އއ. އުކުޅަހުގައި އެމްއެންޑީއެފުން ޕެރޭޑު ބާއްވައިފި އެވެ.
އުކުޅަހުގެ ކައުންސިލުގެ އެދިލެއްވުމަކަށް އެ ރަށުގައި މިއަދު ހަވީރު އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބައްލަވާލައްވާފަ އެވެ.
މިނިސްޓަރގެ އަރިހުގައި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާސްއާއި، ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ އިތުރުން އއ.އުކުޅަހުގެ ކައުންސިލް މެންބަރުން ބައިވެރިވެލެއްވި އެވެ.
މީގެ އިތުރުން އއ.އުކުޅަހު ސްކޫލް ދަރިވަރުންނާއި، އުކުޅަހުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް މިއަދުގެ ޕެރޭޑު ބައްލަވާލެއްވުމަށް މަގުތަކަށް ނިކުތެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.
އއ.އުކުޅަހުގައި މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައި ވެއެވެ.
އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފަ އެވެ.
އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުންފުޅު ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ޖަޒީރާވަންތަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުމެވެ.