ޖޭޕީއަށް މިވަގުތު އެންމެ ރަނގަޅީ ސަރުކާރާއެކު އޮތުން: ސައުދު  

ޖޭޕީގެ ނާއިބު ރައީސް އަޙުމަދު ސަޢުދު

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއެކު އޮތުން ކަމަށް އެޕާޓީގެ ނާއިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ މިހާރު މިއޮތް ސަރުކާރަކީ ކޯލިޝަނަކުން އައިސްފައިވާ ބަދަހި ސަރުކާރެއް ކަމަށެވެ. މިފަދަ ބަދަހި ސަރުކާރާއެކު ބަދަހިކޮށް އޮވެފައި ޖުމްހޫރީޕާޓީއަކުން އަމިއްލައަށް ފެއަށް ޖެހިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ތެރޭގައި ތިބި މަދު ބަޔަކު ގެންދަނީ ކޯލިޝަން ރޫޅާލައި މުޅި އެތި އެމީހުންގެ އަތަށް ނަގަން ކަމަށް ސައުދު ވަނީ ތުހުމަތު ކުރައްވައިފައިފައެވެ. "އެހެންނަމަވެސް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގައިވެސް މިވަގުތު އެންމެ އިސްކޮށް ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙަކީ ވިސްނުންފުޅު ތޫނު ކަންކަމުގެ ހަކޮޅު ފެނިވަޑައިގަންނަވާ ދުރުވިސްނިވަޑައިގަންނަވާ ބޭފުޅެއް. އެމަނިކުފާނު އަތްޕުޅުގައި ހުންގާނު އޮތްހާ ހިނދަކު ކޯލިޝަނަށް ބުރޫ އަރާނެ ކަމަށް ޤަބޫލެއްނުކުރަން،" ސައުދު ވިދާޅުވިއެވެ.

ރީތިކޮށް ގޮސްގޮސް އޮތްކަމެއް ހަލާކުކޮށްލަން އެމްޑީޕީގެ ތެރެއިން ބަޔަކު މަސައްކަތްކުރަމުންދާއިރު އެކަން އެހެންވިޔަ ނުދީ ރަނގަޅުގޮތުގައި ކަންކަން ކުރިއަށް ގެންދަން މަސައްކަތްކުރާ މީހުން އެޕާޓީގައި މާގިނަ ކަމަށްވެސް ދަޢުދު ވިދާޅުވިއެވެ. އެހެންވީމާ ފަސް އަހަރުގެ ޓާމު ނިމެންދެން ކޯލިޝަން ދެމިއޮންނާނެ ކަމާމެދު ޝައްކު ކުރުމުގެ ޖާގައެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިވަގުތު އެންމެ ކުރީގައި އޮތީ އެމްޑީޕީއާއި ޖޭޕީ ކަމަށެވެ. ޖޭޕީން މިހާރުވަނީ ޕާޓީގެ ގުރާސް ރޫޓު ވަރުގަދަ ކުރުމަށްޓަކައި މެމްބަރޝިޕް އިތުރު ކުރުމުގެ މަސައްކަތް  ފަށައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެޕާޓީއަށް އޮތް ތާއީދު ވެސް މިހާރު އަންނަނީ އިތުރުވަމުން ކަމަށް ވިދާޅުވިއެވެ. "އެއީ ވެރިކަންކުރާ ކޯލިޝަނުގައި ޖޭޕީ އޮތްހާދުވަހަކު ކޯލިޝަނަނަށް ލިބިގެންދާނެ އިތުރު ބާރަކަށްވާނެ ކަމެއް،" ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.