ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ ބޭންޑާއެކު ބޮޑުބެރު ފެނިގެންދާނެ

ދިވެހި ސިފައިންގެ 126 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ހިނގާލުން އޮންނާނީ ސިފައިންގެ އަހަރީ ދުވަސް ކަމުގައިވާ އޭޕްރިލް 21 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:15 ގައެވެ.

ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އެމްޕީއެލް ސަރަހައްދު ފިތުރޯނުމަގާއި އަސުރުމާ ހިނގުމުގެ ކަންމަތިންނެވެ. ޝަރަފުގެ ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަސުރުމާހިނގުމުން، ނިރޮޅުމަގުން، ހުވަނދުމާހިނގުމުން، ފިތުރޯނުމަގަށެވެ. ޝަރަފުގެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ފިތުރޯނުމަގު، އެމްޕީއެލް ސަރަހައްދާ ހަމައަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހަތަރު ތަނެއްގައި ޝަރަފުގެ ހިނގާލުމުގެ ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވަނީ އަސުރުމާހިނގުމާއި، ނިރޮޅުމަގާއި، ހުވަނދުމާހިނގުމުން ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދާއި، ފިތުރޯނުމަގު ފެރީ ޓާރމިނަލް ކައިރީގައެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ބޭންޑުން ކުޅޭ ރާގުތަކާއެކު ބޮޑުބެރު ޖަހާގޮތަށް ވަނީ ހަމަޖެހިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޝަރަފުގެ ހިނގާލުމެއްގައި މިފަހަރު ސިފައިންގެ ބޭންޑާއެކު ބޮޑުބެރު ތަޢާރަފުކުރެވިފައި މިވަނީ ފުރަތަމަ ފަހަރަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.