ސެޕްޓެންބަރު 11 ގެ ހަމަލާއާ ގުޅޭ ލިއެކިއުންތައް އާއްމުކުރުމަށް ރައީސު ބައިޑަން އަންގަވައިފި

11 ސެޕްޓެންބަރު 2001 ގެ ހަމަލާއަށް ފަހު ވާލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރު ބިމާ ހަމަވެފައި

2001 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގެ ވާލްޑް ޓްރޭޑް ސެންޓަރަށާއި، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންްއަށް ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކުރި ރިޕޯޓުތައް މުރާޖައާކޮށް އާއްމުުކުރުމަށް ރައީސު ޖޯ ބައިޑަން ޑިޕާޓްމަންޓް އޮފް ޖަސްޓިސްއަށް އަންގަވައިފިއެވެ.

މި އެންގެވުމުގެ  ދަށުން ޖަސްޓިސް ޑިޕާޓްމަންޓުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ ހުރިހާ ލިއެކިއުންތައް މުރާޖައާކޮށް އާއްމުކުރަން ޖެހޭ ލިއެކިއުންތައް އާއްމުކުރަމުން ދާނެއެވެ.

"ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސްއިން ސެޕްޓެންބަރު 11 އާއި ގުޅިގެން ހިންގާފައިވާ ތަހުގީގާ ގުޅޭލިއުންތައް އާއްމުުކުރުމާ ބެހޭ މުރާޖައާއެއް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖަސްޓިސްއަށާއި، ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަން މިއަދު އަަހަރެން އެގްޒެކަޓިވް އަމުރެއް ނެރެފީމެވެ. މި އަމުރުގެ ދަށުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އާއްމުކުރައްވަން އެޓާނީ  ޖެނެރަލްއަށް ޖެހިވަޑައިގަންނަވާނެއެވެ." ރައީސު ބައިޑަން އިއްޔެ ނެރުއްވި ބަޔާނުގައި ވެއެވެ.

"އަހަރެން ރިޔާސީ އިންތިޚާބުގައި ވާދަކުރިއިރު، ސެޕްޓެންބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ލިއުންތައް ސިއްރުކޮށްފައި ނުބެހެއްޓުމުގައި ދެފުށްފެންނަ ގޮތް ހެދުމަށް އަހަރެން ވާނީ ވައުދުވެފައި. އެ ހިތާމަަވެރި ދުވަހަށް 20 އަހަރު ފުރޭއިރު، އަހަރެންގެ އެ ވައުދު މިވަނީ ފުއްދާފައި." ބައިޑަންގެ ބަޔާނުގައި ވެއެވެ.

އަލްގާއިދާއަށް ނިސްބަތްވާ ކަމަށް ބުނެވޭ 11 ޓެރަރިސްޓަކު ވަނީ 2001 ވަނަ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ 4 މަތިންދާބޯޓެއްގެ ކޮންޓުރޯލު އަތުލުމަށް ފަހު އޭގެތެރޭން ދެ މަތިންދާބޯޓެެއް ނިއުޔޯކުގެ ވާލްޑް ޓްރޭޑް ސެންޓަރުގައި ޖައްސާފައެވެ. އެއް މަތިންދާބޯޓު ވައްޓާލީ އެމެރިކާގެ ދީފާއީ ވުޒާރާ، ޕެންޓަގަންގެ މައްޗަށެވެ. ހަތަރުވަނަ މަތިންދާބޯޓުގެ ކޮންޓުރޯލު ހޯދަން ޕަސިންޖަރުން މަސައްކަތްކުރުމުގެ ތެރޭގައި އެބޯޓު ވަނީ ދެކުނު ޕެންސިލްވޭނިޔާއަށް ވެއްޓިފައެެވެ. މި ހަމަލާތަކުގައި 2977 މީހުން މަރުވެފައި ވާއިރު، 110 ފަންގިފިލާގެ ވާލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރު ވަނީ ބިމާ ހަމަވެފައެވެ.

އެމެރިކާގެ ތާރީޚުގައި އެގައުމަށް ދިން އެންމެ ވަރުގަދަ ޓެރަރިސްޓު ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ތުހުމަތުކުރާ ގޮތުގަައި އެމެރިކާ ސަރުކާރުން އެ ހަމަލާއާ ގުޅޭ ލިއެކިއުންތައް ހާމަނުކޮށްގެން އުޅެނީ އެ ހަމަލާގައި ސައޫދީ އޮފިޝަލުންތަކެއްގެ ބައިވެރިވުން އޮތުމުން އެކަން ފަޅައިއަރާފާނެެތީއެވެ.

ސެޕްޓެންބަރު 11 ގެ ހަމަލާގެ ސީދާ އަސަރުކޮށްފައިވާ 1700 އެއްހާ މީހުން ވަނީ މި ލިއެކިއުންތައް އާއްމުކުރުމަށް އެދި ރައީސު ބައިޑަންއަށް ސިޓިއެއް ފޮނުއްވާފައެވެ. އެމީހުން އެދިފައިވާ ގޮތުގައި، އެކަންކުރެއްވުމަށް ފަހުގައި ނޫނީ އެ ހަަމަލާއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސު ބައިޑަން ބައިވެރިވެވަޑައިގަންނަވައިގެން ނުވާނެއެވެ.

ސައުދީ ސަރުކާރުން ބުނެފައިވާނީ ސެޕްޓެންބަރު މަހުގެ ހަމަލާއާ އެެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.