ރަށްވެހި ފަތިސްގެ ނަމުގައި އެމްޑީޕީން ފެސްޓިވަލެއް ބާއްވަނީ

ރަށްވެހި ފަތިސްގެ ނަމުގައި އެމްޑީޕީން ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި މިއީ އެޕާޓީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ފެސްޓިވަލެކެވެ. ފެސްޓި އޮންނާނީ ވިލިމާލޭގައެވެ. ބާއްވާނެ ތާރީޚެއް ކަމަށް އެމްޑީޕީން ބުނެފައިވަނީ މާރިޗު 7 ވަނަ ދުވަހު އަންހެނުންގެ ރޫޙުގެ ރައީސާ ޝިފާ މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

ޝިފާ މިއަދު ވިދާޅުވީ މިއީ އެމްޑީޕީގެ ހުރިހާ ގުނަނެއްގެ އެއްބާރުލުމާއި، މަސައްކަތާއެކު ބާއްވާ ފެސްޓިވަލެއް ކަމަށެވެ. މި ފެސްޓިވަލުގައި އޮންނާނެ އެންމެ މުހިންމު ޙަރަކާތަކީ އަންހެނުންގެ ކޮންފަރެންސްކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

މި މިކޮންފަރަންސްގައި ސިޔާސީ މާހައުލުގައި އަންހެނުންނަށް ހުރި ގޮންޖެހުމާއި، އަންހެނުންގެ މަދަނީ އަދި ސިޔާސީ ބައިވެރިވުން އިތުރުކުރުމަށް އަޅާންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރެވޭނެކަމަށް ޝިފާ ވިދާޅުވިއެވެ. މި ފެސްޓިވަލް ބާއްވަނީ އަންހެނުންގެ ދުވަހުގެ އިޙްތިފާލުގެ ބައެއްގެގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރަންސްގައި ތަޢުލީމާއި، ސިއްޙަތު އަދި އެހެނިހެންވެސް ދާއިރާތަކާބެހޭ، މިނިސްޓަރުންނާއި، އޮފިޝަލުން ބައިވެރިވެވަޑައިގެން، އެބޭބޭފުޅުންގެ ދާއިރާތަކުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ކަރުދާސް ހުށަހަޅުއްވާނެކަމަށްވެސް ޝިފާވަނީ ވިދާޅުވެފައެވެ.

ޝިފާ ވިދާޅުވީ އަންހެނުންގެ ރޫޙަކީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު އެޕާޓީގެ ޙަރަކާތްތަކުގައި އެންމެ އިސްދައުރެއް އަދާކުރި ބައެއް ކަމަށެވެ. އެކަން މުޅިރާއްޖެއިން ވެސް ޤަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދުވަސްވަރު އަންހެނުންގެ ރޫހުން ކުރި މަސައްކަތްތަކީ ޤައުމަށްޓަކައި ވަރަށް ދުރުވިސްނުމެއްގައި، ނުހަނު ފޮނި އުންމީދުގައި ކޮށްފައިވާ ބޮޑު ޚިދުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކޮންފަރަންސްގައި އަންހެނުންގެ ރޫޙްގެ ކުރިމަގާ ގުޅޭ މަޝްވަރާތައް ކުރުމާއި، އިސްތިރާޖީ ޕްލޭނެއް ތައްޔާރުކުރުމާއި، ކުރިއަށް އޮތް 5 އަހަރު ދުވަހަށް ހިންގާން ކަނޑައަޅާ މައިގަނޑު ޙަރަކާތްތައް އެކަށައެޅުން އޮންނާނެކަމަށް ޝިފާ ވިދާޅުވިއެވެ.

މިފެސްޓިވަލްގެ ސްޓޯލްތައް މައިގަނޑުގޮތެއްގައި ޚާއްސަކޮށްފައިވަނީ ފަސް ދާއިރާއަކަށެވެ. އެއނޫ އިގްތިސާދާއި، އިންސާފު، ޖަޒީރާ ދިރިއުޅުން، އޯގާތެރި ސަރުކާރު އަދި ފަޚުރުވެރި ޢާއިލާ އެވެ. މިކަންކަމާ ބެހޭ މަޢުލޫމާތު ސްޓޯލްތަކުން ޢާއްމުންނަށް ފޯރުކޮށްދޭނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.