ދެކަފި - 52

(5 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަރްޙާން އެއައީ އަދިވެސް އެއްފަހަރު ، އެކައިވެނި ނުރޫޅި ދެމެހެއްޓޭނެ ގޮތެއް ފެނޭތޯ ސާރާއާ ވާހަކަ ދައްކާށެވެ. ސާރާގެ މައިންބަފައިން ފަރްޙާންގެ ކިބައިން އެދުނީ ، އެގެޔަށް އައިސް ސާރާގެ ކިބައިން މަޢާފަށް އެދުމަށެވެ. އޭރަށް ސާރާ ހުށަހަޅާފައިވާ ވަރީގެ މައްސަލަ އަނބުރާ ނަގާނެކަމަށް ބުނެގެންނެވެ. ހުރިހާކަމެއް ހަނދާން ނައްތައިލާފައި ފަރްޙާން އެގެޔަށް އައިސް ސާރާގެ ކިބައިން މަޢާފަށްވެސް އެދިއްޖެ އެވެ. ފަރްޙާން ބޭނުންވަނީ ، އެހިސާބުން ، ވަރީގެ ވާހަކަ ނުދައްކާ ކައިވެންޏައިގެން ކުރިޔަށް ދާށެވެ. އެހެންނަމަވެސް ، ސާރާ އެކަމަށް އެއްބަހެއް ނުވެއެވެ. ސާރާ ނިންމާ ގޮތުގައި މައްސަލަ ޙައްލުވާނީ ފަރްޙާންގެ ވިސްނުން ބަދަލު ކޮށްގެންނެވެ. ބަދަލުވާންވީ ސާރާއެއް ނޫނެވެ.

ސާރާގެ ހުރިހާ ވާހަކައެއް އަޑުއަހައި ، ޝަކުވާކުރުންވެސް ދޫކޮށްލާނެކަމުގައި ފަރްޙާން އޮތީ ބުނެފައެވެ. ހަމައެއާއެކު ، ސާރާވެސް ބައެއް ކަންކަމުގައި ގޮތްދޫކުރުން މުހިންމެވެ. އެހެން ނޫނީ ދެމީހުން އެއްގަލަށް އަރައިގެން ޒަވާޖީ ޙަޔާތެއް ބާއްޖަވެރިއެއް ނުކުރެވޭނެއެވެ. އެކަކު އަބަދު ގޮތްދޫކޮށްގެން ދިރިއުޅުމެއްގެ އުފާވެރިކަމެއް ނުލިބޭނެއެވެ. އެއީ ދެމީހުންވެސް ކުރަންޖެހޭނެ ކަމެކެވެ.

" އަހަރެން އެއްވެސް ވަރަކަށް ބަދަލެއް ނުވާނަމެވެ. ގޮތެއްވެސް ދުލެއް ނުކުރާނަމެވެ. ފަރްޙާން ގޮތް ދޫކުރަން ނެތި އަބަދު ޝަކުވާ ކުރަން ބޭނުމިއްޔާ އެންމެ ރަނގަޅު ގޮތަކީ މިކައިވެނި މިހިސާބުން ނިންމައިލުމެވެ. " ފަރްޙާންގެ ވާހަކަ ނިމެންދެންވެސް ސާރާއަކަށް ނީނދެވުނެވެ.

ސާރާއަށް ރަނގަޅުކަމަށް ފެންނަގޮތެއް ހަދައިދޭންވެސް ފަރްޙާން ތައްޔާރެވެ. ސާރާ ކޯޓަށްވެސް ދާނެ ކަމެއްނެތްކަމަށް ފަރްޙާން ބުނެއެވެ. ފަރްޙާންގެ ޤާނޫނީ ވަކީލު ލައްވާ ވަރީގެ ފޯމު ތައްޔާރުކޮށް ސާރާ ސޮއިކުރަން ފޮނުވާނެކަމަށް ފަރްޙާން ބުންޏެވެ. ފަރްޙާން ގޮތް ދޫކުރަން ތައްޔާރަށް ހުރިނަމަވެސް ، ސާރާހުރީ އޭނާގެ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެހެންކަމުން ސާރާ ބޭނުންވާގޮތް ހަދައިދޭނެކަމަށް ފަރްޙާން ބުނެ އެހިސާބުން އެމީހުންގެ ބައްދަލުވުން ނިންމައިލައެވެ.

------------------------

ކަޝަފްގެ ވަޒީފާ ހަމަޖެހިގެންދާތީ އެންމެންވެސް ތިބީ އުފަލުން ފޮޅިފައެވެ. އެންމެބޮޑަށް އެކަމާ ހިތް އުތުރިއަރާހުރީ ޝެހްނީލާއެވެ. ކަޝަފްގެ ދުނިޔެ ރަންވާނެކަމަށް ބުނެ ޝެހްނީލާ އޭނާގެ ދައްތަޔާ ސަމާސާ ކޮށްލިއެވެ. ކާރެއް ލިބޭނެ އެވެ. ނޯކަރެއްވެސް ހުންނާނެއެވެ. އަދި ކޮބައި ހެއްޔެވެ ؟ ގަނޑުވަރެއްފަދަ ގެޔެއްވެސް ލިބޭނެއެވެ.

ކަޝަފް އޭނާގެ ކޮއްކޮއާ ދިމާއަށް ހީލިއެވެ. އަދި އޭނާއަށް ފުރިހަމަވާނެ ކަންކަން ކިޔައިދޭނެ އެވެ. ހުންނާނެ ތަނެއް ލިބޭނެއެވެ. އެކަމަކު ޖަންގަލި ހިސާބުންނެވެ. އެކަމަކު ކާރެއް އޮންނާނެއެވެ. ޑްރައިވަރެއްވެސް ހުންނާނެއެވެ. ދެން އިތުރަށް ހުންނާނީ ނޯކަރެކެވެ. އެނިމުނީއެވެ. އޭނާއަށް ލިބޭނީ 32 ހާސް ރުފިޔާގެ މުސާރައެކެވެ. އެއަށްވުރެ މާ ރަނގަޅު ވަޒީފާ އަމިއްލަ ކުންފުނިތަކުން އޭނާއަށް ލިބެން އޮތެވެ. އަމިއްލަ ކުންފުންޏެއްގެ ވަޒީފާއަށް ދިޔަނަމަ އެއްލައްކަ ރުފިޔާގެ މުސާރައެއް އޭނާއަށް މިއަދު ލިބޭނެ އެވެ. އެކަމާބެހޭގޮތުން ، ތިންމައިން މަޖާކޮށްކޮށްފައި ވާހަކަ ދައްކަމުން ގެންދިޔައެވެ. އެއްވެސް ކާމިޔާބަކީ އަދި އެއްވެސް ކަމަކީ ބުރަ މަސައްކަތްކޮށް ޤުރުބާނީއެއް ނުވެ ލިބޭނެ އެއްޗެއް ނޫންކަމަށް ބުނެ ރާފިޢާ އޭނާގެ ދެކުދިންނަށް ނަޞޭޙަތް ލައިދިނެވެ. އެކަމަކު އެންމެންނަށް ސިހުމެއް ލިބުނީ ކަޝަފް އެންމެ ފަހުން އެބުނި އެއްޗަކަށެވެ.

" ބައެއް މީހުން ބުރަ މަސައްކަތް ނުކޮށް ޤުރުބާނީއެއް ނުވެ ، އެތުދަތުން ފުޅަށް އަޅައިގެން މަޑުތަންމަތީ އަރާމުގައި ނިދާ ބައެއް މީހުން އެބަ އުޅެއެވެ. " ކަޝަފް ގެ އެބަހަށް ރާފިޢާ ހިމޭން ވެލިއެވެ. އެހެންނަމަވެސް ، އެއީ ކާކުތޯ އަހައި ޝެހްނީލާ ސުއާލު ކުރެއެވެ. އެސުއާލަށް ކަޝަފް ޖަވާބެއް ނުދެއެވެ. ކަޝަފް އެބުނީ ޒަރޫންގެ ވާހަކަ ކަން އޭގެ ތެރެއިން އެއްވެސް މީހަކަށް ނޭނގެއެވެ.

އަނެއްކޮޅުން ޒަރޫންމެންގެ މައްސަލައިގާ ޖުނައިދުގެ ހާސްކަން ދިޔައީ ހައްތާ ބޮޑުވަމުންނެވެ. އަންހެން ދަރިފުޅުގެ ކައިވެނި ރޫޅެނީއެވެ. ފިރިހެންދަރިފުޅުގެ އެންގޭޖްމަންޓް ރޫޅެނީއެވެ. އޭނާވަނީ ހަދާނެގޮތް ބޮޑުވެފައެވެ. އެހެންއިންދާ އަބްރާރް އެގެޔަށް އައުމުން ، އޭނާގާތުވެސް އެވާހަކަ ދެއްކުނެވެ. އަބްރާރަށް ވިސްނޭ ގޮތުގައި އަސްމަރައަކީވެސް ގޯސް ކުއްޖެއްނޫނެވެ. އެކަމަކު އެމައްސަލައިގާ އަސްމަރާވެސް ގޮތްދޫކުރަން ޖެހޭނެއެވެ. ޒަރޫންވެސް ކޮންމެވެސް ވަރަކަށް ގޮތްދޫކުރަން ވާނެއެވެ.

މިޒަމާނުގެ އަންހެންކުދިންނަކީ ، އިންތިހާއަށް މިނިވަންކަން ބޭނުންވާ ބަޔެކެވެ. މިހާރަކަށް އައިސް ، ޒުވާން ޢުމުރުގެ ކުދިންގެ ކައިވެނިތައް ރޫޅިގެން ދިއުން އިތުރުވެގެންދާ ސަބަބަކީ އެއީއެވެ. އެކަކު އަނެކަކަށް ގޮތް ދޫނުކުރަނީއެވެ. ޒަރޫންއާ އެވާހަކަ ދައްކައިދޭނެކަމަށް ޖުނައިދުގާތު އަބްރާރް ވަޢުދު ވެއެވެ. އެހެނެއްކަމަކު ، ބާލިޣުވެފައިހުރި ސިކުނޑިއެއްގެ ވިސްނުން ބަދަލުކޮށްލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ ކުޑައިރުއްސުރެ ދެވޭ ތަރުބިއްޔަތެއްގެ މަތީ ބިންގާ އެޅިގެން އާބާދުވެ ފުރިހަމަވާ އެއްޗެކެވެ. އެ ބިންގާ ތެދަށް އެޅިއްޖެނަމަ އޮލަނބަށް ހުރެފައި ސީދާވާނެއެވެ. ކައްޗަށް އެޅިއްޖެނަމަ އަރިއަށް އޮވެ ތަކުލީފަކަށް ހަދާނެއެވެ.

އަބްރާރް އެދެއްކި ހުރިހާ ވާހަކައެއްވެސް ޖުނައިދު ޤަބޫލު ކުރެއެވެ. އެހެންނަމަވެސް އަސްމަރާއާ ބެހޭގޮތުން ޖުނައިދަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ބައެއް ކަންކަމުގައި ކޮންމެވެސް ވަރަކަށް ގޮތް ދޫކުރަން ޒަރޫންއަށް ދަސްކޮށްދެވިފައެއް ނެތެވެ. އެކަން އެހެން އޮތްއިރު ، އަސްމަރާގެ މައިންބަފައިންގާތު ، އަސްމަރާއަށް ގޮތް ދޫކުރަން ވިސްނައިދޭށޭ ޖުނައިދަށް ބުނެވޭނީ ކިހިނެއް ހެއްޔެވެ ؟

އަސްމަރާއާއި ޒަރޫންގެ ގުޅުން އެހާ ގޯސްވިކަމެއް އަބްރާރަށް އެނގިފައެއް ނެތެވެ. ސާރާއާއި ފަރްޙާންގެ މައްސަލަ އެނގުނީ ޖުނައިދު އެވާހަކަ ބުނީމައެވެ. ފަރްޙާނަކީ ، ވަރަށް ރަނގަޅު އަދި ހަރުދަނާ ކުއްޖެއްކަން އަބްރާރަށް އެނގެއެވެ. ޚުލްޤު ރަނގަޅު ކުއްޖެކެވެ. އެދެމީހުންގެ ގުޅުމުގައި ، ޖުނައިދަށް ފެންނަ ގޮތުގައި ފަރްޙާނަށް ވުރެ ގޯހީ ސާރާއެވެ. ސާރާ ބޮޑޫވެފައި އެހުރީ ، ޣަޒާލާގެ ތަރުބިއްޔަތުގެ ދަށުންނެވެ. ޖުނައިދާއި ޒަރޫންގެ ބަހެއް ސާރާގެ މައްޗަކަށް ނުވިކެއެވެ. ސާރާ އަޑުއަހަނީ ހަމައެކަނި ޣަޒާލާ ބުނާ އެއްޗެކެވެ. ޣަޒާލާ އެހެރީ ސާރާވެސް ހަލާކު ކޮށްލާފައެވެ. ކޮންމެ ކަމެއް ދިމާވިޔަސް ، ޣަޒާލާ ހުންނަނީ ސާރާއާ އެއްކޮޅަށެވެ. ރަނގަޅާއި ނުބައި ވަކިކުރާކަށް ޣާޒާލާ ބޭނުމެއް ނުވެއެވެ. ކިތަންމެ ގޯސްކަމެއް ކުރިޔަސް ޣަޒާލާ ހުންނަނީ ސާރާއާ އެއްކޮޅަށެވެ. ސާރާއަށް ކުރެވޭ ގޯސް ، އެއްވެސްކަމެއް ނޯވެއެވެ. އެވާހަކަތައް އިވިފައި އަބްރާރްވެސް އިންތިހާއަށް ކަންބޮޑުވިއެވެ. ޖުނައިދަކީ ، އަބްރާރްގެ ތިމާގެ މީހެއްފަދަ ރަޙުމަތްތެރިޔެކެވެ. އޭނާގެ ދެދަރިންގެ ދިރިއުޅުންވެސް މިހާރު އެވަނީ އަނދިރިވެފައެވެ. އެ އަނދިރިކަމަށް އެއްވެސް މިންވަރެއްގެ އަލިކަމެއް ފެންނާކަށް ނެތެވެ.

އޭގެ އަނެއްދުވަހު ، ޖުނައިދުގެ އޮފީހަށް ، ފަރްޙާންގެ ޤާނޫނީ ވަކީލު ދިޔައެވެ. އޭނާއައީ ސާރާގެ ވަރީގެ ކަންތައް ފައިނަލް ކުރާށެވެ.

" ސާރާގެ ޙައްޤުތަކާއި އޭނާއަށް ޢިއްދައިގެ މުއްދަތުގައި ލިބެންޖެހޭ އެއްޗިއްސާ ބެހޭގޮތުން ނިންމާފަ އޮތީ ކޮންގޮތެއް ހެއްޔެވެ ؟ "  ކަންބޮޑުވެފައި އިން ޖުނައިދުގެ ވާހަކަ ނުނިމެނިސް ޣަޒާލާ ސުއާލު ކުރިއެވެ.

ޖުނައިދުގެ ވިސްނުމުގައި ، ވަރިވާން އެދެނީ ސާރާކަމަށް ވާތީ ، ފަރްޙާން އަތުން ބަދަލުގައި އެއްވެސް އެއްޗެއް ، އަތުލުމަކީ ރަނގަޅުކަމެއް ނޫނެވެ. ޖުނައިދުގެ އެވިސްނުމާ ޣަޒާލާ ދެކޮޅެވެ. ޣަޒާލާ ދެކޭގޮތުގައި ހުރިހާ އެއްޗެއްވެސް އަތުލަން ވާނެއެވެ. ކައިވެންޏަށް އެމީހުން ދިން ހުރިހާ އެއްޗެކެވެ. ސާރާ އަތުގައި ފަރްޙާންގެ އެއްވެސް އެއްޗެއް ހުރިނަމަ އެއެއްޗެއް އޭނާއާ ޙަވާލުކުރުމަށް ޣަޒާލާ އެދުނެވެ. އެއެއްޗެތި ފަރްޙާންގެ ގެޔަށް ގެންގޮސް ދޭނީ ޣަޒާލާ އަމިއްލަޔަށެވެ.

ޖުނައިދު ، އޭނާގެ ދަރިފުޅު ސާރާއަށް ވަރަށް މަޑުމައިތިރިކަމާއި ލޯތްބާއެކު ގޮވައިލިއެވެ. އަދި އެއްފަހަރު އެކަމާމެދު ރަނގަޅަށް ވިސްނައިލުމަށް ޖުނައިދު އޭނާގެ ދަރިފުޅުގެ ކިބައިން އެދުނެވެ. އޭނާގެ ގެ ބަނގުރޫޓުވެ ކުދިންގެ ދިރިއުޅުން ބަރުބާދުވެގެން ދާތަން ބަލަން އިނުމަކީ ޖުނައިދުގެ ހިތަށް ކުޅަދާނަ ކަމެއް ނޫނެވެ. ޖުނައިދު ، އޭނާގެ ދަރިފުޅާ ކުރި ސުއާލަށް ޖަވާބުދާރީވީ ޣަޒާލާ އެވެ. ގޮތް ދޫނުކުރުމާއި ނަފުރަތުގެ ރާގެއްގައެވެ. ސާރާ ، އޭނާ ބޭނުންވާ ގޮތް ނިންމައިގެން އެއިނީ ، ވަރަށް ބޮޑަށް ވިސްނާފައި ކަމަށް ޣަޒާލާ ބުނެ ސާރާގެ ފަރާތުން ޖަވާބު ދެއެވެ. އަދި އެކަން ނިމޭނެގޮތަކަށް ކަންކޮށްދިނުމަށް ބުނެއެވެ. ޖުނައިދުގެ މޫނުމަތިން ކުއްލި ސިހުމަކާއެކު ކަންބޮޑުވުން ފާޅުވިއެވެ. އެއީ ސާރާގެ އިޚުތިޔާރީ ނިންމުމެއް ނޫންކަމާއި ޣަޒާލާގެ ވިސްނުމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަން ޖުނައިދަށް އެނގެއެވެ. ޣަޒާލާއަށް ވެގެން ވިއްޔާ ، އޭނާއަށް ފެންނަ ގޮތްނޫންގޮތެއް ސާރާ ހެދިޔަކަ ނުދޭނެއެވެ. ސާރާ އަޑުއަހާނީ ހަމައެކަނި ޣަޒާލާގެ ވާހަކަކަން ޣަޒާލާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޒަރޫންގެ މައްޗަށް ޣަޒާލާއަށް ގަދަވެ ނުގަނެވުނަސް ، ސާރާ ހުންނާނީ ޣަޒާލާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ.

------------------------

ޒަރޫންގެ ޓްރޭނިންގ ނިންމުމަށްފަހު ، އުސާމާއާ ރެސްޓޯރެންޓަކުން ބައްދަލު ކޮށްލައެވެ. އުސާމާގެ ނަޒަރުގައި ، ޙަޔާތުގެ ބައިވެރިޔަކު އިޚްތިޔާރު ކުރުމުގައި ޒަރޫނަށް ވަނީ މަގު އޮޅިފައެވެ. ޒަރޫންގެ ޙަޔާތަށް އަންނަ އަންހެންކުއްޖަކު ކޮންޓްރޯލް ކުރުމަކީ ޒަރޫންއަށް ކުރެވޭނެ ކަމެއް ނޫނެވެ. ޒަރޫން ފަދަ ރަނގަޅު ތަޢުލީމެއް ލިބިފައިވާ މިނިވަން ޚިޔާލުގެ ފިރިހެނަކު ، އެހާ ނުވިސްނޭ މީހަކަށްވުމަކީ އުސާމާއަށް ލިބުނު ވަރަށްބޮޑު ޙައިރާން ކަމެކެވެ.

ޒަރޫން އެވަނީ ރަނގަޅާއި ނުބައި ކަނޑައެޅުމުގައި ގޮތެއް ނިންމަން ނޭނގި މަގު އޮޅިފައެވެ. އެހެންނަމަވެސް ، އޭނާގެ ޙަޔާތަށް އަންނަ އަންހެނަކު ކޮންޓްރޯލް ކުރާކަށް އޭނާވެސް ބޭނުމެއް ނޫނެވެ. ޒަރޫން ބޭނުންވަނީ ، އޭނާގެ އަންހެނުންނަކީ ، އޭނާގެ އަމިއްލަ ގެއިން އެފެންނަ މަންމައާއި ސާރާ ދިރިއުޅޭގޮތަށް ދިރިއުޅޭ މީހަކަށް ނުވުމެވެ. އެއީ އޭނާގެ ބައްޕަގެ ދިރިއުޅުމަށް އޭގެ އަސަރު ކޮށްގެން ، އޭނާގެ ގެ ބަރުބާދުވެގެންދާތަން އޭނާއަށް ފެންނާތީއެވެ. ޒަރޫންގެ މަންމައާ ޚިލާފަށް އަސްމަރާއަކީ ، ޒަރޫންގެ މަންމައާ އެއްގޮތަށް މަސައްކަތްކުރާ މީހެއް ނޫނެވެ. ހަމަގައިމުވެސް އެކަމާ ގުޅިގެން ޒަރޫންގެ ދިރިއުޅުމުގައި މައްސަލައެއް ނުއުފެދޭނެކަމަށް އުސާމާއަށް ފެނެއެވެ.

އަސްމަރާއަކީ މަސައްކަތްކުރާ މީހެއް ނޫނެވެ. އެހެންނަމަވެސް ، އަސްމަރާއަކީ ، މަންމަޔަށްވުރެ ކަންތައްގަނޑު ބޮޑު އަންހެނެކެވެ. މިނިވަންކަން އޭގެ އިންތިހާއަށް ބޭނުންވާ މީހެކެވެ. ސާރާވެސް ހަމަ އެގޮތެވެ. މަންމަ ހަމަގައިމުވެސް ، މަންމަގެ ފިރިހެން ރައްޓެހިންނާއެކު ޕާޓީކުރާކަށް ނުދެއެވެ. އަސްމަރާ އެކަމުގައި ހުންނަނީ އެތައް ދަރަޖައެއް ކުރީގައެވެ. އަސްމަރާއަކީ ޒަރޫންއާ އެންގޭޖްވުމުގެ ކުރިންވެސް އެގޮތަށް އުޅޭ ކުއްޖެއްކަން އުސާމާއަށްވެސް އަދި ޒަރޫން އަށްވެސް އެނގެއެވެ. އުސާމާގެ މައްސަލަޔަކީ ، އެހުރިހައިކަމެއް އެނގިހުރެ ޒަރޫން ، އަސްމަރާއާ އެންގޭޖް ވުމެވެ. އެއީ އެންގޭޖްވުމުގެ ކުރިން ޒަރޫން ވިސްނަންޖެހޭ ކަމެކެވެ. ޒަރޫންއަށްވެސް އެކުރެވުނީ ގޯސްކަމެއްކަން ޤަބޫލު ކުރެވެއެވެ. އަސްމަރައާ އެންގޭޖްވުމަކީ ވަރަށް ވިސްނާފައި ޒަރޫން ކުރަންޖެހޭނެ ކަމެކެވެ. ޒަރޫން ބޭނުންވަނީ ކޮންކަހަލަ އަންހެންކުއްޖެއްކަން އުސާމާއަކަށްވެސް އަދި ޚުދު ޒަރޫންއަކަށްވެސް ނޭނގެއެވެ. އަސްމަރާ އާ ބެހޭގޮތުން ހިތްހަމަ ނުޖެހެން ޒަރޫންއަށް ދިމާވެގެން އުޅޭ ކަންކަމާ ގުޅުވައި ، ޒަރޫން ބޭނުންވަނީ ކޮންކަހަލަ ކުއްޖެއްކަން ވިސްނައިގަންނަން ޒަރޫންއަށް އެނގޭނެ ކަން ، ޒަރޫންއަށް ވިސްނައިދެވޭތޯ އުސާމާ މަސައްކަތް ކުރިއެވެ.

އުސާމާ ގޮތެއް ނިންމުމުގެ ކުރިން ޒަރޫން ސާފުކޮށްދޭން ބޭނުންވާ ކަމެއް އެބަ އޮތެވެ. އެއީ އަސްމަރާދެކެ ޒަރޫން ލޯބިވާ ކަމެވެ. އެކަމަކު ، ޒަރޫންގެ ލޯބި އެއީ ދެންދިމާވާ އެހެންކަންކަން ދޫކޮށްލަން އެނގޭ އެއްޗެއް ނޫނެވެ. ލޯބީގެ ނަމުގައި ޒަރޫން އެއްވެސްކަމެއް ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އުސާމާ ޒަރޫންއަށް ވިސްނައިދިން ގޮތުގައި ، އެއަކަށް ލޯތްބެކޭ ނުކިޔާނެއެވެ. އަސްމަރާ އެއުޅޭގޮތަށް އުޅޭ ކުއްޖަކާ ކައިވެނިކުރާކަށް ޒަރޫން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ޒަރޫން ބޭނުންވަނީ އޭނާގެ އަންހެނުން ރައްޓެހިން ނުގެންގުޅޭކަށް ނޫނެވެ. ރައްޓެހި ފިރިހެނުންނާއެކު އޭނާގެ އަންހެނުން ޕާޓީކުރަން ދިއުމަކީ ޒަރޫން އެއްގޮތަކަށްވެސް އެދޭނެ ކަމެއް ނޫނެވެ. އަސްމަރާ އެއުޅޭގޮތަށް އުޅޭ އަންހެނަކާއެކު ، ޒަރޫންއަކަށް ދިރިއެއް ނުއުޅެވޭނެއެވެ.

" ޒަރޫން ބޭނުންވެގެން ތިއުޅޭ ކަހަލަ އެންމެ ކުއްޖެއްގެ މިސާލުވެސް އަޅެ ދައްލަ ބަލާށެވެ ! " އުސާމާ ބުންޏެވެ.

" ކަޝަފް " އުސާމާގެ ސުއާލު ނުނިމިގެން އުޅެނިކޮށް ޒަރޫންގެ އަނގައިން ކަޝަފްގެ ނަން ބޭރުވިއެވެ.

ކަޝަފްގެ ނަން ޒަރޫންގެ އަނގައިން ބޭރުވުމުން އުސާމާއަށް ލިބުނީ ސިހުމެކެވެ. ކަޝަފް އެއީ ، ޔުނިވަރސިޓީގައި ކިޔަވަން އުޅުނު އިރު ، ޒަރޫން އެންމެ ފޫހިވާ ކުއްޖާއެވެ. އުނދަގޫކޮށް ، ބޭޒާރުކޮށް ޖެއްސުންކުރަމުން އައި ކުއްޖާއެވެ. ކަޝަފާއި ޒަރޫންއަކީ ތަފާތު ދެމިޒާޖެއްގެ ވަރަށް ތަފާތު ދެމީހުންނެވެ. އެހެންނަމަވެސް ، ކަޝަފް ގެ އުޅުމާއި އަޚުލާޤު އަދި އާދަކާދަ ، ޒަރޫންއަށް ކަމުދެއެވެ. އެހެންކަމަށް ވަންޏާ ޒަރޫން އަނެއްކާ އެކުރަނީ މޮޔަ ކަމެކެވެ. ޒަރޫން އެދިނީ މިސާލެކެވެ. ޒަރޫން ބޭނުންވާ ގޮތާއި ބޭނުންނުވާ ގޮތް ބުނީކީ ނޫނެވެ. އެހެންނަމަވެސް ، އަސްމަރާ ވިސްނާގޮތުގައި ކަޝަފާއި އަސްމަރާއާ ދެމީހުންގެ ތަފާތު އަޅުވައި ކިޔުމަށް ޒަރޫންއަށް ވިސްނުނީ ، ކަޝަފްގެ މައްޗަށް ޒަރޫންގެ ހިތުގައި ކަނެއް ދެވިގެންނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.