ދިވެހި ސިފައިން ބައިވެރިވެގެން ޕޫނޭގައި ބޭއްވި ތަމްރީން ނިންމާލައިފި

އިންޑިއާގެ ޕޫނޭގައި ކުރިއަށްދިޔަ "އެކްސަސައިޒް އެކުވެރިން 2019" މިއަދު ނިންމާލައިފިއެވެ. މި ތަމްރީންތައް ފަށައިފައިވަނީ މިމަހުގެ 7 ވަނަދުވަހުއެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން އިންޑިއާއި ރާއްޖެއާ ދެމެދު ބާއްވަމުން ގެންދާ ސިލްސިލާ ތަމްރީންތަކެކެވެ.

މި ތަމްރީންތަކުގެ ބޭނުމަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމެވެ. އޭގެ އިތުރަށް ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުން ވެސް މީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.

މި ތަމްރީނުތައް އޮބްޒަރވްކުރެއްވުމަށް އެމްއެންޑީއެފްގެ ފަރާތުން އިންޑިއާއަށް ވަޑައިގެންނެވީ  މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ. އޭނާ ވަނީ މިއެކްސަސައިޒް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭނާ ވަނީ ދިވެހި ސިފައިންގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި ތަމްރީނުތައް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މިއެކްސަސައިޒުގައި ކިޔަވައިދެއްވީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ މި ތަމްރީންތައް މިދިޔައަހަރު ބާއްވާފައިވަނީ ރާއްޖޭގައެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ހިންގާ މިފަދަ ކޮންމެ ތަމްރީން ޕްރޮގްރާމަކީ ބޭނުންތެރި އެހާމެ މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.