މަޅުމަތި: ކާޅާއި ކޮތަރު

އަހަރެންގެ ރަށުގައި ކޮތަރާއި ކާޅު ވަރަށް ގިނައެވެ.
ކާާޅަކީ ވަރަށް ވިޔާނުދާ އެއްޗެކެވެ.
ކާއްކާއް ގޮވުމާއި، މީހުނަށް ދުއްތުރާ ކުރުން ނޫން ކަމެއް ނޯވެއެވެ.
ގިފިލީގައި އޮންނަ ސައިބޯންޏަށް ދާންދެން ޖަހައިގަނެއެވެ.
އަތުގައި އޮންނަ ބަނަސް ޖަހައިގަނެއެވެ.

ކޮތަރަކީ ވަރަށް ސުލްހަވެރި އެއްޗެކެވެ.
މީހަކަށް އުނދަގުލެއް ނުކުރެއެވެ.
އެ ސޮރުމެންގެ އަޑަކުން މީހަކަށް ތުރާލެއް ނުވެއެވެ.

ކޮތަރު ބައިގަނޑާއި ކާޅު ބައިގަނޑުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެއެވެ.
ކޮތަރުތަކަށް އުނދަގޫ ކުރުމަކީ ކާޅުގެ އާދައެކެވެ.
ކޮތަރަށް އަޅާ ބިންބިކޮޅުވެސް ދުލެއް ނުކުރެއެވެ.
ކުދި އޮއްޓަރަށް ވާތީ ކާން އުނދަގޫ ވިޔަސް ކޮތަރަށް ކެވުނަކަ ނުދެއެވެ.

ކޮތަރަށް އުނދަގޫ ކޮށްފައި ގޮސް ކާޅުތައް ދުރުގައި ބަލަން ތިބެއެވެ.
ބައެއް ފަހަރަށް ގެއެއްގެ ފުރާޅު މަތީގައެވެ.
ބައެއް ފަހަރަށް ފާރުމަތީގައެވެ.
ފާރަކަށް ވިއްޔާ ކޮންމެ ފާރަކަށް ވިޔަސް އެންމެ ރަނގަޅެވެ.

ކޮތަރުތައް އެއްވެ ސައްލާ ކުރެއެވެ.
ކާޅުގެ ނުބައި ވާހަކަ ދައްކައެވެ.
އުނދަގުލާ ހެދި ދިރިއުޅެވޭން ނެތް ކަމަށް ކިޔައި ހަޅޭއް ލަވައެވެ.
މިއިން އެއްވެސް ކަމަކުން ކާޅުގެ އާދައަކަށް ބަދަލެއް ނާދެއެވެ.

އެއްދުވަހަކު އަހަރެން މެދު ޒިޔާރަތް މަގުން ހިނގާފައި ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ފާރުމަތީގައި އޮތް ކާޅުބައިގަނޑެއް ފެނިއްޖެއެވެ.
އެސޮރުމެން ކުރާ ކަމެއް ބަލަން ވެގެން އަހަރެން މަޑު ކޮށްލީމެވެ.
ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އެ ސޮރުމެންގެ ތެރޭގައި ހުރި ކޮތަރެކެވެ.
ކާޅު ލައްވާހެން ކާއްކާއް ލެއްވޭތޯ މަސައްކަތް ކުރަނީއެވެ.

އަހަރެން ބުނެފީމެވެ.
ބަލަ ކަލޭ ތިޔައީ ކޮތަރެއް ނޫން ހެއްޔެވެ؟
ކާޅު ބައިގަނޑަށް ވަދެގެން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟

އެ ސޮރު ބުންޏެވެ.
ކާއްކާއް ލެއްވުމަކީ ރީތި ކަމެކެވެ.
އެއީ މޮޅު ލަވައެކެވެ.
މޮޅު ބިންބި ލިބެނީވެސް މި ފަޅިން ކަމަށް ވާތީ އަހަރެން ފަޅި ބަދަލު ކޮށްލީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.