ނޯކޮންފިޑެންސް ވޯޓާ ކުރިމަތި ލައްވަން ރައީސަށް ކެރިވަޑައިގަންނަވަން ޖެހޭނެ: ޑރ. މައުސޫމް

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އިތުބާރުނެތް ކަމުގެ ވޯޓަކާ ކުރިމަތި ލައްވަން ރައީސް ޔާމީނަށް ކެރިވަޑައިނުގެންނެވި ކަމަށް ކުރީގެ މިނިސްޓަރ އަދި މަޖިލިސް މެންބަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި މަގުމަތީ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. "ގަޓުހުރެގެން ކަމަށް ވާހަކަ ދައްކާއިރު މިރައީސުލްޖުމްހޫރިއްޔާއަށް ކެރިވަޑައިނުގަނޭ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ކުރިމައްޗަށް ވަޑައިގެން ނޯކޮންފިޑެންސް ވޯޓަކަށް ފޭސް ކުރައްވަން،" ޑރ. މައުސޫމް ވިދާޅުވިއެވެ.

އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ފަދަ ބޭފުޅުން އެގައުމުގެ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ނޯކޮންފިޑެންސް ވޯޓާ ކުރިމަތި ލައްވަން ކެރިވަޑައިގެންނެވި ގޮތަށް މިގައުމުގެ ރައީސަށް ވެސް ކެރިވަޑައިގަންނަވަންޖެހޭނެ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ. މިސަރުކާރުން ނޯކޮންފިޑެންސް ވޯޓު ދެކެ ބިރުގަންނަ ކަމަށާއި ސަރުކާރު ދަމަހައްޓަވަމުން ގެންދަވަނީ މަދު ސިފައިންގެ އެއްބާރުލެއްވުމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވެސް ގޯސް މަގުން ވަޑައިގަންނަވާ ކަމަށްވާނަމަ އެކަން ހަނދާން ކޮށްދެއްވައި ހަމަމަގަށް އެޅުއްވުމަކީ ސިފައިން ކުރައްވަންޖެހޭނެ ކަމެއް ކަމަށް ރައީސް ޔާމީން ކުރިން ވިދާޅުވެފައިވާ ކަމަށާއި އެ ވިދާޅުވުމުގެ މަތިން ސިފައިން އެކަން ކޮށްދެއްވުމަށް ޑރ. މައުސޫމް މިރޭވަނީ ސިފައިންނަށް ގޮވައިލައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.