އިންތިޚާބު ގަޑުބަޑު ކުރުމުގެ ވާހަކަ ފެތުރެމުންދާތީ ކަންބޮޑުވޭ: އެމްޑީޕީ

މިމަހު 6 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގަޑުބަޑު ކުރުމުގެ ވާހަކަ ފެތުރެމުންދާތީ ކަންބޮޑުވާ ކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.

އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީޖެނެރަލް އަދި ކެމްޕެއިން ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވީ އިންތިޚާބު ފަސްކޮށް، ގަޑުބަޑުކުރުމުގެ ވާހަކަ ފެތުރެމުންދާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

"މިއީ އަބަދުވެސް ރައީސް ޔާމިން ޖައްސަވާ މަޅި. ތިމަންމެން މޮޅުވަންދެން، ނުވަތަ އަނެއް ބައިމީހުން ފޫހިވަންދެން އިންތިޚާބު ފަސްކޮށް، ލަސްކޮށް ހެދުން. އެހެންނަމަވެސް އަޅުގަނޑުމެން މިތިބީ އެޗަރުކޭހަށް ތަންދޭކަށް ނޫން،" އަފްޝަން ވިދާޅުވިއެވެ.

އިންތިޚާބަށް އެމްޑީޕީން މިހާރު ގެންދަނީ ވަރަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ. އެ ޕާޓީގެ ކެޕްޕޭން ޓީމުތައް އެކި އަތޮޅުތަކުގެ އެކިރަށްރަށަށް ގޮސް މިހާރުވެސް ގެންދަނީ ކެމްޕޭން ކުރަމުންނެވެ. އެދަތުރުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައި ގަންނަވައެވެ.

އަފްޝަން ވިދާޅުވީ މިފަހަރުގެ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. "މާތްﷲ ގެ މާތް ޢަމުރާއި އިރާދަފުޅުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއިން ރައީސް ޞާލިޙް އެދިވަޑައިގަންނަވާ ފަދައިން އަޣްލަބިއްޔަތު ހޯދާނެ،" އަފްޝަން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.