ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ރާއްޖެ ފޫހިތަނަކަށް ހަދަން:ޝިފާޒު

ރައީސް ޔާމީން މަސައްކަތް ކުރައްވަނީ މިރާއްޖެ ފޫހިތަނަކަށް ހައްދަވަން ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި އެއްވުމުގައި ވާހަކަ ދައްލަވަމުން ޝިފާޒު ވިދާޅުވީ މި ސަރުކާރުން ގެންދަވަނީ މާލޭގެ ހުރިހާ ގަސްތަކެއް ކަނޑައި ހުސް ކުރަމުން ކަމަށެވެ. "މާލޭގައި ވަށައިގެން ދުއްވޭކަށްނެތް، ހިނގާލެވޭކަށްނެތް، ހިޔަލެއްވާކަށް ގަހެއް ހުރީއެއްނޫން. ހުރިނަމަށް އެދަނީ ކަނޑަމުން. ކުރީ ސަރުކާރުތަކުން ބުނަމުން އައިސްފައިވަނީ ގަހެއް ކަނޑައިފިއްޔާ ކަނޑާ ގަހަކަށް ދެގަސް އިންދަން،" ޝިފާޒު ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަމުން ގެންދަނީ މިރާއްޖެއަކީ ފޫހި ރާއްޖެއަކަށް ހެދުމަށް ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ. އެހެންނަމަވެސް ފޫހި ރާއްޖެއަކަށް މިތަން ހެދުމުގެ ޖާގައެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަބްދުﷲ ޔާމީންގެ ނަޒަރުގައި އަޅުގަނޑުމެން ހީލައިގެންވެސް ނުވާނެ. ލަވައެއް ކިޔައިގެންވެސް ނުވާނެ. ލަވައެއް އަޑުއަހައިގެންވެސް ނުވާނެ. އަޅުގަނޑުމެން ހިނގާލައިގެންވެސް ނުވާނެ. ދުވެލައިގެންވެސް ނުވާނެ. އަޅުގަނޑުމެން މިރާއްޖޭގައި ތިބެންޖެހެނީ ފޫހިވެފައި ގޮތެއްނެތިފައި ތިބި ބައެއްގެ ގޮތުގައި. އެހެންނަމަވެސް ފޫހިކަމެއްނެތި އުފަލުގައި މިރާއްޖޭގައި އުޅެވޭނެގޮތް އަޅުގަނޑުމެން ހަދައިދޭނަން،" ޝިފާޒު ވިދާޅުވިއެވެ.

ރައީސް ޔާމީން ހުންނެވީ ފިތިފައިވާ ދައްލަތެއްގެ ތެރޭގައި ކަމަށާއި އެގޮތަށް ހުންނަވައިގެން ދިވެހި ޒުވާނުންގެ އެތައް އުންމީދުތަކެއް ނަގާލުމުގެ ބޭނުމުގައި ކުރައްވަމުން ގެންދަވާ ކަންކަމަށް ދިވެހި ޒުވާނުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އުފާވެރިކަމާއި ފާގަތި ކަމާއެކު ރާއްޖޭގައި ކަންކަން ކުރުމުގެ މިނިވަންކަމަށް ރައްޔިތުންނަށް އޮންނަވާނެ ކަމަށެވެ. އެމްޑީޕީގެ ސިޔާސަތުތައް ބައްޓަން ކުރަނީ ޒުވާނުންނާ ގުޅޭގޮތަށް ޒުވާނުންނާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.