(23 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހަމަ އެވަގުތު އެ ލޮޖްގައި ހުންނަ އެހެން ގެސްޓަކުވެސް އެ ކޮޓަރީގެ ދޮރުމަތިން ހުރަސްކުރަމުން ދޫބޭ ދައްކާ ވާހަކައަޑުއިވިގެން އެތާނގައި ހުއްޓިއްޖެއެވެ.
"ދޫބޭ ކީއްވީތޯ!"
"ޝްރީމާންޖީ..އަޅުގަނޑަކީވާ ދޫބޭ... އެކަމަކު މާސްޓަރްޖީ "ޑޫބޭ" (ހިންދީ ބަހުން ޑޫބޭގެ މާނައަކީ ފެތިއްޖެއެވެ. މި ތާނގައި ދޫބޭ މިހެން ބުނެފައި މިވަނީ ދޫބޭއާއި ޑޫބޭއާ ފިލިކޯޅި ހަމަކޮށް ބުނަން ވެގެންނެވެ.) "މިއަދުގެ ތާޒާ ޚަބަރު.... ދީޕަކް މާސްޓަރްޖީއަށް ލަނޑު ދީފި. ގަޑިގެންގޮސްފި."
"ދޫބޭޖީ އާދައިގެ ގަޑިއެއްނަމަ އަހަރެން ކެތްކޮށްލައިގެން ހުރެއްޖައީމުސް"...ނަމަވެސް މި ގަޑިއަކީ ދެހާސްރުފިޔާގެ އެއްޗެއް." ކަމަލް ދޫބޭއަށް ގަޑީގެ މުހިންމުކަން ހާމަކޮށްދެމުން ބުންޏެވެ.
"ދެހާސް..........." ދޫބޭ ވަރަށް ދިގު ނޭވާއެއް ލާފައި ބުންޏެވެ. "އެހެންވިއްޔާ އެ ކުއްޖާ ތިދިނީ ވަރުގަދަ ލަނޑެއްތާ!"
ރަޖްނީ އަވަސްއަވަހަށް ދީޕަކްގެ ބޮލުގައި ފުނާ އަޅައިދީފިއެވެ. އޭނާގެ މޫނުގައި ފުށްޖަހައި ދީފިއެވެ. އަދި އޭނާގެ ފޮތްތައް ދަބަހަށް ލައިދެމުން ބުންޏެވެ.
"މިފަހަރު ކަލޭ އިނގިރޭސީން ރަނގަޅު މާކުހެއް ހޯދައިގެން ފަސްޓް ޑިވިޝަންގައި ފާސްވެއްޖެ ނަމަ ކޮއްކޮ އެދޭ ކޮންމެ އެއްޗެއް ވެސް ހޯދާދޭނަން."
"ގަޑިއެއް ހޯދާދީ ދައްތާ!" ދީޕަކް އަވަސްއަވަހަށް އުފަލުން ފޮޅިލާފައި ބުންޏެވެ.
"ގައިމު ވެސް ހޯދާދޭނަން....." ރަޖްނީ ލޯބިން ދީޕަކްގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.
"ދީޕަކް.... މާސްޓަރްޖީ އެބަ ގޮވާލައްވާ."
"މާސްޓަރްޖީއޭ......." ދީޕަކް ހައިރާންވެފާ އަހާލިއެވެ.
"އާނ..އަވަހަށް ދޭ..ފަހަރެއްގައި އޭނާ ކޮންމެވެސް ކަމެއް ހަނދާންވެގެން ގޮވާލީކަމަށް ވެދާނެ........" ރަޖްނީ އޭނާ ރާމޫއާއެކު، ދިޔުމަށް އިޝާރާތް ކުރަމުން ބުންޏެވެ.
ދީޕަކް ރާމޫއާއެކު ކްރިޝަނާ ލޮޖަށް ގޮސް، މާސްޓަރ ކަމަލްގެ ކޮޓަރިއަށް ވަދެފައި ހިސާބަކަށް ސިހޭގޮތްވިއެވެ. ލޮޖްގައި އެވަގުތު ތިބި ހުރިހާ ގެސްޓުން ކަހަލަ ގޮތަކަށް ތިބީ ކަމަލްގެ ކޮޓަރީގައެވެ. ކަމަލް ވަށަލައިގެންނެވެ. ދީޕަކް އެކޮޓަރިއަށް ވަނުމާއެކު އެންމެން އޭނާއާ ދިމާއަށް ބަލަން ފަށައިފިއެވެ.
"ކީއްވީތޯ......މާސްޓަރްޖީ...........؟ދީޕަކް އެތާނގައި ތިބި މީހުންތަކާއި ދިމާއަށް ބަލާލާފައި ކަމަލްއާއި ސުވާލުކޮށްލިއެވެ.
"އަހަރެންގެ ގަޑި ކޮބައިތަ؟....." ކަމަލް ދީޕަކާ ދިމާއަށް އައިސްފައި ހަރުކަށި ގޮތަކަށް އަހައިފިއެވެ.
"ގަޑިއޭތޯ......"ދީޕަކް ހައިރާންވެފައި ބުންޏެވެ. އަދި މޭޒާދިމާއަށް އިނގިލި ދިއްކޮށްލާފައި ބުންޏެވެ.
"އެ ތާނގައި ބާއްވާފައި އޮތް"
"އެހެން ވިއްޔާ އެތަނުން ގަޑި ދިޔައީ ކޮންތާކަށް."
"އަޅުގަނޑަށް އެނގޭނީ ކިހިނެއްތޯ؟"
:ދެން އެނގޭނީ ކާކަށް؟...މާސްޓަރޖީ އެ ބުނުއްވަނީ މިތަނަށް ކަލޭނޫން އެކަކުވެސް ނުވަދެޔޭ..."ލޮޖްގައި ހުްނނަ ކޮންމެވެސް ގެސްޓަކު ބުންޏެވެ.
"އެކަމަކު އަޅުގަނޑު އެ ގަޑީގައި އަތްވެސް ނުލަން" ދީޕަކް ރޮވޭގޮތް ވާން ފަށައިފިއެވެ.
"ކަންބޮޑު ނުވޭ...މާސްޓަރްޖީ ކަލެއަށް އެއްވެސް ކަމެއް ނުކުރައްވާނެ. ވަގަށް ނެގުނީ ކަމަށް ވަންޏާ ސާފުސާފުކޮށް ބުނޭ" ދޫބޭ އޭނާ މަޅީގައި ޖެއްސޭތޯ އުޅުނެވެ.
"ނޫންނޫން.... އަޅުގަނޑަކީ ވަގެއްނޫން. ....މާސްޓަރްޖީ. އަޅުގަނޑު ކަލާގެ ގަޑިއެއް ވަގަށް ނުނަގަން.............."
ދީޕަކް ލޮލުން ފައިބާ ކަރުނަތައް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.
"އެހެން ވިއްޔާ މޭޒު އެ ގަޑި ކާލީތަ.........ނުވަތަ ބިން ފަޅާލާފަ އަޑިއަށް ދިޔައީތަ". ކަމަލް ރުޅިއައިސްފައި ބުންޏެވެ.
މާސްޓަރްޖީ ރުޅިއައިސްފައި ހުއްޓާ ފެނުމުން ދީޕަކް ވަރަށް ބޮޑަށް ބިރުގެންފިއެވެ. އޭނާގެ މޫނުގެ ކުލަވަރު މުޅިން ރީނދޫވެގެން ހިނގައްޖެއެވެ. އަދިއެތަންވަޅު އެހެން އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކޮޓަރިތެރެއަށް އެއްވެފައި އޮތް އެންމެން އޭނާއާ ދިމާއަށް "ވަގެކޭ...ވަގެކޭ" ގޮވަން ފަށައިފިއެވެ. ދީޕަކް ކުރާނެ ކަމެއް ނެތިގެން ރޯން ފަށައިފިއެވެ. އޭނާ ރޯން ފެށުމުން ވެސް އެމީހުން ވަގެކޭ ގޮވުން ހުއްޓާނުލުމުން ދީޕަކް ދެކަންފަތުގައި އަތް އަޅައިގެން ރޮމުން ރޮމުން ދުއްވައިގެންފިއެވެ.
ރަޖްނީ އުޅުނީ ގޭތެރެސާފު ކުރުމުގެ މަސައްކަތުގައެވެ. ދީޕަކް ރޮމުން ރޮމުން އައިސް ގެއަށް ވަންތަން ފެނިގެން ކުނިކަހަން ގެންގުޅުނު ފިހިގަނޑުއެއްލާލާފައި ދުވެފައި ކަހަލަ ގޮތަކަށް ދީޕަކާ ދިމާއަށް އަންނަމުން ބުންޏެވެ.
"ކީއްވީ...ކީއްވީ...."
"މާސްޓަރްޖީ.....މާސްޓަރްޖީ............." ދީޕަކަށް އިތުރުއެއްޗެއް ނުބުނެވުނެވެ. ގިސްލަގިސްލާފަ ރޮވެނީއެވެ.
"މާސްޓަރޖީ ކީއްކުރެއްވީތަ! ފިލާވަޅު ދަސްނުކޮށްގެން އެއްޗެތި ކުޔުއްވީދޯ؟"
"ނޫން...މާސްޓަރްޖީގެ ގަޑި ވަގަށް ގެންދިޔައީ.......!"
"އެކަމާ ދެން ކަލޭ ރޮނީ ކީއްވެތަ؟"
"މާސްޓަރްޖީ ބުނުއްވަނީ އަހަރެން ގަޑި ވަގަށް ނެގީކަމަށް......"
"ކީކޭ....." ރަޖްނީ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ނަމަވެސް އަމިއްލައަށް ކޮންޓްރޯލް ކޮށްލާފައި ބުންޏެވެ.
"މާސްޓަރްޖީ މޮޔަވީތަ؟"
"މޮޔަވީކަން ޔަގީން" މާރިޔާ ތަށި ދޮންނަން އުޅެމުން ހުރިހާ ވާހަކައެއް އަހާފައި އެތަނަށް އައިސް ބުންޏެވެ. "އެހެން ނޫންނަމަ އެފަދަ އިނަސަންޓް ކުއްޖަކާމެދު އެފަދަ ތުހުމަތެއް ނުކުރީސް.....އާނ އެހެންޏަ...އެ ކުއްޖާ ފުޅަށް ކިޔަވާދީފައި އެ ކުއްޖާ ވަގަކަށް ހަދަނީ....މީހުން ވަކިކުރަން ވެސް ނޭނގޭ"
"އަހަރެންނާއެކު ހިނގާ- އަހަރެން ތިޔަ މާސްޓަރްޖީއާ ވާހަކަ ދައްކާނަން.......!"ރަޖްނީ ރުޅިއައިސްފައި ބުންޏެވެ. އަދި ދީޕަކް އަތުގައި ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ.
ކަމަލް ވަށައިގެން އަދިވެސް ތިބީ އެލޮޖްގައި ތިބޭ ގެސްޓުންނެވެ. އެމީހުން އޭރު ވެސް ދައްކަމުން ދަނީ އެ ގަޑީގެ ވާހަކައެވެ. ހަމަ ދެންމެ އެތަނަށް އައި ލޮޖްގެ މެނޭޖަރަށް ކަމަލް އެވާހަކަ ކިޔާދެނީއެވެ. އޭނާ ބުންޏެވެ.
"އަހަރެން ކުޑައިރުކޮޅެއް ކުރީން ގަޑި އަތުން ބާލާފަ މި މޭޒުމަތީގައި ފެންވަރަން ވަނީ. ފެންވަރައިގެން ނުކުތް އިރު ގަޑިއެއްނެތް. ވީ ތަނެއް ވެސް ނޭނގޭ...އެ ވަގުތުކޮޅު ތެރޭގައި ދީޕަކް ނޫން އެހެން އެކަކު ވެސް މި ކޮޓަރިއަކަށް ނާދޭ....."
އިތުބާރު ކުރައްވައިގެން ކަލާއަށް ކެއްސެއް ލިބިލެއްވީ!" މެނޭޖަރު ދެރަވާ ގޮތް ދައްކާލާފައި ބުންޏެވެ.
"ކުޑަ ދޮރަކަށް ބޮޑުދޮރެކޭ ހީކުރައްވައިފިނަމަ ކެއްސަކަށް ނުވެއެއް ނުދާނެ.!" ކޮންމެވެސް ގެސްޓަކު ބުންޏެވެ.
"އިތުބާރު ކުރައްވަން ވާނީ ފިރިހެނުންނަށް....އަންހެނުންނަށް އިތުބާރު ކުރައްވައިގެން އަބަދުވެސް ލިބޭނީ ގެއްލުން...." ދޫބޭ ވަރަށް ފަލްސަފާނާ ގޮތަކަށް ބުނެލިއެވެ. އެވަގުތު ރަޖްނީ ދީޕަކްގެ އަތުގައި ހިފައިގެން އައިސް އެ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އެތާނގައި ތިބި އެންމެންވެސް، ރަޖްނީ އެގޮތަށް އައިސް އެތަނަށް ވަންތަން ދެކިފައި ހަމަ ހިމޭން ވެއްޖެއެވެ. ހީވީ ހަރުފައެއް ފެނިގެން ހިމޭންވީހެންނެވެ.
(ނުނިމޭ)
Vvv.teethi