އޭނާ ރައީސުކަމާ ހަވާލުވެވަޑައިގަތް އިރު އޭނާއަށް ވާރުތަވީ އެމެރިކާގެ 'ބޮޑުތަދަށް' ފަހު އެންމެ ހާލަތު ދަށްކޮތް އޮތް އިގުތިސާދުކަމަށް އެމެރިކާގެ ރައީސު ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އޭނާ ވެރިކަމަށް 100 ދުވަސް ވުމަށް ފަހު އެމެރިކާގެ ކޮންގްރެސްއާ މުޚާޠަބުކުރަައްވައި ވާހަަކަފުޅުދައްވަމުންނެވެ.
ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އޭނާގެ ސަރުކާރުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރަމުން ރައީސު ބައިޑަން ވިދާޅުވެފައި ވަނީ، އޭނާގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އެމެރިކާ މީހުންގެ 220 މިލިއަން މީހުން ކޮވިޑް-19 ގެ ވެކްސިން ޖަހާފައިވާ ކަމުގައެވެ. އަދި މިތާރީޚީ ކާމިޔާބީ ހޯދުނީ އެގައުމުގެ ތާރީޚުގައި ހިންގުނު އެންމެ ބޮޑު ލޮޖިސްޓިކް މަސައްކަތާއެކުގައި ކަމުގައެވެ.
"މިހާރު 100 ދުވަހަށް ފަހު ގައުމުގެ ކުރިމަތީގައި އަހަރެންނަށް ބުނެވިދާނެ: ނުކުރެވޭނެ ކަމަށް ބެލެވުނު ކަންކަން ކުރެވޭނެ ކަންކަމަށް، ކާރިސާ އާ ފުރުސަތަކަށް، ހުރަސްތައް ހިތްވަރަށް ބަދަލުކޮށް އެެމެރިކާ ވަނީ ކުރިއަށް ދަތުރުކުރަން ފަށާފައި." ރައީސު ބައިޑަން ވިދާޅުވިއެވެ.
އޭނާ ވަނީ އޭނާގެ ސަރުކާރުން ހުށަހަޅާފައިވާ ޖުމްލަ 4 ޓްރިލިއަން ޑޮލަރުގެ އިގުތިސާދީ ޕެކޭޖް ދިފާއުކުރައްވައި ބައިޑަން ވިދާޅުވީ އެއީ އެމެރިކާގެ މުސްތަގުބަލަަށްޓަކައި ކޮންމެހެން މުހިއްމު، ޖީލެއްގެ ތެރޭގައި އެއް ފަހަރު ކުރެވޭފަދަ އިންވެެސްޓްމަންޓެއް ކަމުގައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ޗައިނާއާއި އެއް ހަަމައެެއްގައި ހިފެހެއްޓުމަށް އެވަރުގެ ބޮޑު ޚަރަދުކުރުމުގެ މަޝްރޫއެއް ބޭނުންވާ ކަމުގައެވެ.
"ޗައިނާއާއި އެހެން ގައުމުތައް ދަނީ ހަލުވިކަމާއެކު (އަހަރުމެންނާ) އަރާ ހަމަކުރަމުން." ބައިޑަން ވިދާޅުވިއެެވެ.
ރަޝިޔާގެ ގުޅުމަށް އިޝާރާތްކުރައްވަމުން ރައީސު ބައިޑަން ފާހަގަކުރެއްވި ގޮތުގައި، އޭނާގެ ސަރުކާރުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުއްވިއަސް، ރަޝިޔާއާވެސް އަދި އެގައުމުގެ ރައީސު ވްލާޑިމީރް ޕުޓިންއާވެސް އިތުރަށް ގުޅުން ގޯސްކުރަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމުގައެެވެ.
"އަހަރެން ވަރަށް ސާފުކޮށް ޕުޓިންއަށް ބުނެފައިވާނެ، އަަހަރުމެން ގުުޅުން އިތުރަށް ގޯސްކުރަން ބޭނުންނުވެޔޭ. އެހެންނަމަވެސް އެމީހުންގެ އަމަލުތަކުގެ ނަތީޖާ ފެނިގެންދާނެޔޭ." ޖޯ ބައިޑަން ވިދާޅުވިއެވެ.