ހިސާރުކުރި ގައުމުތަކުން ބަދަލުގެ ގޮތުގައި 5 ބިލިއަން ޑޮލަރު ހޯދުމަށް ޤަޠަރު އެއާވޭޒްއިން ހުށަހަޅަައިފި

ޤަޠަރު ހިސާރުކުރި ހަތަރު ގައުމާ ދެކޮޅަށް ޤަޠަރުގެ ގައުމީ އެއާލައިން، ޤަޠަރު އެއާވޭސްއިން ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.

ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހްރޭން އަަދި މިސްރުން 5 ބިލިއަން ޑޮލަރު ހޯދުމަށް އެ އެއާލައިނުން ހުށަހެޅީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި، އެ ގައުމުތަކުގެ މާކެޓަށް އެ އެއާލައިނަށް ނުވަދެވޭ ގޮތަށް ހަދާފައި ވާތީ އެކަމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ.

ޤަޠަަރުން ބުނާ ގޮތުގައި ޖޫން 2017 އިން ފެށިގެން އެ ހަތަރު ގައުމުން އެެ ގައުމު ހިސާރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމުގައެވެ.

ޤަޠަރު އެއާވޭޒްއިން ބުނި ގޮތުގައި ފާއިތުވި 30 އަހަރު އެ އެއާލައިނުން ވަނީ ހިސާރުކުުރުމުގައި ބައިވެރިވާ ހަތަރު ގައުމަށް އެތައް ލައްކަ ފަސިންޖަރުންނާއި، އެތައް ހާސް ޓަނެއްގެ ކާގޯ އުފުލުމުގެ އިތުރަށް އެ ހަތަރު ގައުމުގައި ބޮޑު އަދަދެއް އިންވެސްޓުކޮށްފައެެވެ.

ހިސާރުުކުރި ހަތަރު ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ ކޮންތަނެއްގައި ކަމަށް ޤަޠަރު އެއާވޭޒްއިން ބުނެފައި ނުވެއެވެ. އަދި އެ އެއާލައިނުން އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ ތިން އިންވެސްޓްމަންޓް އެގްރީމެންޓަކާ ހަވާލަދީއެވެ. އެއީ އޯގަނައިޒޭޝަ އޮފް ދި އިސްލާމިކް ކޮންފަރެންސް އެގްރީމަންޓާއި، އަރަބް އިންވެސްޓްމަންޓް އެގްރީމަންޓާއި، ޤަޠަރާއި މިސްރާ ދެމެދު ވެފައިވާ އިންވެސްޓްމަންޓް އެގްރީމެންޓެވެ.

ޤަޠަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީ އަރަބިއްޔާއާއި، ޔޫއޭއީއާއި، މިސްރާާއި، ބަހްރައިނުން 5 ޖޫން 2017 ގައި ޤަޠަރާއި ހުރިހާ ގުޅުމެއް ކަނޑާލައި އެއްގަމާއި، ކަނޑާއި، ވައިގެ މަގުން އެ ގައުމު ހިސާރުކުރިއެވެ. އަދި ޤަޠަރު އެއާވޭޒް އެ ގައުމުތަކުގެ އެއާޕޯޓުތަކަށް ޖެއްސުމާއި، އެ ގައުމުތަކުގެ ވައިގެ ސަރަހައްދުގެ ތެރޭން ދަތުރުކުރުން މަނާކުރިއެެވެ.

އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދާން ޤަޠަރު އެއާވޭޒްއިން މި ނިންމީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (އިކާއޯ) އަށް ޤަޠަރުން ހުށަހަަޅާފައިވާ މައްސަލައެއް ބެލުމުގެ އިޚްތިސާސު އެ ޖަމްއިއްޔާއަށް ލިބިގެންވާ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ފާއިތުވި ހަފުތާގައި ހުކުމްކޮށްފައި ވަނިކޮށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.