ރައީސް ޔާމީނަށް ތާއިދުކޮށް ގަމުގައި ސައިކަލް ބުރެއް ބާއްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކޮށް ލ. އަތޮޅު ގަމުގައި ސައިކަލް ބުރެއް މިއަދު ހަވީރު ބާއްވައިފިއެވެ.

މިއީ ގަމުގެ ޒުވާނުން އިސްނަގައިގެން ބޭއްވި ސައިކަލް ބުރެކެވެ. އެ ބުރުގައި ގަމުގެ އިތުރަށް އެހެން ރަށްރަށުގެ ޒުވާނުންވެސް ވަނީ ބައިވެރިވެފައެވެ. އެ ބުރަކީ މާދަމާރޭ ބާއްވާ "މިތިބޫ ރައީސް ޔާމީނާއެކު" މިނަމުގައި ބާއްވާ ޖަލްސާގެ ކުރިން ބޭއްވި ސައިކަލް ބުރެކެވެ.

ސައިކަލް ބުރުގައި ބައިވެރިވި ބައެއް ޒުވާނުން ބުނެފައިވަނީ ރައީސް ޔާމީން ސަރުކާރުން ޒުވާނުންނަށް ކޮށްދެއްވާ ކަންކަން ބަލައިގަންނަ ކަމަށެވެ. އެގޮތުން ގަމުގައިވެސް ފުޓުސަލް ދަނޑު ހަދައިދީފައިވާ ކަމަށާއި، ބަހުގެ ޚިދުމަތާއި ހޮސްޕިޓަލުން ދެއްވާ ޚިދުމަތްތައްވެސް ދުވަހުން ދުވަހަށް ރަނގަޅުވެ އެކަމުގެ ފައިދާ މުޅި ރައްޔިތުންނަށްވެސް މިހާރު ލިބުންދާ ކަމަށް ޒުވާނުން ބުނެފައިވެއެވެ.

މަދަމާރޭ ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމްގެ ވަފުދެއްވަނީ ލ. އަތޮޅަށް ގޮސްފައެވެ. އެވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކާއި، މަޖލީހުގެ ބައެއް މެންބަރުން ހިމެނިވަޑައި ގަންނަވައެވެ. އޭޖަލްސަގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައީސް ޔާމީންގެ އަނބި ކަނބަލުންވެސް ބައިވެރިވެ ވަޑައި ގަންނަވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ޖަލްސާ އޮންނާނީ ގަމުތުނޑީ އަވަށުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.