ކަމަށެވެ. އަދި އެފަދަ މީހުންނަށް އިންތިޚާބުތަކުގައި ވާދަކުރެވި ވޯޓުވެސް ދެވެންވާނެ ކަމަށެވެ. އެގޮތަށް ރާއްޖޭގެ ގާނޫނުތައް އިސްލާހު ކުރުމަށް އެރިޕޯޓުގައި ބުނެފައިވެއެވެ. އެހެން ކަމުން އެފަދަ އެއްވެސް ހުށަހެޅުމެއް ޕީޕީއެމް ސަރުކާރުން ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކަންކަމަށް ދިވެހިރައްޔިތުން ވަރަށް ބޮޑަށް ސަމާލުވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

ކުރިއަށްއޮތީ ރިޔާސީ އިންތިޚާބުކަމާއި، ރިޔާސީ އިންތުޚާބުގައި މިފަހަރު ވޯޓުދޭން މިޖެހެނީ އެއްކޮޅުން އިސްލާމްދީނަށް ކަމަށާއި އަނެއްކޮޅުން ބާތިލް ދީންތަކަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.