ހިންމަފުށީ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

މާލެއަތޮޅު ހިންމަފުށީ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެކަށީގެންވާ ބޯފެނުގެ ނިޒާމާއި  ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ. ހިންމަފުށީގައި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އެކަމަށްޓަކައި ކ. ހިންމަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ތާރިގު އިބުރާހީމެވެ.

ހިންމަފުށީގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން، ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެކުފުންޏާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 ޖޫން 2017 ގައެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 468 ދުވަހެވެ.

މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއަށް ޖުމްލަ 45,028,262.88 ދިވެހި ރުފިޔާ ޚަރަދުވެއެވެ.

މި މަޝްރޫއަށް ފައިސާ ހަމަޖެހުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގް އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިން ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ކ.ހިންމަފުށީގައި ނަރުދަމާ ވިއުގަ ގާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއިއެކު މި ނިޒާމު ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެއް ގާއިމުކުރާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.