ތިން ރަށެއްގެ ނަރުދަމާ ނިޒާމް 12 މަހުން ނިންމުމަށް ބަޔަކާ ވާލުކޮށްފި

ފ. ބިލެތްދޫ، ރ. އިންނަމާދޫ، ށ. ފީވަކުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު ޝިހާދެވެ.

މި މަޝްރޫޢުގެ ދަށުން ށ. ބިލެތްދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ޖުމްލަ 19,341,502.00 ރުފިޔާ ޚަރަދުވާނެ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ރ. އިންނަމާދޫގެ ނަރުދަމާ ނިޒާމު ގާއިމްކުރުމަށް ޖުމްލަ 11,483,512.65 ރުފިޔާ ޚަރަދުވާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ. ށ. ފީވަކުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ޚަރަދުވާނީ ޖުމްލަ 11,962,844.07 ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ތިން ރަށުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް މުޅި ޖުމްލަ 42,787,858.72 (ސާޅީސް ދެ މިލިޔަން ހަތްސަތޭކަ އަށްޑިހަ ހަތް ހާސް އަށްސަތޭކަ ފަންސާސް އަށް ރުފިޔާ ހަތްދިހަ ދެ ލާރި) ޚަރަދުވާނެއެވެ. އެއީ ދިވެހި ސަރުކާރުގެ ޕަބްލިކް ސާރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މި އެއްބަސްވުމުގެ ދަށުން ނަރުދަމާގެ ނެޓްވޯކް ގުޅައިދިނުމާއި، ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމާއި، ގޭގެއަށް ނަރުދަމާ ގުޅައިދިނުމާއި ސީ އައުޓްފޯލް އަދި އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އަޅައިދޭނެއެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން އެއް އަހަރުތެރޭ ނިންމާ ގޮތަށެވެ.

މިސަރުކާރުން ގެންދަވަނީ ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެއްވުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރައްވަމުންނެވެ. އޭގެ އިތުރަށް ލަފައިފުރުމުގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.