ހަރުފަޔަކީ ޢާންމު ގޮތެއްގައި ނުރައްކަލަށް ދޫނުކުރާ ޖަނަވާރެކެވެ. ހަރުފަޔަށް ނުރައްކަލެއް ކުރިމަތިވާހެން ހީވާއިރަށް ދިފާޢީ ފިޔަވަޅު އަޅާނެއެވެ. ކައިރިންދާ މީހާ ހަރުފަޔަށް ގޯނާއެއް ނުކުރިޔަސް ، އެމީހާ ހަރުފަޔާ ކައިރިވާއިރަށް ޙަމަލާ ދޭނެއެވެ. އެމީހާ ގޯނާއެއް ކުރޭތޯ ބަލާކަށް ނުއޮންނާނެއެވެ. ހަރުފަ ފިރެކެމުންދާއިރު ، އަނިޔާއެއް ލިބިއްޖިއްޔާ އެއީ ކޮންއެއްޗެއްތޯ ބަލާކަށް މަޑެއް ނުކުރާނެއެވެ. އިންސާނަކަސް ، ޖަނަވާރަކަސް ، ލަކުޑިބުރިޔަކަސް އަދި ދަގަނޑުބުރިޔަކަސް އެއަނިޔާދިން އެއްޗަކަށް ޙަމަލާ ދޭނެއެވެ. އެއްގޮތަކަށްވެސް ރިސްކެއް ނުނަގާނެއެވެ.
މިހާރަކަށް އައިސް ބައެއް އިންސާނުން ، މިގޮތަށް ޢަމަލުކުރާތަން އެބަ ފެނެއެވެ. ތިމާއާ ދިމާއަށް އެއްޗެކޭ ބުނާމީހާއަށް ، ތިމާނުރުހޭ މީހާއަށް ބަހުންނާއި ޢަމަލުން ޙަމަލާދޭތަން އެބަފެނެއެވެ. އެފަދަ ޢަމަލުން ، ތިމާ އަމިއްލަޔަށް ނަފްސު ހަލާކު ކުރެވޭ އިރުވެސް ރޭކާލާގޮތެއް ނުވެއެވެ. ތިމާ އަމިއްލައަށް ބޭޒާރުވެ ފޮށާބޭލޭތަނެއް ނުފެނެއެވެ. ހެވިފައި އަތްޖަހަން ތިބޭމީހުންގެ މޫނުމަތިން ހިނިތުންވުން ފެނުނަސް ، އެމީހުންގެ ކުރިމަތީ ތިމާގެ އަގުވެއްޓޭތަނެއް ނުފެނެއެވެ. ހަމައެކަނި ފެންނަނީ ، ކޮލުދަތް ފެންނަވަރަށް ހީހީފައި ދަތުވާވަރަށް އަތްޖަހާ ތަނެވެ.
އެއްދުވަހަކު ، ހަރުފަޔެއް ފިރުކެމުންގޮސް ވަޑާންގެޔަކަށް ވަނެވެ. ވަޑާންގޭގެ އެއްކަނެއްގައި ފިލައި އޮވެލާނަމޭ ހިތައެވެ. ވަޑާންގެޔަކީ ، ތަފާތު ތޫނު ސާމާނާއި ހަތިޔާރު ހުންނަ ތަނެކެވެ. ހަރުފަ އެތެރެޔަށް ވަނުމުގައި އަތުކީހެއްމަތިން ދަނިކޮށް އޭގެ ފުށްތަކުގައި އަޅައިގަނެ ހަރުފަޔަށް ތަދުވިއެވެ. ލޭވެސް ކޮށައިލިއެވެ. އެނބުރިލާފައި ވަގުތުން ކީހުގައި ދަތް އެޅިއެވެ. ދަތްއެޅިތަނުން ކީހުގެ ތޫނު ފުށްތަކުން އަނގަޔަށް ތަދުވިއެވެ. އަނގައިންވެސް ލޭފައިބަން ފަށައިފިއެވެ. އަނގަޔާއި ހަށީގަނޑުން ލޭތައް ފައިބައި ގަތެވެ. ވާތަދުވެސް ބޮޑުވިއެވެ. ހަރުފަޔަށް އަނިޔާކުރި ކީހަށް އިތުރަށް އަނިޔާދޭން ވިސްނައި ކީހުގައި ، ހުސްކޮށް ތަންފުކެއް ނުބާއްވައި އެކީ އެކައްޗަކަށް ހަރުފައިގެ ހަށިގަނޑު އޮޅައިލިއެވެ. ހާސްކުރުވައި ނޭވާ ނުލެވޭވަރަށް ބާރު ކޮށްލިއެވެ. ނޭވާ ހާސްވެގެން މަރުވާނެކަމަށް ބަލާފައެވެ.
ބާރުކުރާ ވަރަކަށް ހަރުފައިގެ ހަށިގަނޑަށް ކީހުގެ ފުށްތައް ވަންނަމުން ދިޔައެވެ. ލޭކޮށައިނުލާ އެންމެ ތަންފުކެއްވެސް ނެތެވެ. ކީހަށް އަނިޔާދޭ ވަރަކަށް ހަރުފައިގެ ހަށިގަނޑުގައި އަޅާވޭން ގަދަވެފައި ފައިބަމުންދާ ލޭގިނަވިއެވެ. އެންމެފަހުން ކީހުގައި ބައްދައިގެން ބާރުކުރަމުން ، ކީހަށްދިން އަނިޔާގައި ހަރުފަ މަރުވެއެވެ. ކީހަށްވީ އެއްވެސް ގެއްލުމެއް ނެތެވެ.
ދޮންބެއްޔާ ހިތަށް އެރިއެވެ. މީހަކަށް އަނިޔާއެއް ދޭނަމޭހިތާ ތިމާއަށް ކުރެވޭ ކަމަކުން ތިމާއަށް ގެއްލުމެއް ލިބޭނަމަ އެއީ ބުއްދިނެތް ޖަނަވާރުންނާ އެއްފަދަ މީހެކެވެ. ކީހަށް އަނިޔާދިން ހަރުފަޔާއި އެމީހަކާ އެއްވެސް ތަފާތެއް ނެތެވެ.