(13 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަޖްނީ ޖަވާބުދިނުމުގެ ގޮތުން ކަމަލްއާއި ދިމާއަށް ބަލާލިއެވެ. އޭނާގެ ދެލޯ މަރާލިއެވެ. ލޮލުގެތެރެއިން ފޭދުނު ކަރުނުތައް އޭނާ ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ. ދެތިން ހަތަރު ދުވަހުގެ ތެރޭގައި ރަޖްނީގެ ޙާލު ރަނގަޅުވެއްޖެއެވެ. ބޮލުގައި އަޅާފައިވާ ބެންޑޭޖުވެސް ނަގައިފިއެވެ. ޒަޚަމްވެފައިވާ ތަން މުޅިން ފަސޭހަވެއްޖެއެވެ. އެހެންކަމުން އޭނާ ނާރސިންގްހޯމްއިން ގެއަށް ދިޔުމުގެ ހުއްދަވެސް މިއަދު ޑަކްޓަރުދީފިއެވެ. އެދުވަހު މާރިޔާވެސް ނާރސިންގްހޯމްއަށް އައެވެ. އަދި ރަޖްނީގައިގާ އޮޅުލައިގެންފައި، ދެލޯ ކަރުނައިން ފުރިގެންވާ ޙާލު ބުނަމުންދިޔައެވެ.
"މާސްޓަރްޖީއާ މެދު އަހަރެމެން ހިލަގަނޑެކޭ ހީކުރި ނަމަވެސް އޭނާ ވީ އަލިމަހަކަށް...ޑާރލިންގް... ކަލެއަށްޓަކައި، އޭނާ ދުވާލާ ރޭގަނޑު އެއްކޮށްލައިގެން މަސައްކަތްކުރީ...ކަލޭ ހޭނެތިފައި އޮތްހާއިރު އޭނާ އެއްވެސް އެއްޗެއް ނުކައި، ބޭހާއި ޑޮކްޓަރުންގެ ފީއާއި ހޮސްޕިޓަލްގެ ހުރިހާ ޚަރަދެއް އަދާކުރީވެސް އޭނާ... އަބަދު އޭނާގެ ފިކުރަކީ ކަލޭ..."
މާރިޔާ އެވާހަކަ ދައްކަމުންދަނިކޮށް ކަމަލްވެސް އައިސް އެކޮޓަރީގެތެރެއަށް ވަދެއްޖެއެވެ. އޭރުވެސް އޭނާ އަތުގައި އޮތީ ބޭސް ޕެކެޓްތަކެކެވެ. މާރިޔާ އޭނާއާ ދިމާއަށް ޝުކުރުވެރި ވުމުގެ ނަޒަރަކުން ބަލަން ފެއްޓިއެވެ. ނަމަވެސް މާރިޔާއަށް އެއްޗެއް ނުބުނެވިއުޅެނިކޮށް ކަމަށް ވާހަކަދައްކަން ފެއްޓިއެވެ.
"މެޑަމް... ކަލާ ދުރުވިކަން ވަރަށް ރަނގަޅު...ރަޖްނީއަށް މިއަދު ނާސިންގްހޯމުން ޗުއްޓީ ލިބިއްޖެ. ވީމާ ކަލާ އޭނާ ގޮވައިގެން،ގެއަށް ދުރުވޭ...އެކަމަކު ރަނގަޅަށް ހަނދާން ބަހައްޓަވައިގެން މި ބޭސްތަކާއި ޓޮނިކް ރަޖްނީއަށް ދެއްވަވަންވާނެ...ހަމަ ގަޑިން ގަޑިއަށް ދެއްވަވަން ވާނެ..." ދެން އޭނާ ވާހަކަ ދެއްކީ ރަޖްނީއާ މުޚާތަބްކޮށެވެ.
"ކަލޭ އެއްވެސް ކަމަކާމެދު ފިކުރު ނުކުރައްވާތި!" ރަޖްނީ ކަމަލްއާ ދިމާއަށް ބަލާލާފައި އިޙްސާންތެރިކަމުން ފުރިފައިވާ އަޑަކުން ބުންޏެވެ.
"މާސްޓަރްޖީ...ކަލާ އަޅުގަނޑަށް ތިޔަކޮށްދެއްވި ހެޔޮކަންތައްތައް އަޅުގަނޑު ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން..."
"ރަޖްނީ...އަޅުގަނޑަށްވަނީ ކުށެއް ކުރެވިފައި. މިހާރު އަޅުގަނޑުވަނީ އެކުށުގެ ތަވްބާ..އަޅުގަނޑު މިތަވްބާވީ އަޅުގަނޑުގެ ހިތްހަމަޖެއްސުމަށްޓަކައި..ހިތަށް އަމާންކަން ހޯދުމަށްޓަކައި... މިތަވްބާ ޤަބޫލުކުރެއްވިކަން ދެނެވޮޑިގެންވާނީ ހަމަ މާތް ރަސްކަލާނގެ.."
މިހާތަނަށް ބުނެވނުއިރު ކަމަލްގެ ލޮލުން ކަރުނައިގެ އަސަރުތައް ފެންނަން ފަށައިފިއެވެ. އެހެން ކަމުން އެ ކަރުނަތައް ހިފަހައްޓާލައިގެން އަވަސް އަވަހަށް ކަމަލް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ނަމަވެސް އޭނާގެ ހިތުގެ ޙާލަތު ރަޖްނީއަކަށް ސިއްރެއް ނުވިއެވެ. އަދި އޭނާގެ ލޮލުގެ ތެރޭގައި ފުރެމުން ދިޔަ ކަރުނަތައް ރަޖްނީއަށް ނުފެނި އެއްވެސް ނުދިޔައެވެ.
އެގާރަ
މާސްޓަރ ކަމަލް ސްކޫލަށް ދިޔުމުގެ ކުރިން އޭނާގެ ބަދުނާމު ވާހަކަތައް ވަނީ އެތަނަށް ގޮސްފައެވެ. ސްކޫލުގެ ހުރިހާ ދަރިވަރުން ވަނީ ތަފާތު ވައްތަރުގެ ލިޔުންތަކާއެކު އޭނާއަށް މަރްހަބާ ކިޔުމަށް ސްކޫލްގެ ކަމްޕައުންޑަށް އެއްވެފައެވެ. އެކުދިންތައް އޭނާ ފެނިފައި އަޑު އުފުލާފައި ގޮވަން ފެއްޓިއެވެ.
"ރޯމިޔޯ މާސްޓަރެއް ބޭނުމެއްނޫން..ރޯމިޔޯ މާސްޓަރެއް ބޭނުމެއްނޫން... ކުދިންނަށް ލޯބީގެ ފިލާވަޅު ދަސްކޮށްދޭ ޓީޗަރެއް ބޭނުމެއްނޫން... މިސްޓަރް މަޖްނޫން ގޯ ބެކް..އެ ކަހަލަ ޓީޗަރެއް ކަމަކު ނުދާނެ... އެ ކަހަލަ ޓީޗަރެއް ބޭނުމެއްނޫން..."
ކުދިންތައް ހަޅޭއްލަވާއަޑު ކަމަލްގެ ކަންފަތުގައި ޖެހުމުން ދިޔައިރު އޭނާއަށް ހީވަނީ ގަދަ ގުގުރީގެ އަޑު ހެންނެވެ. އޭނާގެ ހަށިގަނޑަށް ކުރަމުންދާ އަސަރު ވަޒަންކުރެވެނީ އޭނާގެ ގަޔަށް ހޮނުއަޅަމުން ދަނީ ކަމުގައެވެ. ހަދާނެގޮތެއް ނޭނގިގެން ވަށައިގެން އެކި ދިމަދިމާއަށް ބަލާލުން އޭނާއަށް ލިބުނު ޝޮކް އަދި މާބޮޑެވެ. އޭނާއަށް ހީވީ ބިންގަނޑު އޭނާގެ ފައިދަށުން ދެމިގެންދާން ފެށިހެންނެވެ. އޭނާ މުޅީން ދާ ހިއްލައިފިއެވެ.
ސްކޫލްގެ ފާރުތަކުގައާއި ހިއްޕާފައިވާ ލިޔުންތަކުގައިވަނީ ރަޖްނީއާއި އޭނާގެ ލޯބީގެ ވާހަކަތަކެވެ. ކަމަލް ހަދާނެގޮތް ހުސްވެގެން އަވަސް އަވަހަށް އަނބުރާލާފައި ސްކޫލްގެ ގޭޓުން ނުކުމެގެން ހިނގައްޖެއެވެ. ނަމަވެސް ކުދީންތައް ލަވަމުންދާ ހަޅޭކުގެ އަޑު އޭނާގެ ފަހަތުން ވަރަށް ދުރަށް އައެވެ.
ސްކޫލުން ނުކުތް ގޮތަށް ކަމަލް ސީދާ އައީ "ކްރިޝްނާ ލޮޖް"އަށެވެ. ލޮޖްއަށް އައިސް ސިޑިން އަރަން ފެށުމާއެކު އެތާނގައި ތިބި ގެސްޓުން މަލާމަތް ފާޑަކަށް ބުންޏެވެ.
"މަރްހަބާ...މަރްހަބާ..ވިދާޅުވެބައްލަވަ ލައިލާގެ ރަހަ ކިހިނެއްތޯ..."
"މާސްޓަރްޖީ ..މާބޮޑު ހާނީއްކައެއް ނުވޭ ދޮގެއްތޯ!" އެހެން މީހަކު ބުންޏެވެ.
"ހީވަނީ މާސްޓަރް ޖީ މާ ގިނައިން ހޭލާ އުޅުއްވަނީހެން ލޯކައިރި ހުންނަނީ ދުޅަވެފަ..."
ތިންވަނަ މީހަކު ދިމާކޮށްލީއެވެ. އެހިސާބަށް ދިޔައިރު ދޫބޭއަށް ހިމޭނުން ނީނދެވިގެން ހީނގެންފައި ބުންޏެވެ.
"މާސްޓަރްޖީ... ސްކޫލް ދޫކޮށްލައްވާފައި ހޮސްޕިޓަލްގައި އުޅުއްވަން ފައްޓަވާ..."
ދޫބޭ އެހެން ބުނުމުން އެންމެން އެއްފަހަރާ ހީނގެންފިއެވެ. ނަމަވެސް ކަމަލް ސިޑިން މައްޗަށް ދަމުންދަމުން އެނބުރިލާފައި،ރުޅި އައިސްފައިވާ ލޮލަކުން އެމީހުންތަކާ ދިމާއަށް ބަލާލުމުން އެންމެންވެސް ހުނުން ހުއްޓާލާފައި ހިމޭންވެއްޖެއެވެ. ކަމަލް ދިޔަގޮތަށްގޮސް އޭނާގެ ކޮޓަރިއަށް ވަދެފައި ވަރަށް ބާރަށް ދޮރުލައްޕާލާ ބަންދުކޮށްފިއެވެ.
އަޝޯކް އިނީ އޭނާގެ ގޭގެ ދޮރުމަތީގައި އިށީންދެލައިގެން ފޮތެއް ކިޔާށެވެ. ރަޖްނީ މަގުމަތިން ދަމުން އަޝޯކް އެތާނގައި އިންތަން ފެނިގެން ހުއްޓިއްޖެއެވެ. ނަމަވެސް އެއީ ހަމަ ދާދި ކުޑަ ހިނދުކޮޅަކަށެވެ. އަދި އަނެއްކާވެސް ހިނގައިގެންފިއެވެ. އަޝޯކްއަށް ރަޖްނީގެ މި މުރުއްވަތްތެރިކަން ކުޑަ ޙަރަކާތް ފެނުމުން، އިންތަނުން ތެދުވެގެން އައިސް ރަޖްނީއަށް ގޮވަން ފަށައިފިއެވެ.
"ރަޖްނީ...ރަޖްނީ..." އަޝޯކް ދުވަމުން ކަހަލަ ގޮތަކަށް އައިސް މަގުމައްޗަށްވެސް ނުކުމެއްޖެއެވެ.
ރަޖްނީއަށް ހީވީ އޭނާގެ ދެފައި ބިންމަތީގައި ތަތްވީހެންނެވެ. ކުރިޔަށް ނުދެވި ހުއްޓިއްޖެއެވެ. އަޝޯކް ފަހަތުން އައިސް އޭނާ އާ އަރާހަމަކޮށްފައި ބުންޏެވެ. "އަހަރެންނާ ނުރުހުނީތަ؟"
"ކާކުތޯ... އެހެންބުނީ...؟" ވަރަށް މަޑުމަޑުން ރަޖްނީ ބުންޏެވެ.
"އެހެންވީއިރު މިހުރިހާ ދުވަހު އުޅުނީ ކޮންތާކު؟"
"ހޮސްޕިޓަލްގައި"
"ހޮސްޕިޓަލްގައޭ؟... އަޝޯކް ސިއްސައިގެން ގޮސްފައި އަހާލިއެވެ.
"ކަލޭ ބަލިވީތަ؟"
"ގަދަވެ އުޅެނީ ކޮންއިރަކު... ޚުދު އަހަރެންނަކީ ރޯގާއެއް....ރޯގާގެ ބޭހަކީ އެހެން އެއްވެސް އެއްޗެއް ކަމުގައި ނުވާ ފަދަ ރޯގާއެއް!"
"އެކަމަކު އަޅެ ކަލެއަށްވީ ކީއްތަ؟"
"ބޯފެޅުނީ"
"ކިހިނެއްވެގެން...؟"
"އެ ދުވަހު މިގެއިން ނުކުމެގެން ދަނިކޮށް މަގުމަތިން ދިމާވި ގުންޑާއިންގެ ބަޔަކު ދިމާކޮށްލީ!"
"މާސްޓަރްޖީ އޭނާގެ ފުރާނައާ ކުޅޭ ހިސާބަށް ދުއްވާލައިގެން އަޅުގަނޑު ސަލާމަތްކޮށްދިނީ...އެ ތަޅާފޮޅުންގަނޑުގެ ތެރޭގައި އަޅުގަނޑުގެ ބޯފެޅުނީ..." އަޝޯކް އެވާހަކަ އަހާފައި ޙައިރާންވިއެވެ.
އަދި އިރުކޮޅަކު ވިސްނާލަން ހުރެފައި ބުންޏެވެ.
(ނުނިމޭ)