މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރާކަށް ނުޖެހޭ: ޖަމީލް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރާކަށް ނުޖެހޭ ކަމަށް ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

ޖޭޔޫ މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފި ކަމަށްވާނަމަ މެމްބަރުންގެ މުސާރަ އެއްލައްކަ ފަންސާސް ހާސް ރުފިޔާއަށް ބޮޑު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައި ވަނިކޮށްނެވެ.

ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި އޭނާ މަޤާމުން ދުރުކޮށްފި ކަމަށްވާނަމަ އެމަޤާމަށް ކުރިމަތި ލައްވާނެ ކަމަށެވެ. އަދި ހޮވިވަޑައިގެންފިނަމަ އެ ޢަދަދަށް މެމްބަރުންގެ މުސާރަ ބޮޑުކޮށް ދެއްވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުންވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އޭގައި ޕީޕީއެމްގެ 14 މެމްބަރަކު ވެސް ވަނީ ސޮއި ކުރައްވައިފައެވެ.

ޖަމީލް އުސްމާން ވިދާޅުވެފައިވަނީ މެމްބަރުންގެ މުސާރަ ބޮޑު ކުރުމުގެ ބަދަލުގައި މަޖިލީހަށް ހާޒިރުނުވާ މެމްބަރުންގެ މުސާރަ އުނިކުރެވޭނެ އުސޫލެއް މަޖިލީހުގެ ގަވާއިދުގައި ހިމަނަން ޖެހޭ ކަމަށެވެ.

"މަޖިލީހުގެ މެމްބަރުންނަށް މުސާރަ ބޮޑުކުރާކަށް ނުޖެހޭ. ކުރަންޖެހޭ ކަމަކީ މަޖިލީހުގެ ސެޝަންތަކަށް ހާޒިރުނުވާ މެމްބަރުންނަށް މުސާރަ ކަނޑާނެ އުސޫލެއް މަޖިލިސްގެ ޤަވާއިދަށް އިތުރު ކުރުން،" ޖޭޔޫގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.