އަނިޔާ ދިން ފަރާތުން މައާފަށް ނޭދިއްޖެނަމަ ޖަލުގައި ހުންނަން ޖެހިދާނެ: ރައީސް ނަޝީދު

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަލަމުންދާ މައްސަލަ ތަކުގައި އަނިޔާ ދިން ފަރާތުން މައާފަށް ނޭދިއްޖެނަމަ އެމީހަކު ޖަލުގައި އޮންނަން ޖެހިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ  އިންތިޤާލީ އިންސާފުގެ ބިލަކީ  މުޅި މުޖުމަތައުގައި ސުލްހަ މަސަލަސްކަން ޤާއިމްކުރުމުގެ މަތިވެރި ނިޔަތުގައި އެމްޑީޕީން ރައްޔިތުންނަށްވީ ވައުދެއްކަމަށެވެ. 

ބިލުގެ މަޤުޞަދުތަކުގެ ތެރޭގައި ތެދު ހާމަކޮށް މައާފު ދިނުމާއި މައާފު ކުރުމުގެ ރޫހު އަލާކުރުން ހިމެނޭ ކަން ފާހަގަކުރެއްވިއެވެ. އަދި ރުޅިވެރިކަމާކާއި ހަސަދަ ފިލުވާލުންހިމެނޭކަމަށް ވެސް ވިދާޅުވިއެވެ.  ނަމަވެސް އަނިޔާދިން ފަރާތުން މައާފަށް ނޭދޭނަމަ އެއީ އެމީހަކު ޖަލަށް ދާންޖެހިދާނެސަބަބަކަށް ވެދާނެކަމަށް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ގޮތްނިންމާނީ ކޯޓުންކަން ފާހަގަ ކުރެއްވިއެވެ. އޮމްބަޓްސް ޕާސަން އޮފީހުން ހައްލުނުކުރެވޭ މައްސަލަ ތަކަށް ކޯޓުމެދުވެރިކޮށް އިންސާފު ހޯދައިދެވޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބަދަލު ހޯދައިދިނުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. 

އޮމްބަޓްސް ޕާސަންގެ އޮފީހުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ އަނިޔާ ލިބިފައިވާ މީހުން ދެނެގަނެ ޑާޓާބޭސް އެއް އެކުލުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން  

ވިހާވެސް ގިނަ ބައެއް ގެ ބައިވެރިވުމާއި އެއްބާރުލުން އެމަސައްކަތަށް ބޭނުންވާނެކަން ވެސް ފާހަގަކުރެއްވިއެވެ.  އަދި ވަރަށް ފުޅާ ދާއިރާއެއްގައި އާއްމު ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އިންތިޤާލީ އިންސާފުގެ ބިލް ތަސްދީޤު ކުރައްވައި އެ ގާނޫނުގެ ދަށުން އިންތިޤާލީ އިންސާފުގެ އޮމްބަޓްސް ޕާސަންގެ އޮފީސް ވެސް އުފައްދަވައިފައެވެ. 

ގާނޫނުގައި ބުނާ ގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނު ތާރީހުން ފެށިގެން މިހާރުގެ ސަރުކާރު އުފެދުމާ ހަމައަށް ހިނގާފައިވާ  ލާއިންސާނީ އަމަލުތައް ބެލުމުގެ ފުރުޞަތު އޮންނާނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.