ހުވަފެން - 26

(30 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކުރިއަކުން އެއްވެސް އަންހެންކުއްޖަކު ނާދޭ- އެކަމަކު ވަރަށް ފަހުން ކޮންމެވެސް އަންހެންކުއްޖަކު އޭނާއާ އެކީ އުޅޭ ތަން އަޅުގަނޑަށް ފެނޭ-"

"އެ ކުއްޖެއްގެ ނަން އެނގިވަޑައިގަނޭތޯ-؟"

"އާދެ- އެ ކުއްޖާގެ ނަމަކީ އެލެޓް ޕީޓަރސް-"

ބްރެނަންގެ މޫނުމަތިން ޙައިރާންކަމުގެ އަސަރު ފެނުނެވެ. "އެލެޓް ޕީޓަރސް އޭތޯ-؟ އެއީ ހަމަ ރަނގަޅު ނަންކަން ކަށަވަރުތޯ-؟"

"އާދެ- އަޅުގަނޑު ގާތު އެ މީހުން ބުނި ނަމަކީ އެއީކަން ހަމަކަށަވަރު-"

"މި ކޯޓުން މިހާރު އެ އަންހެންކުއްޖާ އެބަ ފެނިވަޑައިގަނޭތޯ-؟"

"އާދެ-" އޭނާ އޭޝްލީއާ ދިމާއަށް އިނގިލިން އިޝާރާތްކޮށްލިއެވެ. "އެހެރަ ގޮނޑީގައި އެ އިނީ އޭނާ-"

ބްރެނަން ބުނެލިއެވެ. "އެއީ އެލެޓް ޕީޓަރސްއެއް ނޫން- އެއީ އޭޝްލީ ޕެޓަރސަން-"

ޑޭވިޑް ތެދުވެއްޖެއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު- އެލެޓް ޕީޓަރސްއަކީ އޭޝްލީ ޕެޓަރސަންގެ ހަށިގަނޑުގައި އުޅޭ އެހެން ޝަޚްސިއްޔަތެކޭ އަޅުގަނޑު ކުރިން ވެސް ދެންނެވިން- އެއީ..."

"މިސްޓަރ ސިންގަރ- މިހާރު ތިޔަ ވަޑައިގެންނެވެނީ ހުދޫދުން ބޭރަށް- މިސްޓަރ ބްރެނަން- ކުރިއަށް ގެންދަވާ-"

"މިސްޓަރ ހިލް- ތިޔަ ވިދާޅުވަނީ ރިޗަރޑް މެލްޓަންއަށް އެލެޓް ޕީޓަރސްގެ ގޮތުގައި ފެނި، ރައްޓެހިވީ ކުއްޖަކީ މި ތާނގައި އޭޝްލީ ޕެޓަރސަންގެ ނަމުގައި ތަޢާރަފްކުރެވުނު ކުއްޖާއޭތޯ-؟"

"އާދެ-"

"އެ ދެ ނަމުގައި މި އުޅެނީ ހަމަ އެއްކުއްޖެއްކަމާ މެދަކު ޝައްކެއް ނެތްތޯ-؟"

ބްރަޔަން ހިލް ހިސާބަކަށް ޖެހިލުންވިއެވެ. "އާދެ... އެއީ... ދެ ނަމެއް- އަޅުގަނޑަށް ފެނުނީ އެކަކުކަން ޔަގީން-"

"ރިޗަރޑް މެލްޓަން މަރައިލި ދުވަހު އޭނާއާ އެކީ އެ އަންހެންކުއްޖާ އުޅެނިކޮށް ދެކެވަޑައިގަތިންތޯ-؟"

"އާދެ-"

"ޝުކުރިއްޔާ-" ބްރެނަން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"

ޑޭވިޑް ތެދުވެގެން މަޑުމަޑުން ހިނގައިފައި ގޮސް ހެކިންގެ ކޮށިގަނޑުގެ ކައިރިއަށް ހުއްޓިއްޖެއެވެ. "މިސްޓަރ ހިލް- އެތައް މިލިއަން ޑޮލަރެއްގެ އަގު ހުރި ތަކެތި ބަހައްޓައިފައި ހުންނަ ތަނެއްގެ ފާރަވެރިއަކަށް ހުންނެވުމަކީ ވަރަށް ބޮޑު ޒިންމާއަކަށް ވާނޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ-"

"އާދެ- އެއީ ވަރަށް ބޮޑު ޒިންމާއެއް-"

"ރަނގަޅު ފާރަވެރިއަކަށް ވެވޭނީ ފާރައަށް ހުންނަ ހުރިހާ ވަގުތަކު ފިސާރި ރަނގަޅަށް ލޯހުޅުވައިގެން ސަމާލުވެ ހުރެގެން- އެހެންނޫންތޯ-؟"

"އާދެ-"

"އެ ތާނގައި ހިނގާ ހުރިހައި ކަމެއް ފާރަވެރިޔާއަށް ފެންނަންވާނެ- އެނގެންވާނެ- އެހެންނޫންތޯ-؟"

"އާދެ-"

"އެ ވަޒީފާ އަދާކުރައްވަން ފެށްޓެވީ ކަންތައްތައް ރަނގަޅަށް ބެލެހެއްޓުމުގެ ނުވަތަ ފެންނަ ކަމެއް ރަނގަޅަށް ވިސްނައިގަތުމުގެ ތަމްރީނު ހޯއްދަވައިގެންތޯ-؟"

"އާދެ- އަޅުގަނޑުގެ ހުޝިޔާރުކަން ވަކި އެހެން މީހަކަށް ވުރެ ކުޑައެއް ނުވާނެ-"

"އަޅުގަނޑު މި ސުވާލު މި ދެންނެވީ ސަބަބެއް އޮވެގެން- ދާދި ދެންމެއަކު ދައުލަތުގެ ޢިއްޒަތްތެރި ވަކީލު ކުރެއްވި ސުވާލަކާ ގުޅިގެން- ރިޗަރޑް މެލްޓަންއާ އެކީ މިއުޒިއަމަށް ދާ އަންހެންކުއްޖަކީ އޭޝްލީ ޕެޓަރސަންތޯ ދެންމެ މިސްޓަރ ބްރެނަން ސުވާލުކުރެއްވި- އެ ސުވާލަށް ޖަވާބުދެއްވި އިރު ހިސާބަކަށް ޖެހިލުންވެވަޑައިގަތް ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނު- އެއީ ކަށަވަރުވެވަޑައި ނުގަންނަވާތީތޯ-؟"

ހިލް އިރުކޮޅަކު ހިމޭނުން ހުރެފައި ބުނެލިއެވެ. "އެ އަންހެންކުއްޖާޔާ އޭޝްލީ ޕެޓަރސަންއާ ވަރަށް ވައްތަރު- އެކަމަކު ބައެއް ކަންކަމުގައި ތަފާތު ވެސް އެބަހުރި-"

"އެއީ ކޮން ކަންކަމެއްތޯ-؟"

"އެލެޓް ޕީޓަރސް ވައްތަރީ އިޓަލީ ކުއްޖަކާ- ވާހަކަދައްކަނީ ވެސް އިޓަލީ ރާގުގައި- އަދި އޭޝްލީއަށް ވުރެ މާ ޅަ ހެންވެސް ހީވޭ-"

"ތިޔަ ވިދާޅުވީ ރަނގަޅަށް- ސެން ފްރެންސިސްކޯއިން ފެނިވަޑައިގަތް އަންހެންކުއްޖަކީ އޭޝްލީ ޕެޓަރސަންގެ ހަށިގަނޑުގައި އުޅޭ އެހެން ކުއްޖެއް- އެ ކުއްޖާ ވިހެއީ ރޯމަށް- އެއީ އޭޝްލީއަށް ވުރެ އަށް އަހަރު ހަގު ކުއްޖެއް..."

ބްރެނަން ތެދުވެއްޖެއެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. "އަޅުގަނޑު ދެކޮޅުހަދަން-"

ޑޭވިޑް ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށް ބަލައިލިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު- އަޅުގަނޑު..."

"ތިޔަ ދެ ބޭފުޅުން މި ތަނަށް، އަޅުގަނޑުގެ މޭޒުކައިރިއަށް ވަޑައިގަންނަވާ-"

ޑޭވިޑާއި، ބްރެނަންއާ ދެ މީހުން ކައިރިއަށް ދިޔައީމާ ފަނޑިޔާރު ވިލިއަމްސް ބުނެލިއެވެ. "މިސްޓަރ ސިންގަރ- އަޅުގަނޑު ދެން މި ވާހަކަ ތަކުރާރެއް ނުކުރާނަން- މައްސަލައާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމައި އެ ވާހަކަދެއްކުމަކީ ފަހުގެ ކަމެއް- ދަޢުވާކުރާ ފަރާތުން ދަޢުވާ ފުރިހަމައަށް ހުށަނާޅަނީސް ދެންމެ ތިޔަ ދެއްކެވި ކަހަލަ އެއްވެސް ވާހަކައެއް ދައްކަވައިގެން ނުވާނެ-"

ހެކިންގެ ކޮށިގަނޑުގައި މިހާރު ހުރީ ބާރނިސް ޖެންކިންސްއެވެ.

"މިސް ޖެންކިންސް- ކުރައްވަނީ ކޮން މަސައްކަތެއްތޯ-؟"

"ވެއިޓަރުކަން-"

"ކޮން ތަނެއްގައިތޯ-؟"

"ޑީ ޔަންގް މިއުޒިއަމްގެ ކެފޭގައި-"

"ރިޗަރޑް މެލްޓަންއާ އެއްވެސް ކަހަލަ ގުޅުމެއް އޮވޭތޯ-؟"

"އާދެ- އެއީ އަޅުގަނޑުގެ ރައްޓެއްސެއް-"

"ތަންކޮޅެއް ތަފްސީލުކޮށް ވިދާޅުވެދެއްވަފާނަންތޯ-؟"

"އެއް ދުވަސްވަރެއްގައި އަޅުގަނޑުމެން ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް ވެސް އޮތް- އެކަމަކު ދުވަސްކޮޅަކުން އެ ގުޅުން ބަދަލުވެގެން ހިނގައްޖެ- އެއީ އެ ކަހަލަ ކަންތައްތައް ހިނގާ ގޮތެއް ނޫންތޯ-؟"

"އާދެ... އާދެ... ދެން ވީ ކިހިނެއްތޯ-؟"

"ދެން އަޅުގަނޑުމެން ދެ މީހުން އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި އުޅެން ފެށީ... މި ދެންނެވީ އަޅުގަނޑުމެން ދެ މީހުން ޒާތީ ސިއްރުވެރިންނަށް ވީއޭ- އެކަކު އަނެކެއްގެ ވާހަކަދައްކައި މަޝްވަރާކޮށް ހަދަން ފެށީއޭ- ފަހުން އޮތް ގުޅުމަކީ އެއީ-"

"މި ތާނގައި މުލްޒިމެއްގެ ގޮތުގައި އެހެރަ އަންހެންކުއްޖާގެ ވާހަކަ ދުވަހަކުވެސް ދެކެވުނުތޯ-؟"

"އާދެ- އެކަމަކު އޭނާ އެ ކުއްޖާއަށް ކިޔަނީ އެހެން ނަމެއް-"

"އެއީ ކޮން ނަމެއްތޯ-؟"

"އެލެޓް ޕީޓަރސް-"

"އެކަމަކު އެ ކުއްޖާގެ ނަމަކީ އޭޝްލީ ޕެޓަރސަންކަން ރިޗަރޑް މެލްޓަންއަށް އެނގޭތޯ-؟"

"ނޫން- ނޭނގޭ- އޭނާ ހީކުރަނީ އެ ކުއްޖާއަށް ކިޔާ ނަމަކީ އެލެޓް ޕީޓަރސް ކަމަށް-"

"ތިޔަ ވިދާޅުވަނީ އޭޝްލީ އޭނާއަށް ދޮގުހެދީއޭތޯ-؟"

ޑޭވިޑް ފުންމައިގެން ތެދުވެއްޖެއެވެ. "އަޅުގަނޑު ދެކޮޅުހަދަން-"

"މިސްޓަރ ބްރެނަން- މައްސަލައާ ބެހޭ ގޮތުން ގޮތެއް ނިންމެވުން ފަހަށް ބާއްވަވާށޭ އަޅުގަނޑު ކުރިންވެސް ދަންނަވައިފިން-"

"މަޢާފްކުރައްވާ- ޢިއްޒަތްތެރި ފަނޑިޔާރު-" ބްރެނަން ބުނެލިއެވެ. "އޭނާ އެލެޓް ޕީޓަރސްގެ ވާހަކަދެއްކި ކަމަށް ދެންމެ ވިދާޅުވެއްޖައީމު- އެ ދެ މީހުން އެކީގައި އުޅެނިކޮށް ދެކެވަޑައިގަތިންތޯ-؟"

"އާދެ- އެއްދުވަހަކު އޭނާ ގޮވައިގެން އަޅުގަނޑު މަސައްކަތްކުރާ ކެފޭއަށް އައިސް އަޅުގަނޑަށް ތަޢާރަފްކޮށްދިން-"

"ތިޔަ ވިދާޅުވަނީ އޭޝްލީ ޕެޓަރސަންގެ ވާހަކަތޯ-؟"

"އާދެ- އެކަމަކު އެ ދުވަހު އޭނާ ނަމަކަށް ބުނީ އެލެޓް ޕީޓަރސްއޭ-"

މިހާރު ހެކިންގެ ކޮށިގަނޑުގައި އެހެރީ ގެރީ ކިންގްއެވެ.

ބްރެނަން އަހައިލިއެވެ. "ތިޔައީ ރިޗަރޑް މެލްޓަންއާ އެއް ކޮޓަރިއެއްގައި އުޅުއްވާ ބޭފުޅެއް- އެހެންނޫންތޯ-؟"

"އާދެ-"

"އޭނާއަކީ ރައްޓެއްސެއްތޯ-؟ އެއްވެސް ތަނަކަށް އޭނާއާ އެކީ ބޭރަށް ވަޑައިގަންނަވަންތޯ-؟"

"އާދެ- އަޅުގަނޑުމެން ދެ މީހުން އެއް ކުއްޖެއްގެ ގާތަށް ވެސް ދަން- ދެ މީހުން ދެ ފަހަރު-"

"މިސްޓަރ މެލްޓަން ވަކިކުއްޖަކާ އެކު ޚާއްޞަ ގުޅުމެއް ބޭއްވިކަން އެނގިވަޑައިގެންފައި އެބަ އޮތްތޯ-؟"

"އާދެ-"

"އެ ކުއްޖެއްގެ ނަން އެނގިވަޑައިގަނޭތޯ-؟"

"އެ ކުއްޖަކު ބުނާ ގޮތުން ވިއްޔާ ނަމަކީ އެލެޓް ޕީޓަރސް-"

"މި ކޯޓުން އެ ކުއްޖާ އެބަ ފެނިވަޑައިގަނޭތޯ-؟"

"އާދެ- އެހެރަ ގޮނޑީގައި އިށީނދެގެން އެ އިނީ އެ ކުއްޖާ-"

"ތިޔަ އިޝާރާތްކުރައްވަނީ އޭޝްލީ ޕެޓަރސަންއަށްތޯ-؟"

"އާދެ-"

"ރިޗަރޑް މެލްޓަން މަރައިލި ރޭ ގެއަށް ވަޑައިގެންނެވި އިރު އޭނާ އޮތީ މަރައިލައިފައި- އެހެންނޫންތޯ-؟"

"އާދެ- އަޅުގަނޑަށް އާދެވުނީ އޭނާ މަރައިލި ފަހުން-"

"އޭނާ އޮތީ ކޮންކަހަލަ ޙާލަތެއްގައިތޯ-؟"

"ލެއިން ތަތްތެޅިފައި-"

"ޖިންސީ ގުނަވަން އޮތީ ބުރިކޮށްލައިފައިތޯ-؟"

"އާދެ- އެއީ ވަރަށް ރަހުމްކުޑަ ޢަމަލެއް-"

ބްރެނަން ޖޫރީއާ ދިމާއަށް ބަލައިލިއެވެ. އޭނާ ބޭނުންވާ ކަހަލަ އަސަރެއް އެ މީހުންނަށް ކުރޭތޯ ބަލައިލަން ވެގެންނެވެ. އޭނާއަށް ފެނުނު މަންޒަރަކީ ހިތްހަމަޖެހޭ ކަހަލަ މަންޒަރަކަށް ވިއެވެ.

"ޝުކުރިއްޔާ-" ބްރެނަން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"

ޑޭވިޑް ތެދުވެގެން ހެކިންގެ ކޮށިގަނޑުގެ ކައިރިއަށް ހިނގައްޖެއެވެ.

"ރިޗަރޑް މެލްޓަންއަކީ ކޮންކަހަލަ މީހެއްތޯ-؟"

"އެއީ ވަރަށް ރަނގަޅު މީހެއް-"

"އޭނާއަކީ އަނގަގަދަ، ޒުވާބުކުރާ މީހެއްތޯ-؟ އަރައިރުންވާ ހިތްވާ މީހެއްތޯ-؟"

"ނޫން... ނޫން... އޭނާއަކީ ތިޔަ ވިދާޅުވާ ކަހަލަ މީހެއް ނޫން- ތިޔާ ދިމާ އިދިކޮޅު މީހެއް-"

"އެކަމަކު އޭނާ ރައްޓެހިވާ ހިތްވަނީ ހަރުކަށި، ނުލަފާ އަންހެނުންނާ- އެހެންނޫންތޯ-؟"

ގެރީ ޙައިރާންވެފައި ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "ނޫން... ނޫން... އޭނާއަށް ރަނގަޅީ މަޑުމައިތިރި، ރަނގަޅު އަންހެނުން-"

"އެލެޓާ އޭނާއާ ދެ މީހުން ވަރަށް ގިނައިން އަރައިރުންވޭތޯ-؟ އެލެޓް އޭނާއާ ދިމާއަށް އެއްޗެތިގޮވާތޯ-؟"

ގެރީގެ މޫނުމަތިން އަދިވެސް ފެންނަނީ ޙައިރާންކަމުގެ އަސަރެވެ. "ލިބިވަޑައިގެން ތިޔަ އުޅުއްވާ މަޢުލޫމާތު އެއްގޮތަކަށް ވެސް ރަނގަޅެއް ނޫން- އެ މީހުން ދުވަހަކުވެސް ޒުވާބެއް ނުކުރޭ- އެކަކު އަނެކަކާ ދިމާއަކަށް ހަޅޭކެއްނުލަވާ- އެ ދެ މީހުންގެ ދޭތެރެއަކު އެއްވެސް މައްސަލައެއް ނެތް-"

"އެލެޓް ޕީޓަރސް އޭނާއަށް ގެއްލުމެއް ދީފާނޭހެން ހީފުޅުވާ ކަހަލަ އެއްވެސް ކަމެއް..."

"އަޅުގަނޑު ދެކޮޅުހަދަން- ވަކީލު އެ މަސައްކަތްކުރައްވަނީ ހެކިބަސްދޭ މީހާ ވަކި ދިމާއަކަށް އަނބުރުވަން..."

"އެ ކަހަލަ ސުވާލެއް ނުކުރައްވާތި-"

"އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-" ޑޭވިޑް ބުނެލިއެވެ.

ޑޭވިޑް އައިސް ގޮނޑީގައި އިށީނދެފައި އޭޝްލީއާ ދިމާއަށް ބުނެލިއެވެ. "ހާސްނުވޭ- އެ މީހުން ކުރާ ސުވާލުތަކުން ފައިދާކުރާނީ އަހަރެމެންނަށް-"

އޭނާގެ އަޑުގައި ހުރި ޔަގީންކަމެއް ހިތަކު ނެތެވެ.

ޑޭވިޑާއި، ސަންޑްރާއާ ދެ މީހުން ތިބީ ވިންޑްހޭމް ހޮޓަލުގެ ރެސްޓޯރަންޓް، ސެން ފްރެސްކޯގައި ކާށެވެ. ވެއިޓަރަކު އައިސް ވަރަށް އަދަބުވެރިކަމާއެކު ބުނެލިއެވެ. "މިސްޓަރ ސިންގަރ- ވަރަށް މުހިންމު ފޯނުކޯލެއް އެބައޮތް-"

"ޝުކުރިއްޔާ-" ޑޭވިޑް ސަންޑްރާއާ ދިމާއަށް ބަލައިލިއެވެ. "އަހަރެން އެބައަންނަން-"

ޑޭވިޑް ވެއިޓަރާ އެކީ ފޯނު ހުރި ތަނަށް ހިނގައްޖެއެވެ. "ހަލޯ- މިއީ ޑޭވިޑް ސިންގަރ-"

"ޑޭވިޑް- ވާހަކަދައްކަނީ ޖެސީ- ކޮޓަރިއަށް ގޮސް އަހަންނާ ގުޅައިލާ- ބޮލަށް އުޑު ވެއްޓެން ގާތްވެއްޖެ-"

ސަތާރަވަނަ ބާބު

"ޖެސީ...؟"

"ޑޭވިޑް- ތިޔަ ހިންގާ މައްސަލައިގެ ތެރެއަށް ވަނުމަކީ އަހަރެން ކުރަންޖެހޭ ކަމެއް ނޫންކަން އަހަންނަށް އެނގޭ- އެކަމަކު އަހަންނަށް ހީވަނީ މިހާރު އެންމެ ރަނގަޅުވާނީ މައްސަލަ އަނބުރާ ނެގިއްޔާހެން-"

"ކިހިނެއްވީ-؟"

"މިއިން ދުވަހަކު އިންޓަރނެޓަށް ވަނިންތަ-؟"

"ނުވަންނަން- މި ދުވަސްކޮޅު މި އުޅެވެނީ މާ ބުރަކޮށް-"

"މުޅި އިންޓަރނެޓްގައި އޮތީ ތިޔަ ހިންގާ މައްސަލައިގެ ވާހަކަ- ހުރިހާ ޗެޓް ރޫމެއްގައި ވެސް ދެކެވެނީ ހަމަ ތިޔަ ވާހަކަ-"

"ތިޔަހެން ވާނެކަން އެނގޭ- ޑޭވިޑް ބުންޏެވެ. އެކަމަކު..."

"ހުރިހާ އެންމެންގެ ވާހަކަ ވެސް ހުރީ އޭޝްލީއާ ދެކޮޅަށް- އެ މީހުން ދެކޭ ގޮތުގައި އޭޝްލީ ކުށްވެރިވޭ- އޭނާއަށް ދޭން ޖެހޭނީ މަރުގެ އަދަބު- އެ މީހުން އެހެން ބުނަނީ ވަރަށް އާދަޔާ ޚިލާފު ގޮތްގޮތަށް- މި ކިޔާ އެއްޗެއް ޑޭވިޑަށް ވިސްނޭނެ-"

ޑޭވިޑަށް ވިސްނުނީ ކުއްލިއަކަށެވެ. "ޔާ ރައްބީ-! އެއްވެސް ޖޫރަރއަކު އިންޓަރނެޓަށް ވަދެއްޖެއްޔާ..."

"އޭގެ ތެރެއިން ބައެއް މީހުން ވަންނާނެ- އޭގެ ސަބަބުން އެ މީހުންގެ ވިސްނުމަށް ބަދަލު އަންނާނެ- އެއީ ވަރުގަދަ ނުފޫޒަކަށް ވާނެ- އަހަންނަށް ފެންނަނީ މައްސަލަ އަނބުރާ ނަގަން- އެހެން ނޫނީ ޖޫރީ ބަދަލުކުރެވޭތޯ ބަލައި-"

"ޝުކުރިއްޔާ ޖެސީ- އަހަރެން ތިޔަ ކަމާ އުޅޭނަން-" ޑޭވިޑް ފޯނު ބާއްވައިފައި އެނބުރި ސަންޑްރާ އިން މޭޒުދޮށަށް އަތުވެއްޖެއެވެ.

"ދެރަ ޚަބަރެއްތަ-؟" ސަންޑްރާ އަހައިލިއެވެ.

"ވަރަށް ދެރަ-"

އަނެއް ދުވަހު ހެނދުނު ރަސްމީކޮށް ކޯޓުގެ ޝަރީޢަތް ފެށުމުގެ ކުރިން ޑޭވިޑް ފަނޑިޔާރު ވިލިއަމްސްއާ ބައްދަލުކުރަން އެދިއްޖެއެވެ. ވިލިއަމްސް އޭނާއާ ބައްދަލުކުރީ މިކީ ބްރެނަންގެ ޙާޒިރުގައެވެ.

"އަޅުގަނޑާ ބައްދަލުކުރައްވަން އެދިވަޑައިގަތިންތޯ-؟"

"އާދެ- ޢިއްޒަތްތެރި ފަނޑިޔާރު- އަޅުގަނޑަށް ރޭ އެނގުނު ގޮތުގައި މުޅި އިންޓަރނެޓްގައި މިހާރު އެންމެ ހޫނު ވާހަކައަކަށް އޮތީ މި ޝަރީޢަތުގެ ވާހަކަ- ގިނަ މީހުން މިހާރު ތިބީ އޭޝްލީ ކުށްވެރިވާ ކަމަށް ނިންމައިގެން- އެއީ މައްސަލަ ވަކި އަތަކަށް ބުރަވެގެން ހިނގައިދާނޭ ކަމެއް- ބައެއް ޖޫރަރއިން އިންޓަރނެޓަށް ވަންނާނެ- އެހެން ނޫނީ އިންޓަރނެޓަށް ވަންނަ މީހުންނާ ވާހަކަދައްކާނެ- އޭގެ ސަބަބުން އަޅުގަނޑުގެ ކޮޅަށް ގެއްލުންވާނެ- އެހެންވީމާ އަޅުގަނޑު ބޭނުންވަނީ މި ވަގުތަށް މައްސަލަ އަނބުރާ ނަގަން-"

ވިލިއަމްސް އިރުކޮޅަކު އަނގައިން ނުބުނެ އިނދެފައި ބުނެލިއެވެ. "ތިޔަ ކަމެއް ނުވާނެ-"

ޑޭވިޑް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގޭތޯ މަސައްކަތް ކުރިއެވެ. "އެހެން ވެއްޖެއްޔާ އަޅުގަނޑު ބޭނުންވަނީ ޖޫރީ ބަދަލުކުރަން..."

"މިސްޓަރ ސިންގަރ- ޝަރީޢަތް ހިނގާ ކޮންމެ ދުވަހަކު ކޯޓު އޮންނަނީ ނޫސްވެރިން ވަދެ ފުރިފައި- ދުނިޔޭގެ ރޭޑިއޯއާއި، ޓީވީގެ އެންމެ ހޫނު ވާހަކައަކީ މިއީ- ނޫސްތަކުގެ އެންމެ ފަލަސުރުޚީއަކީ މިއީ-  މި ޝަރީޢަތް ބޮޑު ޗަރުކޭހަކަށް ވެގެން ދާނެއޭ އަޅުގަނޑު ކުރިންވެސް ދެންނެވިން- އެކަމަކު އެ ދުވަހަކު އަޑެއް ނޭއްސެވީމު-" އޭނާ ކުރިއަށް ގުދުވެލިއެވެ. "މިއީ ޑޭވިޑް ފެށްޓެވި ޗަރުކޭހެއް- ކުރިއަށް ގެންދަވާ- ޖޫރީ ބަދަލުކުރައްވަން ބޭނުންފުޅު ނަމަ ޝަރީޢަތް ފެށުމުގެ ކުރިން އެކަން ކުރައްވަން ޖެހޭނެ- ކުރިން އެދިވަޑައިގެންނެވި ނަމަވެސް އަޅުގަނޑު ހުއްދަ ނުދިނުމަކީ އެކަށީގެންވާ ކަމެއް- އެހެން ކަމެއް އެބަ އޮތްތޯ-؟"

ޑޭވިޑް އިރުކޮޅަކު އަނގައިން ނުބުނެވިފައި އިނެވެ. އޭނާގެ ބަނޑުކެކެނީއެވެ. "ނޫން އެހެން ކަމެއް ނެތް-"

"އެހެން ވެއްޖެއްޔާ އަވަހަށް ޝަރީޢަތުގެ މަޖިލީހަށް ދަމާ ބަހީ-"

މިކީ ބްރެނަން މިހާރު ސުވާލުކުރަމުން ދަނީ ޝެރިފް ޑޮވްލިންގ އާއެވެ.

"ޑެޕިއުޓީ ސޭމް ބްލޭކް ގުޅައިފައި އެ ރޭ އޭޝްލީގެ ގޭގައި އޭނާއަށް ހިމާޔަތް ދޭން މަޑުކުރާ ވަހަކަ ނަންގަތްތޯ-؟ އަދި ކޮންމެވެސް މީހަކު އޭޝްލީއަށް ބިރުދައްކާ ވަހަކަ ވެސް ނަންގަތްތޯ-؟"

"އާދެ- އޭނާ ބުނި-"

"އޭގެ ފަހުން ބްލޭކް ގުޅީ ކޮން އިރަކުތޯ-؟"

"އޭގެ... އޭގެ ފަހަކުންނެއް ނުގުޅާ- އޭގެ އަނެއް ދުވަހު މީހަކު ގުޅައިފައި ބްލޭކްގެ މުޅަމަސްގަނޑު އޭޝްލީގެ ގޭގެ ފުރަގަހުގައި އެބައޮތޭ ބުނި-"

"ހަމަ އެ ވަގުތު އެ ތަނަށް ވަޑައިގަތިންތޯ-؟"

"އާދެ-"

އެ ތަނުން ފެނިވަޑައިގަތީ ކޮން އެއްޗެއްތޯ-؟"

އޭނާ ހިންދިރުވައިލިއެވެ. "އަޅުގަނޑަށް ފެނުނީ ބްލޭކްގެ މުޅަމަސްގަނޑު- އޮތީ ގައިމަތީގައި ފޮތިގަނޑެއް އަޅައިފައި- މަރައިލައިފައި އޮތީ ތޫނުއެއްޗަކުން ތެޅިތެޅީނުން- މަރައިލި އަނެއް ދެ މީހުންހެން އޭނާގެ ވެސް ޖިންސީ ގުނަވަނެއް ނެތް-"

"އަނެއް ދެ މީހުންނޭތޯ-؟ ތިޔަ ވިދާޅުވަނީ ތިން މީހުން ވެސް މަރައިލައިފައި ވަނީ މުޅިން އެއް ގޮތަކަށޭތޯ-؟"

"އާދެ-"

"ހީވަނީ ތިން މީހުންވެސް މަރައިލީ އެކަކުހެން އެހެންނޫންތޯ-؟"

ޑޭވިޑް ފުންމައިގެން ތެދުވެއްޖެއެވެ. "އަޅުގަނޑު ދެކޮޅުހަދަން-"

"އެ ވާހަކަ ހުއްޓަވައިލައްވާ-"

"އެންމެ ރަނގަޅު- އަޅުގަނޑު އެ ވާހަކަ އަނބުރާ ގެނެސްފިން- ދެން ހެއްދެވީ ކިހިނެއްތޯ-؟"

"އެ ހިސާބަށް އައި އިރަކު އަޅުގަނޑުމެންނަކަށް އޭޝްލީގެ މައްޗަކަށް ޝައްކެއް ނުކުރެވޭ- އަޅުގަނޑުމެން ހެދި ގޮތަކީ އޭޝްލީ ގެނެސްގެން އޭނާގެ އިނގިލީގެ ނިޝާން ނެގީ-"

"ދެނޯ-؟"

"ދެން އިނގިލީގެ ނިޝާން އެފްބީއައިއަށް ފޮނުވީ- އެ ތަނުން ބުނީ އިނގިލީގެ ނިޝާން ދިމާވެއޭ-"

"ތިޔަ ވިދާޅުވާ ދިމާވުމަކީ ކޮބައިކަން ޖޫރީއަށް ވިދާޅުވެދެއްވަފާނަންތޯ-؟"

ޝެރިފް ޑޮވްލިންގ ޖޫރީއާ ދިމާއަށް އެނބުރިއްޖެއެވެ. "އޭޝްލީގެ އިނގިލީގެ ނިޝާނާ، މަރުގެ ހާދިސާތައް ހިނގި ތަންތަނުން ނެގި އިނގިލީގެ ނިޝާނާ މުޅިން ދިމާވޭ- އެއީ މި ދަންނަވާ ދިމާވުމަކީ-"

"ޝުކުރިއްޔާ ޝެރިފް-" ބްރެނަން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑުގެ ސުވާލު ނިމުނީ-"

ޑޭވިޑް ތެދުވެގެން ގޮސް ހެކިންގެ ކޮށިގަނޑުގެ ކައިރިއަށް ހުއްޓިއްޖެއެވެ. "ޝެރިފް- މި ކޯޓުގައި ދެކެވުނު ވާހަކައިގެ ތެރޭގައި އޭޝްލީގެ ގޭގެ ބަދިގެއިން ލެއިން ތަތްތެޅިފައި އޮތް ވަޅިއެއް ފެނުނު ވާހަކަ ވެސް ދެކެވިގެން ހިނގައްޖެ-"

"އާދެ- އެއީ ތެދެއް-"

"އެ ވަޅި ފޮރުވައިފައި އޮތީ ކޮންތާނކުތޯ-؟ އޮތީ ފޮތިގަނޑެއް ކަހަލަ އެއްޗެއްގައި އޮޅައިފައިތޯ-؟ ނުފެންނަ ކަހަލަ ދަތިތަނަކަށް ލާފައިތޯ-؟"

"ނޫން- އެ ވަޅި އޮތީ ހަމަ ދިމާއަށް ފެންނަން-"

"ދިމާއަށް ފެންނާށޭތޯ-؟ މާނައަކީ އެ ވަޅި އެ އޮތް ތަނެއްގައި ބޭއްވީ އެއްޗެއް ފޮރުވަން ބޭނުން މީހެއް ނޫނޭ- އެއީ އެއްވެސް ކުށެއް ނެތް..."

"އަޅުގަނޑު ދެކޮޅުހަދަން-"

"ތިޔަ ވާހަކަ ހުއްޓަވައިލައްވާ-"

"އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"

"ޝެރިފް އެނބުރި ވަޑައިގަތަސް އެންމެ ރަނގަޅު-"

ބްރެނަން ބުނެލިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރުގެ އިޒުނަފުޅާއެކު އަޅުގަނޑު އެއްޗެއް ހުށަހަޅައިލާނަން-" އޭނާ ކޯޓުގެ ފަހަތުބަރީގައި ތިބި ބަޔަކަށް އަތުން އިޝާރާތްކޮށްލިއެވެ. އެ ތާނގައި ހުރި މީހަކު އައީ އޭޝްލީގެ ގޭގައި ހުރި މޫނުބަލާލޯގަނޑެއް ހިފައިގެންނެވެ. އެ ލޯގަނޑުގައި ތުންފަތުގައި އުނގުޅާ ރަތްކުލައިން ލިޔެފައި އޮތެވެ. "ކަލޭ މަރުވާނެ!"

ޑޭވިޑް ތެދުވެއްޖެއެވެ. "މިއީ ކޯޗެއްތޯ-؟"

ފަނޑިޔާރު ވިލިއަމްސް ބްރެނަންއާ ދިމާއަށް ބަލައިލިއެވެ. "މިސްޓަރ ބްރެނަން...؟"

"މިއީ ޑެޕިއުޓީ ބްލޭކް ޖައްސަން އޭޝްލީ ޖެހި މަޅިގަނޑު- އޭނާ މަރައިލަން ރޭވިރޭވުމުގެ މައިގަނޑު- މި ލޯގަނޑު ޤަރީނާ 4 ގެ ގޮތުގައި ނޯޓުކުރެއްވުން އެދެން- މިއީ އޭޝްލީ ބޭސްއަޅައިފައި ހުންނަ އަލަމާރީގެ ލޯގަނޑު-"

"އަޅުގަނޑު ދެކޮޅުހަދަން- މި ލޯގަނޑަކާ މައްސަލައަކާ އެއްވެސް ގުޅުމެއް ނެތް-"

"ގުޅުން ހުރިކަމަށް އަޅުގަނޑު ސާބިތުކޮށްދޭނަން-"

"އެންމެ ރަނގަޅު- ކުރިއަށް ގެންދަވާ-"

ބްރެނަން ލޯގަނޑު ގެންގޮސް ޖޫރީއަށް ފެންނަ ގޮތަށް ބަހައްޓައިފިއެވެ. "މި ލޯގަނޑު ނަގައިފައި މި ވަނީ އޭޝްލީގެ ފާޚާނާއިން-" އޭނާ ޖޫރީއާ ދިމާއަށް ބަލައިލިއެވެ. "ރަނގަޅަށް ބައްލަވައިލައްވާ- މީގައި ލިޔެފައި އޮތް އެއްޗަކަށް ސަމާލުކަންދެއްވާ- ކަލޭ މަރުވާނެ- އޭނާގެ މަޅީގައި ބްލޭކް ޖައްސަންވެގެން އޭޝްލީ ހެދި އުކުޅަކީ މިއީ- ބްލޭކް އެ ރޭ އެ ގޭގައި މަޑު ކުރީ މި ލިޔުންކޮޅު ފެނިގެން-" ބްރެނަން ދެން އެނބުރިލީ ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށެވެ. "ދެން އަޅުގަނޑު ގެންނަން ބޭނުންވާ ހެއްކަކީ މިސް ލައުރާ ނިވެން-"

އަސައެއްގެ އެހީގައި ހިނގައިފައި އައި މެދުއުމުރުގެ އަންހެނަކު ހެކިންގެ ކޮށިގަނޑަށް ވަދެއްޖެއެވެ.

"މިސް ނިވެން- މަސައްކަތްކުރައްވަނީ ކޮންތާނކުތޯ-؟"

"އަޅުގަނޑަކީ ކައުންޓީ އޮފް ސެން ހޯސްގެ ކޮންސަލްޓަންޓަކީން-"

"އެ ތާނގައި ކުރައްވާ މަސައްކަތަކީ ކޮބައިތޯ-؟"

"އަޅުގަނޑަކީ އަތުލިޔުމުގެ މާހިރަކީން-"

"އެ ތާނގައި މަސައްކަތްކުރައްވާތާ ކިހައި ދުވަހެއް ވެދާނެތޯ-؟"

"ބާވީސް އަހަރު-"

ބްރެނަން އެއްކަލަ ލޯގަނޑަށް އިޝާރާތްކޮށްލިއެވެ. "އެހެރަ ލޯގަނޑު މީގެ ކުރިން ދެކެވަޑައިގަތިންތޯ-؟"

"އާދެ-"

"އޭގައި ހުރި ލިޔުން ރަނގަޅަށް ބެއްލެވިންތޯ-؟"

"އާދެ- ބެލިން-"

"އޭޝްލީގެ އަތުލިޔުން ބެއްލެވިންތޯ-؟"

"އާދެ-"

"އެ ލިޔުންވެސް ރަނގަޅަށް ބެއްލެވިންތޯ-؟"

"އާދެ-"

"އެ ދެ ލިޔުން އެއްގޮތްތޯ ބެއްލެވިންތޯ-؟"

"އާދެ-"

"ނުކުތް ނަތީޖާއަކީ ކޮބައިކަން ވިދާޅުވެދެއްވަފާނަންތޯ-؟"

"އެ ދެ ލިޔުން ލިޔެފައިވަނީ އެކަކު-"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.