(20 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސާރ އަބްރާރުގެ ކޮޓަރިން ނުކުމެގެން އެދިޔަގޮތަށް ޒަރޫން ދިޔައީ ސިޑިން އަރައިގެން މައްޗަށެވެ. އެދިޔަގޮތަށް ގޮސް އައިސްހުރި ރުޅިގަނޑު އުސާމާއަށް ބާލައިލިއެވެ. ޒަރޫނަށް ޤަބޫލު ކުރެވުނު ގޮތުގައި ސާރ އަބްރާރު ގާތު އެވާހަކަ ބުނެ ރިޕޯޓްކުރީ އުސާމާއެވެ.
"އެކަމާ ބެހޭގޮތުން ޝަކުވާ ހުށަހެޅީ އުސާމާ ދޯއެވެ!" ޒަރޫން ، އުސާމާއާ ދިމާއަށް އަޑުގަދަ ކޮށްގަތެވެ.
"ނޫނެކެވެ. އަހަރެންނެއް ޝަކުވާއެއް ހުށައެއް ނާޅަމެވެ. އަހަރެން އެކަން ކުރަންވީ ކީއްކުރަން ހެއްޔެވެ؟" އުސާމާ ޖަވާބު ދިނެވެ.
އެހެންނަމަވެސް އަސްމަރާވެސް އަދި ޒަރޫންވެސް އުސާމާގެ ބަހެއް ޤަބޫލެއް ނުކުރެއެވެ. ލައިބްރަރީ ތެރޭގައި ތިބި ހުރިހާ ކުދިންނަށްވެސް އެކަން ހިނގައިދިޔަ ގޮތް އެނގޭނެއެވެ. އެއިން ކޮންމެވެސް ކުއްޖަކުވެސް އެކަން ހުށަހަޅާ ފާނެއެވެ. ޒަރޫން ، އުސާމާގެ ބޮލުގައި އެ ތުހުމަތު އެއަޅުވަނީ އެއްވެސް ސަބަބެއް އޮވެގެންނެއް ނޫނެވެ. ފަހަރެއްގައި ކަޝަފް އެމައްސަލަ ހުށަހެޅީކަމަށް ވެދާނެކަމަށް އަސްމަރާ ބުނެއެވެ. އެހެންނަމަވެސް ކަޝަފް ، ޔުނިވަރސިޓީއަށް ނާންނަތާ އޭރު ދެދުވަސް ވެއްޖެ އެވެ. އެކަމަކުވެސް ، އަސްމަރާ ބުނި ގޮތުގައި ފޯނުކޮށްގެންވެސް މައްސަލަ ހުށަހަޅާ ފާނެއެވެ. ޒަރޫން އަށް ހީވާގޮތުގައި އޭނާގެ ބައްޕަ ގާތުވެސް އަބްރާރް ސާރ އެވާހަކަ ބުނާނެއެވެ. އޭނާގެ އަގު ވަށްޓާލައިފިއެވެ.
"އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން ޒަރޫންއަށް ހަނދާން ކޮށްދިނީމެވެ. އެންމެފަހުން ލަނޑު ތިލިބުނީ ޒަރޫން އަށެވެ. އެއީ ކަޝަފްގެ ކުށެއް ނެތީމައެވެ." އުސާމާ ބުންޏެވެ. ޒަރޫން އައިސްހުރި ރުޅީގައި އެތަނުން ނުކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް ، އަސްމަރާ ، އުސާމާ އާ ގާތަށް ޖެހިލައި ވާހަކަ ދައްކަން ފެށިއެވެ.
"ޒަރޫން އާ ބެހޭގޮތުން މީހަކު ގޯސްކޮށް ވާހަކަ ދައްކާ ކޮންމެ ފަހަރަކު ޒަރޫންއާ ދެކޮޅަށް އުސާމާ ތިހުންނަނީ ކީއްވެގެން ހެއްޔެވެ؟ ކަޝަފާ ބެހޭގޮތުންވެސް ކޮންމެ ކަމެއްގައިވެސް އުސާމާ ހުންނަނީ ކަސަފާ އެއްކޮޅަށެވެ. އަހަރެންނަށް ހީވަނީ އުސާމާ ، ކަޝަފާ ގަޔާ ވަނީ ހެންނެވެ." އަސްމަރާ ބުންޏެވެ.
"އަހަރެން ކަޝަފާ ގަޔާ ވާންވީ ކީއްވެ ހެއްޔެވެ؟ ކަޝަފް ގޯސްކޮށް ކަމެއްކުރީ ކާކަށް ހެއްޔެވެ؟" އުސާމާ ބުންޏެވެ.
"އެކަކަށް ގޯސް ވިޔަސް އަދި ނުވިޔަސް ، އުސާމާއަށް ކަޝަފަކީ ރަނގަޅު މީހެކެވެ. އެއީ އުސާމާ އޭނާއާ ގަޔާ ވާތީއެވެ." އަސްމަރާ ބުންޏެވެ.
އެވާހަކަ އިތުރަށް ދެން ނުދެއްކުމަށް އަސްމަރާގެ ކިބައިން އުސާމާ އެދެއެވެ.
"އެވާހަކަ ނުދައްކަންވީ ކީއްވެ ހެއްޔެވެ؟ ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ. ޙަޤީޤަތަކީ ، އުސާމާ ، ކަޝަފާ ގަޔާ ވުމެވެ."
------------------------
ކަޝަފްގެ ޙަޔާތުގައި މިވޭތުވެދިޔަ ދެތިން ދުވަހަކީ ، އުނދަގޫތަކުން ފުރިގެންވީ ދުވަސް ކޮޅެކެވެ. އޭނާ އެ ހުންނަނީ ޔުނިވަރސިޓީއަށް ދާންވެސް ނުކެރިފައެވެ. އޭނާއާ ބެހޭގޮތުން ޔުނީގައި ނުދައްކާ ވާހަކައެއް މިހާރު ނުއޮންނާނެއެވެ. އެ ހިނގައިދިޔަ ޙާދިސާއަކީވެސް އޭނާގެ ޑައިރީގައި ލިޔަން އިތުރު ތަޖުރިބާތަކެއް ލިބުނު ކަންތައް ތަކެކެވެ.
މައްސަލަތަކާއި އުނދަގުލާ ކުރިމަތިލާންޖެހުން ނޫންކަމެއް ކަޝަފްގެ ޙަޔާތުގައި ނެތީ ހެއްޔެވެ ؟ ހިތަށް ހަމަޖެހުމެއް ނުލިބޭތާނގައި ގޮންޖެހުންތަކާ ހަނގުރާމަކުރުން ނޫންކަމެއް ނެތެވެ. ކަޝަފަކީ ޒިންމާ އުފުއްލައި ޒިންމާދާރުވާ ކުއްޖެކެވެ. އަދި އަމިއްލަ އެދުން އިސްކުރާ ކުއްޖެއްވެސް ނޫނެވެ. އެހެންނަމަވެސް ، ކަޝަފަށް ، ފިރިހެނަކަށް ވުމަކީ ވާނެ ކަމެއް ނޫނެވެ. ކަޝަފް ޔުނިވަރސިޓީއަށް ފޮނުވީ މަންމައެވެ. މަންމަ މަސައްކަތް ކުރަމުން އެގެންދަނީ ، އަހަރެމެން ތިންބެއިން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭނެ މަގު ކޮށައިދިނުމަށެވެ. ކަޝަފް ޑައިރީގައި އޭނާ އެލިޔާ އެއްޗެއް ލިޔަން އިންދާ ޞިދްރާ އެތަނަށް އައިސް ކަޝަފާ ވާހަކަ ދައްކަން ފަށައެވެ.
"މާދަމާ އަކީ ބުދަ ދުވަހެވެ. މާދަމާވެސް ޔުނިވަރސިޓީއަކަށް ނުދާނަން ހެއްޔެވެ؟" ޞިދްރާ ސުއާލު ކުރިއެވެ.
"ދާނަމެވެ." ކަޝަފްގެ ޖަވާބު ކުރުވެފައި ސާދާއެވެ.
"ހިތްވަރުކޮށްފާ ދާށެވެ. ކުރިމައްޗަށް އެރިޔަސް ފެންނަކަމަށް ނުހަދައި އަޅާ ނުލާށެވެ." ޞިދްރާ ބުންޏެވެ.
"ޒަރޫންގެ ކުރިމައްޗަށް ނާރައި ނުފެންނަކަމަށް ހަދަން ، އަހަރެން ޒަރޫން ދެކެ ބިރެއް ނުގަންނަމެވެ. އެކަމަކު ރަނގަޅު ވާނީ އަހަރެންގެ ކުރިމައްޗަށް އޭނާ ނައްޔާއެވެ. އަހަރެންގެ އެންމެ ޢިޝާރާތަކަށްވެސް ޒަރޫން ޔުނިވަރސިޓީން ކަނޑައިލާނެއެވެ. އެހެންވީމާ ބިރުގަންނަންވީ އަހަރެންދެކެ ޒަރޫނެވެ." ކަޝަފް ބުންޏެވެ.
"ކަޝަފެވެ! އެއްވެސް މީހަކާ މީގެފަހުން މައްސަލައެއް ޖެހުނަ ނުދެއްޗެވެ. ކުއްޖަކު އެއްޗެއް ބުންޏަސް އަޅައި ނުލާށެވެ." ޞިދްރާ އޭނާގެ ދައްތަޔަށް ނަޞޭޙަތްތެރި ވިއެވެ.
ކަޝަފް ހިތްހަމަ ނުޖެހިހުރެ ، ޞިދްރާއާ ދިމާއަށް ބަލައިލިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ކަޝަފް އެއްޗެކޭ ނުބުނީ އެއީ އެންމެ ރަނގަޅުގޮތްކަމަށް ، ޞިދްރާގެ މޫނުގެ ޢިޝާރާތުން އަންގައި ލީމައެވެ. ކަޝަފް އޭނާގެ ގޮތް ދޫކޮށް ދެން ކުރިމަތި ވެދާނެ ކަމަކަށް ކުރިމަތިލުމަށް ޢަޒުމް ކަނޑައެޅިއެވެ. އަދި އޭނާ ، މާދަމާ ޔުނީއަށް ދާނެއެވެ.
އެހޫނުގަނޑުގައި ޒަރޫންއަށް ދެން ކުރިމަތިވީ އަނެއް މުޞީބާތެވެ. ޒަރޫންގެ އެންގޭޖްމަންޓާ ބެހޭގޮތުން އޭނާގެ މަންމަ އާއި ބައްޕަ ބާރުއަޅަމުން ގެންދިއުމެވެ. އެހެން ގޮތެއް ނެތިގެން އެންމެފަހުން ، އަސްމަރާއާ އެންގޭޖްވާން އޭނާ އެއްބަސް ވެއެވެ. އެހެންނަމަވެސް ، އޭނާގެ ޝަރުތެއް ވަރަށް ސާފުބަހުން ، މަންމައާއި ބައްޕަޔަށް ހުށަހެޅިއެވެ. އެއީ އެންގޭޖް ވިޔަސް ، ކުރިޔަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި އޭނާ ކައިވެނި ނުކުރާނެ ކަމެވެ. އެކަމަށް ޖުނައިދުގެ ދެމަފިރިންވެސް އެއްބަސް ވެއެވެ.
ޒަރޫންގެ އެމްބީއޭ ނިންމާފައި ސީއައިއެސް ހެދިޔަސް ޖުނައިދަކަށް މައްސަލައެއް ނެތެވެ. ކިޔަވާ ނިމިގެން ކައިވެނި ކުރާނީއެވެ. އަސްމަރާގެ މަންމައާއި ބައްޕަވެސް ބޭނުންވާ ގޮތަކީ އެއީއެވެ. އެމީހުންގެ ދަރިފުޅު ، ޒަރޫންއާ އެންގޭޖްވެ ، ޒަރޫންގެ ބެލެހެއްޓުމުގެ ދަށުގައި ، ކައިވެންޏާ ހަމަޔަށް ދަންދެން ރައްކާތެރިކަން ލިބިފައި ހުރުމެވެ.
------------------------
ރާފިޢާމެންގޭގެ ބޭރު ދޮރުގެ ރަނގަބީލު ޖަހާ އަޑަށް ޝެހްނީލާ ގޮސް ދޮރު ހުޅުވައިލައެވެ. ކުރިމަތީގައި ހުރީ ޙައްމާދެވެ.
ޙައްމާދަށް ދެދުވަހުން އެއްދުވަހު މިގެޔަށް ނައިސް ކެތްނުވަނީތޯ ޝެހްނީލާ ސުއާލު ކުރިއެވެ. އޭނާ އައީ ޝެހްނީލާއާ ބައްދަލުކުރަން ނޫންކަމާއި ، ދޮންމަންމަ ދެކިލަން ކަމުގައި ޙައްމާދު ބުނެއެވެ. ދޮންމަންމަ އަހަރެންނާ ދިމާއަށް ތިކަހަލަ އެއްޗެއް ނުބުނާނެއެވެ. ޙައްމާދަށް ބައްޕަ ގަނެދިން އާ ފޯނު ޝެހްނީލާއަށް ދައްކައިލިއެވެ.
ޙައްމާދު އައިސް ގެޔަށް ވަދެ ސަލާމް ގޮވައިލިއެވެ. ރާފިޢާ ސަލާމް ބަލައިގަތެވެ. ކަޝަފްވެސް ކިޔަވަން އިނެވެ. ކަޝަފަށް ގޮވާލައިފާ ، ކޮއްކޮގެ ސަލާމް ބަލައިގަންނާށޭ ރާފިޢާ ބުނުމުން ، ކަޝަފްވެސް ސަލާމް ބަލައިގަތެވެ.
ޞިދްރާ އައިސް ، ޙައްމާދުމެން ގޭގެ މަތީބުރި ހެދިވާހަކަ އަޑުއެހި ކަމުގައި ޞިދްރާ ބުންޏެވެ. ޙައްމާދުވެސް އެއީ ތެދެއްކަމުގައި ބުނެއެވެ.
"އާ ސައިކަލެއްވެސް ލިބިއްޖެ ދޯއެވެ؟" ޞިދްރާ ބުންޏެވެ. އެކަމާ ޙައްމާދު ޙައިރާން ވިއެވެ. އަދި އެކަން ޞިދްރާއަށް އެނގުނީ ކިހިނެއްތޯ ސުއާލު ކުރެއެވެ.
"އަހަރެމެންގެ މިގޭގެ ހުރިހާ ޚަބަރެއް ޙައްމާދަށް ލިބެއެވެ. އަހަރެމެންނަށްވެސް ތިގޭގެ ވާހަކަތައް އިވޭނެގޮތެއް އޮވެދާނެ ނޫން ހެއްޔެވެ؟" ޞިދްރާގެ މިސުއާލަށް ، އާނއެކޭ ބުނެ ޙައްމާދު ޖަވާބު ދެއެވެ.
"މަންމަ ބުނިގޮތުން ، ހުރިހާ ކަމެއް ނިމެން އަދި މަހެއްވަރު ވާނެއެވެ. ނިމުނީމަ ކުއްޔަށް ދެނީއެވެ." ޙައްމާދު ބުންޏެވެ.
"ކުއްޔަށް ދެނީ ކީއްކުރަން ހެއްޔެވެ؟ އެއަށްވުރެ މާ މޮޅު ޚިޔާލެއް އަހަރެން ދީފާނަމެވެ. އެއީ ބައްޕަ ތިންވަނަ ކައިވެނި ކޮށްދޭށެވެ. އަދި ތިންވަނަ އަނބިމީހާ މަތީބުރިޔަށް ބަދަލު ކުރާށެވެ!" ޝެހްނީލާ ބުންޏެވެ.
ޝެހްނީލާގެ މި ސަމާސާއަށް ކަޝަފާއި ޞިދްރާ ހޭން ފެށިއެވެ. އެހެންނަމަވެސް ، ރާފިޢާއަކަށް ޝެހްނީލާގެ އެ ސަމާސާ އެހާ ކަމަކު ނުދިޔަ އެވެ. ދުލަށް އަންނަ ކޮންމެ ވާހަކައެއް ބުނާކަށް ނުވާނޭ ބުނެ ޝެހްނީލާއާ ދިމާއަށް އަޑުލައިގަތެވެ. ޙައްމާދު ލަދުގަންނަންވެސް ނޭނގި އިނދެ އެންމެ ފަހުން އާންޓީ ފޯނު ނުނަގަނީ ކީއްވެތޯ ސުއާލު ކުރެއެވެ. ގެ ބަދަލުކުރަން ބޮޑު ޚަރަދެއް ކުރަން ޖެހުނީމަ ، ބިލް އަދި ނުދެއްކޭތީ ފޯނުބިލް ނުދައްކާތީ ފޯނު ކަނޑައިލާފައި އޮތީ ކަމަށް ރާފިޢާ ބުނެއެވެ. ރާފިޢާ އެހެން ބުނުމުން އެކަން ކަޝަފަކަށް ކަމަކު ނުދިޔައެވެ. އެމީހުން ދިރިއުޅޭ ނިކަމެތި ޙާލުގެ ވާހަކަ އިވި ދޮންމަންމަ ހީ މަލާމާތް ކުރުމަކީ ކަޝަފް އެދޭގޮތެއް ނޫނެވެ. މަންމަ ވެސް ހިސާބަށްވުރެ އަނގަ ގަދައީ އެވެ. އަދި މަހެއްހާ ދުވަސް ވީމަ ފައިސާ ދެއްކޭވަރު ވާނެކަމަށާ އަދި އޭރުން ފޯނު ކޮށްލެވޭނެކަމަށް ރާފިޢާ ބުނެއެވެ.
"އެހެން ހެއްޔެވެ؟ އަހަރެމެން ގޭގައި މިހާރު ކޯޑްލެސް ފޯނެއްވެސް ލައިފީމެވެ. ބައްޕަގެ ރައްޓެއްސަކު ޑުބާއީއަށް ދިޔައިރު ގަންނަން ދީގެން ގެނައީއެވެ. އާ ފްރިޖެއްވެސް ހޯދައިފީމެވެ. މަތީބުރި ކުއްޔަށް ދީގެން ލާރި ލިބެން ފެށީމަ ހުރިހާ ކޮޓަރިއެއްގެ ފަރުނީޗަރުވެސް ބަދަލު ކޮށްދޭނެ ވާހަކަ ބައްޕަ ބުންޏެވެ. އެއަރކޮންޑިޝަންވެސް ކުރާނެއެވެ."
"މިގޭ ކައިރީގައި އެހުރީ ޙައްމާދުގެ ސައިކަލް ހެއްޔެވެ؟" ޝެހްނީލާ އަހައިލިއެވެ.
"އާނއެކެވެ! އެއީ މިދިޔަ މަހު ، ބައްޕަ ގަނެދިން ސައިކަލެކެވެ. މަހެއްވީމަ އެއީދެން އާ އެއްޗެއް ނޫނެވެ." ޙައްމާދު ޖަވާޞު ދިނެވެ.
"ބައްޕަ އަށް ލޮޓްރީއެއް ދިމާވީ ހެއްޔެވެ؟" ޞިދްރާ އެކުރި ސުއާލަށް ކަޝަފާއި ޝެހްނީލާ ހީ ގަތެވެ.
"އެކަމަކު ބައްޕަ އަބަދުވެސް ބުނާނެއެވެ. އަހަރެން މީ ބައްޕަގެ ނަޞީބު ބަދަލުކޮށްލި ކުއްޖާއެވެ. އަހަރެން ދުނިޔެއަށް އުފަންވީ ދުވަހުން ފެށިގެން ބައްޕަގެ ނަޞީބު ރަނގަޅު ވެ ދިރިއުޅުން އާބާދު ވަމުން ދިޔައެވެ." ޙައްމާދު ބުންޏެވެ.
"އާނއެކެވެ! ބައްޕަޔަށް ކަލޭތީ ލާރިއަޅާ ފޮށްޓެކެވެ. މައިންމަގަށް ލައްގަޅޭ ، އެއިން މަގަށް ނުލައްގަޅޭ ކިޔަ ކިޔާ އިންދާ ބައްޕަ އިން މަގަށް ލެއްގީއެވެ. ދެން ތިބި އެހެން ކުދިންނަކީ އަގެއްހުރި ބައެއް ނޫނެވެ." ކަޝަފަށް ނީނދެވިގެން ބުންޏެވެ.
އެކުދިން ކިޔަމުން ގެންދިޔަ އެއްޗެހި އަޑުއަހަން އުނދަގޫ ވެގެން ކަންނޭނގެއެވެ. އެންމެ ފަހުން ޙައްމާދު ނުކުންނަން ހިފާލިއެވެ.
"ގެޔަށް އަންނައިރު ޖޫސް ގަނެގެން އަންނާށޭވެސް މަންމަ އޮތީ ބުނެފައެވެ. ހަވީރު ގޭގައި ޕާޓީއެއް އެބަ އޮތެވެ. ތިމާގެ މީހުންނަށް ދަޢުވަތު އޮތީ ދީފައެވެ. އަހަރެން އަދި އަންނާނަމެވެ." ޙައްމާދު އެހެން ބުނެ ނުކުމެގެން ހިނގައްޖެއެވެ.
"އަހަރެމެން ގާޓު ތިވާހަކަ ބުނާނެ ކަމެއް ނެތެވެ. ތިހެން ނުބުންޏަސް ކަލޭ އަންނާނެކަން އަހަރެމެންނަށް އެނގެއެވެ." ޝެހްނީލާ ބުންޏެވެ.
"ކަލޭމެން އޭނާޔާ ތި ދިމާކުރަނީ ކީއްކުރަން ހެއްޔެވެ ؟ ގެޔަށް ގޮސް ހުރިހާ ވާހަކައެއް ބަރާބަރަށް ކިޔައި ދޭނެއެވެ." ރާފިޢާ ޝަކުވާ ކުރިއެވެ.
ޞިދްރާ އާއި ޝެހްނީލާ މަންމަޔަށް ނަޞޭޙަތް ދޭން ފެށިއެވެ. ބައްޕަގެ ހިތުގައި އެކުދިންނާމެދު އެއްވެސް ރަޙުމެއް ނެތީމަ އެކަމާ އެކުދިން ހިތާމަ ކުރެއެވެ. އަދި މަންމަ އެއްވެސް އެއްޗެއް ހިތަށް ނާރަނީތޯ ސުއާލު ކުރެއެވެ. ރާފިޢާވެސް އެކަމާ ވިސްނާ ފިކުރުކުރާކަމަށް ބުނެއެވެ. އެހެން ނަމަވެސް އެކުދިންނަށް ޙަލާލު ގޮތުގައި ރޮށިކޮޅަކާ މުގުރިހަކޮޅެއް ކާން ދެވޭތީ އެކަމާ ފަޚުރުވެރި ވެއެވެ. މުރުތަޟާ ހޯދާ ހަރާން ލާރިން ، އޭނާގެ ކުދިންނަށް ޚަރަދު ކުރާކަށް ރާފިޢާ ބޭނުމެއް ނޫނެވެ.
ކޮންމެ ގޮތަކަށް ހޯދާ ލާރިއެއްނަމަވެސް ގެޔަށް ވައްދާ ލާރިއަށް ނިޤާރު ، މުރުތަޟާއަކާ ސުއާލެއް ނުކުރާނެއެވެ. ގިނައިން ގެންނަވަރަކަށް އުފާ ވާނެއެވެ. އެކަމަކު އެއީ ، ރާފިޢާ ބޭނުންވާ ގޮތެއް ނޫނެވެ. ހަރާން ގޮތުގައި ހޯދައިގެން މުރުތަޟާ ގެންނަ އެއްވެސް ލާރިއެއް އޭނާގެ ތިން ކުދިންނަށް ކާންދޭކަށް ރާފިޢާ ބޭނުމެއް ނޫނެވެ.
(ނުނިމޭ)
Vvreethi dhukuran avahah upkoh dhevvaathee