ދެކަފި - 20

(3 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފްގެ ދިރިއުޅުމަށް ވަމުންދާގޮތާމެދު، ޚުދު ކަޝަފްވެސް ކަންބޮޑުވެއެވެ. އޭނާއަށް ހީވެފައި އޮތްގޮތުގައި ދަތި އުނދަގޫ ވަގުތަށްވާނީ ކުޑައިރުގެ ދުވަސްތަކެވެ. ބޮޑުވަންދެން އަންނަ ދުވަސްތަކެވެ. ކަޝަފްމެން ބޮޑުވުމުން، މަންމަގެ ހުރިހާ ހާސްކަމެއް ފިލައި، ހިތަށް ހަމަޖެހުން ލިބޭނެ ކަމަށެވެ. އެކަމަކު ދިރިއުޅުމުގެ ހަރުފަތްތައް ވެގެންއެދަނީ އެއްހަރުފަތުން އަނެއް ހަރުފަތަށް އަރަން ފައި އުފުލާލަން ދަތި އެއްޗަކަށެވެ. ބޮޑުވަމުން އައި ވަރަކަށް، ކަޝަފްމެންގެ ފަރާތުން މަންމަ އަށް ލިބޭ ތަކުލީފު ދަނީ ބޮޑުވަމުންނެވެ. އެލިބޭ ތަޢުލީމާއި ޑިގްރީއާ އަދި ވަޒީފާއަކީ ހަމަ ބޭކާރު އެއްޗެކެވެ. ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އެއިން އެކައްޗަކީވެސް ބޭނުންހިފޭ އެއްޗެއް ނޫނެވެ. ކަޝަފްގެ ޑައިރީގައި ލިޔަމުންދިޔަ އެވާހަކަތައް އެހިސާބުން ނިންމައިލައެވެ.

------------------------

އަބްރާރު ކްލާސް ނަގައިދެމުން ގެންދިޔައެވެ. އަދި އޭނާ އެދުވަހު ދިން މަވްޟޫއަށް ވާހަކަ ދެއްކުމުގެ ފުރުޞަތު،  ކުދިންނަށް ހުޅުވައިލިއެވެ. އެންމެ ފުރަތަމަވެސް ވާހަކަ ދެއްކީ ޒަރޫންއެވެ. ޒަރޫންގެ ނަޒަރުގައި މައްސަލަޔަކީ ޤައުމިއްޔަތެވެ. މައްސަލަޔަކީ ޤައުމަށް ވަފާތެރިވުމާއި ބޭވަފާތެރިވުމުގެ މައްސަލައެއް ނޫނެވެ. ޙުއްބުލްވަޠަން އޭ ކިޔައިގެން، ސިޔާސީ މީހުން ބޮޑެތި ވާހަކަ  ދައްކާނެއެވެ. އެކަމަކު ޙަޤީޤަތަކީ، ޙުއްބުލްވަޠަންގެ ރޫހުގެ ކަންފުޅެއްވެސް އެއިންމީހެއްގެ ހިތުގައި ނެތުމެވެ. ޒަރޫންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ކަޝަފް އަކަށް ނީނދެވުނެވެ.

ޕްރޮފެސަރު އިބްރާރުގެ ކިބައިން އެއްޗެއްބުނަން އިޒުނަ ހޯދައިގެން ވާހަކަ ދައްކަން ފެއްޓިއެވެ. ކަޝަފްގެ ނަޒަރުގައި ޒަރޫންއަށް އެކިޔޭ އެއްޗެއް އޭނާއަކަށް ނޭނގެއެވެ. ޤައުމިއްޔަތުގައި މައްސަލައެއް އުޅޭނަމަ، އެމައްސަލަޔަކީ، ޤައުމުގެ މުއްސަނދީންގެ މައްސަލަޔެކެވެ. މިފާއިތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި، އެމީހުންވަނީ ޤައުމުގެ ފަޤީރުންގެމަތިން ހަނދާން ނައްތާލާފައެވެ. އަދި، އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް އަދި އިޙްސާސްކުރެވޭނީވެސް ޒަރޫންމެންކަހަލަ މުއްސަނދިންނަށެވެ. މުއްސަނދިން ނަޒާޙަތްތެރިކަމާއެކު، ހަމަޔަށް ޓެކްސް ދައްކާނަމަ، ނުވަތަ އެމީހުންގެ މުއްސަނދިކަން ޤައުމަށް އެންމެ ފައިދާހުރިގޮތުގައި ބޭނުންކުރެވޭނަމަ، ޤައުމިއްޔަތު ދިރިގެންދާނެއެވެ. އެހިސާބުން ޒަރޫންއަކަށްވެސް މަޑެއްކޮށެއް ނުއިނދެވުނެވެ. "ޒާތީގޮތުން އަހަރެންނާ ދިމާ ނުކުރާށެވެ!" ޒަރޫންއަށް ނުއިނދެވިގެން ކަޝަފް އާ ދިމާއަށް ބުންޏެވެ.

"އަހަރެން ޒާތީގޮތުން ދިމައެއް ނުކުރަމެވެ. އަހަރެން މިކިޔައިދެނީ ޙަޤީޤަތެވެ." ކަޝަފް ޖަވާބުދިނެވެ.

ކަޝަފްގެ ޖަވާބާ ގުޅިގެން، ޒަރޫނާ ދެމީހުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރިޔަށް ދިޔައެވެ. މާ ކަންތައްގަނޑު ބޮޑުވާން ފެށީމަ، އެހިސާބުން މާބޮޑަށް ހޫނުވާން ފަށައިފިއޭ ބުނެ، ކްލާސް ނިމުނީކަމަށް އަބްރާރު އެންގިއެވެ. ކްލާސް ނިމުމަށްފަހުވެސް ޒަރޫން ކަޝަފް ގާތަށްގޮސް ދެމީހުން އެކަމާބެހޭގޮތުން ޒުވާބު ކުރިއެވެ. އެންމެ ފަހުން ޒަރޫންއާއި ކަޝަފްގެ ޒުވާބުގެ ތެރެޔަށް މާރިއާވަނުމުން މާރިއާއާ ދިމާއަށްވެސް ޒަރޫން ހަޅޭއްލަވައި ގަތެވެ. ޒަރޫން ހުރީ ރުޅިއައިސް ރަތްވެފައެވެ.

ޔުނީ ނިމިގެން ކަޝަފާއި މާރިއާ ނުކުމެގެން އައީވެސް އެކަމާބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. ޒަރޫންގެ ރުޅިގަދަ ވާހަކަޔާއި ޙަޤީޤަތް ޤަބޫލުކުރަން، ޒަރޫނަށް އުނދަގޫވާހަކައެވެ. އަދި އެހެން މީހުން ދައްކާ ވާހަކަ ހަޖަމްކުރަން، ޒަރޫނަށް އުނދަގޫ ވާހަކައެވެ. ޒަރޫން ރައްދުދިންގޮތުން މާރިއާވެސް ހުރީ އަޖައިބު ވެފައެވެ. އެވާނީ އޭނާ ރައްޓެހިވެގެންއުޅޭ ކުއްޖާ ހިތްވަރުދެނީ ކަމަށެވެ. އަޑުއިވޭގޮތުގައި އެމީހުން އެންގޭޖްވެސް ވެއްޖެއެވެ. އަސްމަރާގެ ނުފޫޒު، ޒަރޫންގެ މައްޗަށް ވަރަށް ބޮޑެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ. އެހެންމީހުންގެ ކަންކަމާ ނުބެހި އެދެމީހުން އެމީހުންގެ އަމިއްލަ ކަންކަމާ އުޅުނިއްޔާ މާ ރަނގަޅެއް ނޫން ހެއްޔެވެ. އަހަރެމެންނަށް ކޮން ނުފޮރުއްޕާނެއް ކުރާކަށް ހެއްޔެވެ ؟ ކަޝަފްގެ ރުޅިގަނޑުވެސް ހުރީ ކޮންޓްރޯލުން ނައްޓާފައެވެ.

ޒަރޫންއާއި އުސާމާ އަދި އަސްމަރާވެސް އިންޓަވަލް ގަޑީގައި މުޅިންވެސް ދެއްކީ އެވާހަކައެވެ. އުސާމާގެ ނަޒަރުގައި، ޒަރޫން، ކަޝަފަށް އެގޮތަށް ރައްދުދީގެން ނުވާނެއެވެ. އަސްމަރާ ޤަބޫލުކުރާ ގޮތުގައި، ޒަރޫން އެހެދީ ރަނގަޅަށެވެ. ޒަރޫންގެ ކޮންމެ ކަމަކަށް ކަޝަފް ދައްކަނީ އިދިކީލިކަމެވެ. އުސާމާ ޤަބޫލުކުރާ ގޮތުގައި ޒަރޫންވެސް އެކުރަނީ ހަމަ އެކަމެވެ. ކަޝަފްގެ ކޮންމެ ކަމަކަށް އިދިކޮޅު ހަދައި ރައްދު ދިނުމެވެ. މުއްސަނދިންނަށް އެހާ ނަފުރަތު ކުރާނަމަ، އެ ޔުނިވަރސިޓީއަށް އެޑްމިޝަން ފޯމު ލާންވީ ކީއްކުރަން ހެއްޔެވެ. އަސްމަރާގެ ޚިޔާލު ފާޅުކުރިއެވެ. އެތަނަށް ގިނައިން އަންނަނީ މުއްސަނދިންގެ ދަރިން ވިއްޔާއެވެ.

------------------------

ކަޝަފަށްވެސް އެރޭ އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ކިޔެވުމާއެކު ޔުނިވަރސިޓީގައި އަނެއްކާވެސް ކުއްޖަކާ ޒުވާބު ހިނގައިގެން ސިކުނޑި ރަނގަޅަކަށް މަސައްކަތެއްވެސް ނުކުރެއެވެ. ކިޔަވަން ފެށުމާގުޅިގެން ކަޝަފް ޓިއުޝަން ނަގައިދޭ ކުދިންގެ އަތުންވެސް މިހާރަކު ލާރިއެއް ނުލިބެއެވެ. އެއީވެސް އޭނާގެ ބޯ އިތުރަށް ގޮވަން ދިމާވާ ސަބަބެކެވެ. ކަޝަފާ ދިމާއަށް ޒަރޫން މިއަދު އެގޮވައިގަތީ އޭނާގެ ހިތަށް ވަރަށް އަސަރުކުރި ވާހަކަ ތަކެކެވެ. ހިތްނުތަނަވަސްކަން ދޫކޮށްލަން ކަޝަފް މަސައްކަތްކުރި ނަމަވެސް، ހިތުގެ ނުތަނަވަސްކަން، ކަޝަފްދޫކޮށްލާކަށް ނޫޅެއެވެ. ޞިދްރާ އައިސް ސަމާސާ ކޮށްލީމަ ކޮންމެވެސް ވަރަކަށް ކަޝަފަށް ހިތަށް ހަމަޖެހުން ލިބުނެވެ. ކަޝަފް ދެކޭގޮތުގައި ޒަރޫންއަކީ އެކުގައި އުޅެން ވަރަށް އުނދަގޫ މީހަކަށް ވާނެއެވެ.

ޒަރޫންވެސް އޮތީ އެދުވަހު ދިމާވި ކަންތަކުގައި އައި ރުޅި ހިތުން ފިލުވާލަން އުނދަގޫވެފައެވެ. ހުރިހާ ރުޅިއެއް ބާލަމުން ގެންދެވެނީ އަތުގައި އޮތް، ފިތަން ގެންގުޅޭ ބޯޅައަށެވެ. މޫނުމަތިން ފެންނަނީ ހިތްނުތަނަވަސްކަމާއި ރުޅިވެރިކަމެވެ. ކަޝަފްގެ ޢަމަލުތަކާއި ވިސްނުން އެހުންނަގޮތް ދެނެގަންނަން ޒަރޫނަށް އެހާ ފަސޭހައެއް ނޫނެވެ. ކަޝަފްމެން ކަހަލަ ފަޤީރު ކުދިން  ދަސްކުރުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެއްކަމެއް ދެކަމެއް ނޫނެވެ. އެތައް މައްސަލައެކެވެ. އެހުރިހާ ކަމަކީވެސް ފިރިހެންކުދިންގެ ސަމާލުކަން ހޯދަން ކުރާ ކަންކަމެވެ. ނުވަތަ ކްލާހުން ފާހަގަ ކުރެވޭ މީހަކަށްވާން ކުރާ ކަމެކެވެ. ހިތަށް އަރައިފިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަދި އެކުރާ ކަމަކަށް އެއްވެސް މީހަކު އެއްޗެކޭ ނުބުނާނެއެވެ. އެއީ ކަޝަފަކީ އަންހެންކުއްޖަކަށް ވާތީއެވެ. މީދެން ތަންކޮޅެއް ބޮޑުވަރެއް ނޫން ހެއްޔެވެ. އުސާމާ، އެހާބޮޑަށް ކަޝަފުގެ ކޮޅަށް އެހުންނަނީ ކީއްވެގެންކަމެއް ނޭނގެއެވެ. ދުވަހަކުވެސް ޒަރޫންއާ ބަޙުސްކޮށް ކްލާހުގައި ކުއްޖަކަށް ކުރިހޯދިފައެއް ނުވެއެވެ. އެކަމަކު، ކަޝަފް މިއަދު ޒަރޫން ލަދުގަންނުވައިލައިފިއެވެ.

ޒަރޫންއާމެދު ކަޝަފް ކުރިންވެސް ހީކުރަމުންއައިގޮތް މިއަދު އެވަނީ ޔަޤީން ވެފައެވެ. އެއީ ވަރަށް ގޮތްދޫނުކުރާ ހަޖަމްކުރަން ނޭނގޭ، ރުޅިގަދަ އިންސާނެކެވެ. އަސްމަރާހެން، ކްލާހުގެ ހުރިހާ އަންހެންކުދިން އޭނާ ޖަހާހާ ބެރަކަށް ނަށާނެކަމަށް ޒަރޫންއަށް ހީވެގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ ؟ ކްލާހުގައި އެއްވެސް ކުއްޖަކަށް އެއްވެސް އެއްޗެއް ރަނގަޅަކަށް ނުބުނެވެއެވެ. އެންމެން ތިބެން ޖެހެނީ ހިލަގަނޑަކަށް ވެގެން އަނގައިން ނުބުނެއެވެ. ކްލާހުގައި ކުއްޖަކަށް އޭނާގެ ވިސްނުމާ ދެކޮޅަށް އެއްޗެއް ބުނެވުނަސް އެއީ މައްސަލައެކެވެ. ކްލާސް ތެރޭގައި ނޫންނަމަ، ޒަރޫންއަށް އެއްޗެއް ވިސްނޭވަރަށް، ކަޝަފް ދިނީހެވެ. މައިންބަފައިންގެ މުއްސަނދިކަން ގޭގައި ބާއްވާށެވެ. އަދި ހިތަށް އެރިކަމެއްކުރަމުން މުޅި ރަށުތެރޭގައި ދުވާށެވެ. އެކަމަކު ކްލާހަށް އައިސް ހުރިހާ ކުދިންގެ ވިސްނުމާ ފިކުރަށް ތަބާވާން ޖެހޭނެއެވެ. އެކަމެއްގައި އޮންނަ ރަނގަޅުގޮތް ހޯދާނީ ހުރިހާ ކުދިންވެސް ވާހަކަ ދައްކައިގެންނެވެ. ބަހުސް ކޮށްގެންނެވެ. ޒަރޫން ބުނާގޮތް އެއީ އެންމެ ރަނގަޅުގޮތަށް ވެގެންނެއް ނޫނެވެ.

------------------------

އަސްމަރާ ފަތަރާސީ ހިނގުމެއްގައި ޔުނިވަރސިޓީއަށް ވަދެގެން އައިއިރު، ދިމާވި ބައެއްކުދިން އޭނާލައިގެންހުރި ހެދުމުގައި އަޅައިގަތެވެ. އަނެއްބައި ކުދިންނަށް އެއީ، ޔުނީއަށް އަންނައިރު ލާން އެހާ މުނާސަބު ހެދުމެއް ނޫނެވެ. އަސްމަރާ ފެނިފައި އުސާމާވެސް ދިޔައީ ސިއްސައިގެންނެވެ. އެއައީ ކޮންވައްތަރެއްގެ ހެދުމެއް ލައިގެންހޭ ބުނެވުނެވެ. ޒަރޫންވެސް އަސްމަރާ ލައިގެންހުރި ހެދުމާ އެހާ ޤަބޫލެއް ނޫނެވެ. އެކަމާ ހިތްހަމަނުޖެހިގެން ޒަރޫން އެއްޗެއް ބުނުމުން އަސްމަރާގެ މޫޑް އެއްކޮށް ބަދަލުވެގެން ދިޔައެވެ. އޭގެކުރިން، އަސްމަރާ އަޅާ ހެދުމާމެދު ޒަރޫން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޒަރޫންގެ މައްސަލައެއް އެބައުޅޭކަމަށް އަސްމަރާއަށް ވިސްނުނެވެ. ރަޙުމަތްތެރިން ކަމަށްވާތީ، އެކަކު އަނެކަކަށް، ރަނގަޅާއި ނުބައި ވަކިކޮށްދިނުމުގައި، ކޮންމެ ވާހަކައެއްވެސް ދެއްކުމަކީ ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް، އެންމެންގެ މެދުގައި އަސްމަރާގެ ހެދުމަށް ގޮތްކިޔަން ޒަރޫންއަށް އެއްވެސް ޙައްޤެއް އޮންނާނެ ކަމަކަށް އަސްމަރާއެއް ނުދެކެއެވެ.

އިންޓަވަލް ގަޑީގައިވެސް ޒަރޫން އާއި އަސްމަރާއާ ދެމެދުގައި ޒުވާބު ހިނގިއެވެ. ޒަރޫންއަށް އަސްމަރާގެ ހެދުމަށް ގޮތްކިޔުނީ އެދެމީހުންގެވެސް ރައްޓެހި، އުސާމާގެ ކުރިމަތީގައެވެ. އެތަނުގައި އެހެން އެއްވެސް ކުއްޖަކު ނެތެވެ. އެހެންނަމަވެސް، އުސާމާގެ ކުރިމަތީގައިވެސް އޭނާގެ ހެދުމަށް ޒަރޫން ގޮތްކިއުން އެއީ ކޮށްގެންވާނެކަމެއް ނޫންކަމަށް އަސްމަރާ ދެކެއެވެ. ޒަރޫން އަށް އެކުރެވުނީ ކުށެއް ނޫނެވެ. ޔުނީއަށް އަންނަން ކަމުނުދާ ހެދުމެއްލައިގެން އައިމަ ރައްޓެއްސެއްގެ ޙައިޞިއްޔަތުން ޒަރޫން އެހެން ބުނީއެވެ. އެދުވަހު އެއްޗެކޭ ނުކިޔަސް، ފަހުން، ކުދިން އެވާހަކަ ދައްކައި އެކަމުން އަސްމަރާގެ ތަޞައްވރު ޚަރާބުވާނެކަން ޒަރޫން ހަނދާން ކޮށްދިނެވެ. އަސްމަރާ އެ ހެދުން ލައިގެން ގެއިން ނުކުމެގެން އައީ އޭނާގެ ބައްޕަގެ ކުރިމަތިން ލާފައެވެ. ބައްޕަ އެހެދުމަކަށް އެއްވެސް ގޮތެއް ނުކިޔައެވެ. އެހެންވީމާ އެހެންމީހުން އޭނާގެ ހެދުމަށް ގޮތްކިޔާފާނެތީ އޭނާ ކަންބޮޑެއް ނުވެއެވެ. ޒަރޫންވެސް ހިމަނައިގެންނެވެ.

------------------------

ކަޝަފާ ދެވަން އޭނާގެ ބައްޕައާއި ބޮޑުބޭބެ ބޭނުންވާ ސަޖާތު، ރާފިޢާއާ ބައްދަލުކުރުމަށް، އެމީހުން އެގެޔަށް ފޮނުވިއެވެ. ރާފިޢާ ބުނެފައިވާގޮތުގައި މީހަކާ އިންނާކަށް ކަޝަފުގެ އެއްވެސް ޝަޢުޤުވެރިކަމެއް ނެތެވެ. އަދި ކަޝަފްގެ ހުރިހާ ކަމެއް ހުސްކުރަން ބޭނުންވަނީ އޭނާގެ ކިޔެވުމަށެވެ. ސަޖާތު އެގެޔަށް ދިއުމުން އެމީހުން ބޭނުންވާފަދަ އިޖާބައެއް ރާފިޢާގެ ފަރާތުން ނުލިބުމުން އެކަމާ އެދެމީހުންވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ. އެކަމާބެހޭގޮތުން ވައްހާބާއި މުރުތަޟާގެ ދެމަފިރިން ބަހުސް ކުރަމުން ގެންދިޔައެވެ. ނިޤާރުގެ ނަޒަރުގައި ކަޝަފްގެ މައްސަލަވެސް މުރުތަޟާއަކަށް ޙައްލެއް ނުކުރެވޭނެއެވެ. މުރުތަޟާގެ ވިސްނުމުގައި އޮތީ ރާފިޢާ ވަރިކުރުމެވެ. ވައްހާބަށް ލިބުނު ކުއްލި ސިހުމުގައި އެއީ ތެދެއްތޯ މުރުތަޟާ ކުރެން އަހައެވެ. މުރުތަޟާއަށް ރާފިޢާ ކޮންޓްރޯލް ނުކުރެވޭތީ ވަރިކުރުން ނޫން ގޮތެއް ނެތެވެ. މުރުތަޟާ އެގޮތަށް ނިންމާ ކަމަށްވަންޏާ އެގެ ހުސްކޮށް އެތިންމައިން އެހެންތާކަށް ދިއުމަށް ނޯޓިސް ދިނުމަށް ވައްހާބު ލަފާ ދެއެވެ. ރާފިޢާއާއި ތިންކުދިން އެގޭގައި އުޅޭތާ ފަންސަވީހަކަށް އަހަރު ވެއްޖެއެވެ. ވައްހާބު ބޭނުންވަނީ އެގެއިން އޭނާއަށްވާ ޙިއްޞާ ހޯދާށެވެ. އެގެޔަކީ، ވައްހާބާއި މުރުތަޟާއާ ދެމީހުންގެ މުސްކުޅި ގެއެކެވެ. މުރުތަޟާގެ ދޮށީ އަނތްބަށް އިޙްސާންތެރިވެގެން ވައްހާބަށް އެއްވެސް ފައިދާއެއް ނެތްކަމަށް ވައްހާބު ބުނެއެވެ.

ކަޝަފާ ކައިވެނިކުރުމުގެ ވާހަކަ ދައްކަން ސަޖާތު އެގެޔަށް އައިކަން އެނގުމުން ކަޝަފު ވަރަށް ނެއްޓިއެވެ. ކުރީ ދުވަހު ވައްހާބާއި މުރުތަޟާ އައިސް އެވާހަކަ ދެއްކީމަ، މަންމަ އެކަމަށް ދެކޮޅުހަދާ އެއްޗެހިކީމަވެސް ސަޖާތު އެއައީ އެމީހުންގެ ރޭވުމަކުންކަމަށް ވެދާނެއެވެ. މިރަށުން އަންހެނުން ހުސްވީ ހެއްޔެވެ؟ ކަޝަފް ނޫން އެހެން މީހަކު ސަޖާތަށް ނުފެނުނީ ހެއްޔެވެ؟ އެވާނީ ނިޤާރުގެ ރޭވުމަކަށެވެ. ކަޝަފްގެ މަންމައާއި ބައްޕަގެ ދިރިއުޅުން ބަރުބާދު ކޮށްފަ އެއަންހެނާއަށް ނިދިނައިސްގެން އެއުޅެނީ އަޅެ ފަހެ ކީއްވެ ހެއްޔެވެ؟ ސަޖާތަކީ ކަޝަފުމެންގެ ދުރުތާތިމާގެ މީހެއްގެ ދަރިއެކެވެ.  ކަޝަފަށް ޤަބޫލު ކުރެވުނުގޮތުގައި ޚުދު އޭނާގޮސް ދައްތަކައިރީ އޭނާ ސަޖާތާ އިންނަން ބޭނުންނުވާ ވާހަކަ ބުނަންވީއެވެ. އަދި އެ އުނދަގުލާއި ބުރަ އެހެން ކުއްޖަކު ހޯދައިގެން އެކުއްޖާގެ ބޮލަށް ޖަހާށޭވެސް ބުނަންވީއެވެ.

ކަޝަފާއި ސަޖާތުގެ ކައިވެންޏަކީ އެޢާއިލާގެ ތެރޭގައި އެންމެ ހޫނު ވާހަކަޔަށް އޮތީ ވެފައެވެ. ރާފިޢާ އެކަމަށް ޤަބޫލު ނުވެގެން މުރުތަޟާ ހުންނަނީ ރުޅިއައިހެވެ. އެކަމުގައި ރާފިޢާ ގެންގުޅޭ ވިސްނުން މުރުތަޟާއަކަށް ކަމަކު ނުދެއެވެ. މުރުތަޟާ ބޭނުންވަނީ ކަޝަފް މީހަކާ ދެވައިގެން އޭނާގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތުން އެއްކިބާ ވުމަށެވެ. އެކަމަކު އެ މަސްއޫލިއްޔަތަކީ ކޮބައިކަމެއް މުރުތަޟާއަކަށް ނޭނގެއެވެ. އެތިންމައިންގެ މަސްއޫލިއްޔަތު އުފުއްލަން މުރުތަޟާ ކުރަނީ ކޮން ކަމެއް ހެއްޔެވެ ؟ އެކުދިން ދުނިޔެއަށް އައީއްސުރެ، ރާފިޢާގެވެސް އަދި ތިންކުދިންގެވެސް ޒިންމާއެއް މުރުތަޟާ އެއްވެސް ވަރަކަށް އުފުއްލާފައެއް ނުވެއެވެ. މިހާރު ކުދިން ބޮޑެތިވީމަ އެދައްކަނީ ކޮން ޒިންމާއެއްގެ ވާހަކައެއް ހެއްޔެވެ؟

ސަޖާތާ ކަޝަފްގެ ކައިވެނިކުރަން ރާފިޢާ އެއްބަސް ނުވެއްޖެނަމަ، އެގެއިން ނުކުންނަން ޖެހޭނެކަން މުރުތަޟާ، ރާފިޢާއަށް އެނގިއެވެ. އެގެ ވިއްކާލާފަ ބޭބެ ވައްހާބަށް ދޭންޖެހޭ ޙިއްޞާ ދޭން ޖެހިއްޖެކަމުގައި މުރުތަޟާ ބުނެއެވެ. ރާފިޢާމެން އެގެއިން ނުކުމެގެންދާނެ އެއްވެސްތަނެއް ނެތެވެ. މުރުތަޟާ މުޅިންވެސް ކުރާނީ އެކަހަލަ ކަންތަކެވެ. ދަރިންގެ މައްޗަކަށްވެސް އެއްވެސް ކުލުނެއް ނުހުންނާނެއެވެ. ބޮޑެތިވެފައިތިބި ޒުވާން ތިން އަންހެންކުދިން ގޮވައިގެން ރާފިޢާ ދާނީ ކޮންތާކަށް ހެއްޔެވެ؟ މުރުތަޟާ އޭނާގެ ޒިންމާ އުފުއްލާ ގޮތަކީ އެއީއެވެ. އެންމެ ފަހަރަކުވެސް، ކުދިންނަށް ލިބޭނެ ނިކަމެތިކަމަކަށް ނުވިސްނައެވެ. އެހެންނަމަވެސް ގޭގެ ބަދަލުގައި ކަޝަފްގެ ކައިވެނި ސަޖާތާ ކޮށްދީގެން ކަޝަފްގެ ދިރިއުޅުން ބަރުބާދުކޮށްލާކަށް ރާފިޢާ ބޭނުމެއް ނުވެއެވެ. އިހަށްވެސް ނިކަމެތިކަމާއި އުނދަގުލާއެކު ދިރިއުޅެވުނު ގޮތަށް ދެންވެސް ދިރިއުޅޭނީކަމަށް ރާފިޢާ ނިންމައެވެ. މަންމައާއި ބައްޕަ ދެއްކި ވާހަކަތައް، ޞިދްރާ ކޮޓަރީގައި އިން އިރު ސާފުކޮށް އިވުނެވެ. ބައްޕަޔާ ދިމާއަށް ކަޝަފް، އަބަދު އެއްޗެހި ކިޔާތީ ޞިދްރާ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. އެހެންނަމަވެސް، ކަޝަފް އެހަދަނީ ރަނގަޅަށްކަން ޞިދްރާއަށް މިއަދު ޤަބޫލު ކުރެވިއްޖެއެވެ.  ބައްޕަޔަށް ޙައްޤީ އެކުދިންގެ ނަފުރަތުކަން ޞިދްރާއަށް މިއަދު ޔަޤީން ކުރެވުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.