މާލޭގެ ގެދޮރުގެ މައްސަލަ ބަލަހައްޓާއި ހައްލު ކުރުމަކީ މާލޭ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ގެދޮރު މައްސަލަ ހަމަޖައްސަން ތިބުން އެންމެ ރަނގަޅީ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ބައެކެވެ. އައްޔަންކުރާ ބައެއްގެ އަތް މައްޗަށް ނުވަތަ ކުންފުނިތަކެއްގެ އެމްޑީންގެ އަތްމައްޗަށް އެ މަސައްކަތް ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވި ގޮތުގައި ގެދޮރުގެ ފަހިކަން ހޯދައިދިނުމުގައި ތައުލީމީ ފެންވަރު ބެލުމަކީވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އެކަމުގައި ބަލަން ޖެހޭ ހަމައެކަނި މިންގަނޑަކީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކުޑަކުޑަ ގޮޅިއެއްގައި މަތިމައްޗަށް އެނދުޖަހައިގެން ތިބޭ ތަނެއްގައި އޭސީ ހަރުކޮށްފައި ހުރީމާ ޕޮއިންޓް އެބަކެނޑެއެވެ. އެއީ އޭނާ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމުގައި މީކާއީލް ވިދާޅުވިއެވެ. ރައްޔިތުން ގާތު އޭސީ ހަރުނުކުރާށޭ އޮޓޮމެޓިކު ދޮންނަ މެޝިނު ބޭނުން ނުކުރާށޭ ބުނުމަކީ ކޮއްގެން ވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީކާއިލް އަޙްމަދު ނަސީމަކީ މާލޭގެ ގެދިރުގެ ކަންތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ހުޅުމާލެވެސް އޮންނަން ޖެހެނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.