މަޅުމަތި: ޖިންނި

އެއީ އަހަންނަށް ގޮނޑުދޮށުން ފެނުނު އެއްޗެކެވެ.
ވަކި އެއްޗެއް މާ ރަނގަޅަކަށް ނޭނގެއެވެ.
އޮތީ ކުޑަ ކުރައެއް ހެންނެވެ.
މީސްމީހުނަށް ދައްކައި އޮޅުން ފިލުވައިލީމެވެ.
އެކަކު ބުންޏެވެ.
ތިޔައީ ވޮށެކެވެ.
ވައްގަނޑުގެ ކޮޅުގައި ކުޑަ ފީތާއެއް ހުންނާނެއެވެ.
އެތެރޭގައި ހުންނާނީ ތެލެވެ.

އަނެކަކު ބުންޏެވެ.
ތިޔައީ ވޮށްގަނޑެކެވެ.
ތިޔައިގެ ވެރިއަކީ އަލާއުއްދީނެވެ
އެތެރޭގައި ޖިންނިއެއް އޮންނާނެއެވެ.

އަހަރެން ވޮށްގަނޑު ހިފައިގެން ގެއަށް އަތުވެއްޖައީމެވެ.
ރަނގަޅަށް ބަލައިލީއިރު އޭގެ ބޭރުގައި އަރަބި އަކުރުން އެއްޗެއް ލިޔެފައި އޮތެވެ.
ބޮޑުކުރާ ބިއްލޫރި އަޅައިގެން ބަލައިލީމާ އޮތީ ކީކޭކަން އެނގިއްޖެއެވެ.
"އުނގުޅައިލާށެވެ."
އަހަރެން ވަރަށް ބާރަށް ވޮށްގަނޑު އުނގުޅައިލީމެވެ.
އޭގެ ވައްގަނޑުން އޮލަ ދުމެއް އަރާފައި ކުއްލިއަކަށް ކުރިމައްޗަށް ފާވީ ޖިންނިއެކެވެ.

"ބޭނުމީ ކޮން ކަމެއް؟"
އެ ސޮރު އަހައިލިއެވެ.
އަހަރެން އަހައިފީމެވެ.
"ކަލެއަށް ކޮށްދެވޭނީ ކޮން ކަމެއް؟"
އެ ސޮރު ބުންޏެވެ.
"މިހާރަކު އެއްވެސް ކަމެއް ކޮށެއް ނުދެވޭނެ."
އަހަރެން ބުނީމެވެ.
"އެހެން ވެއްޖެއްޔާ އަލުން ވޮށްގަނޑަށް ވަދޭ."
އެ ސޮރު ބުންޏެވެ.
"ދެން ނުވެސް ވަދެވޭނެ."
އަހަރެން ހައިރާން ވެފައި އަހައިލީމެވެ.
"ކަލޭގެ ނަމަކީ ކޮބާ؟"
އެ ސޮރު ފޮނި ރާގަކަށް ބުނެލިއެވެ.
"ފިތުނަފަސާދަ!"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.