ޖިންސީ ކުށުގެ ޝިކާރައަށް އަންހެނުން ވަނީ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށް ބެލުމަކީ ލާއިންސާނީ އަމަލެއް: އީވާ

ޖިންސީ ކުށުގެ ޝިކާރައަށް އަންހެނުން ވަނީ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށް ބެލުމަކީ ލާއިންސާނީ އަމަލެއްކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޑރ މުޙައްމަދު އިޔާޒަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ރައްދު ދެއްވައިފިއެވެ.

މެމްބްރ އީވާ މިމޭރުމުން ވާހަކަ ދެއްކެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ފާހިޝް ކަންކަމަށް ފަހިވާ ދޮރުތައް ބަންދުކުރުމަށް ގޮވާލައި ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި އީވާ ވިދާޅުވީ ޖިންސީ ކުއްތައް ހުއްޓުވުމަށް ކުރަންވީ ކަމަކީ އަންހެނުން ލާ ހެދުން ބަދަލު ކުރުން ކަމަށް ބަލައިގެން ދައްކާ އެ ވާހަކަތަކަކީ "މުޑުދާރު" ވާހަކަތަކެއް ކަމަށެވެ. އިވާ ވިދާޅުވީ ޖިންސީ ކުށުގެ ޝިކާރައަކަށް އަންހެނުން ވަނީ އެއް ގޮތަކަށް ވެސް ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ނޫންކަމަށެވެ. އެމޭރުމުން ވާހަކަ ދައްކަނީ ޖިންސީ ކުށްތައް ހިތްވަރު ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ދީނީ އިލްމުވެރިންނާއި މީޑިއާގައި އެފަދަ މޭރުމުން ވާހަކަ ދައްކާ ކަމަށްވެސް މެމްބަރ އީވާ ވިދާޅުވިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި އޭނާ ހުންނަވާހާ ހިނދަކު، އިސްލާމްދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަކޮށް ފަލީހަތް ކުރިޔަ ނުދެއްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

"ފާހިޝް ކަންކަމަށް ފަހިވާ ދޮރުތައް ބަންދުކުރަން ގޮވާލަންޏާ، ފުރަތަމަވެސް ކުރަންވީ ކަމަކީ މިފަދަ މީހުން ވާހަކަ ދެއްކުން ހުއްޓުވާލަދިނުން. މިމޭރުމުން ވާހަކަ ދެއްކުމަކީ އިސްލާމްދީނަށް ބާރު އެޅުމެއް ނޫން. ފްރީޑަމް އޮފް ސްޕީޗެއް (ޚިޔާލުފާޅުކުރުމުގެ މިނިވަން) ކަމެއްވެސް ނުން." އީވާ ވިދާޅުވިއެވެ.

މެމްބަރ އީވާ ވިދާޅުވީ އިސްލާމްދީނަކީ އަންހެނުންނަށް އިހްތިރާމްކުރަން ގޮވާލި ދީންކަމަށެވެ. އަންހެނުން ބާރުވެރިކުރާން ގޮވާލި ދީންކަމަށެވެ. އަންހެނުން މުދާވެރިކުރަން ގޮވާލި ދީން ކަމަށެވެ. އޯގާތެރިކަމާއެކު އަންހެނުންނަށް މުޢާމަލާތު ކުރަން ގޮވާލި ދީން ކަމަށެވެ. އިސްލާމްދީނަކީ އަންހެނުންގެ ހިމާޔަތުގައި އޮތް ދީން ކަމަށެވެ. ނަމަވެސް ޑރ. އިޔާޒު އިސްލާމް ދީން ބޭނުން ކުރަމުންދަނީ އުއްމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޙަޤީޤީ އިސްލާމްދީނާއި އަސްލު ދަންނަ ބޭކަލުންނަށް ހުތުރު އެރުވުން ކަމަށް މެސް މެމްބަރ އީވާ ވިދާޅުވިއެވެ.

ތުއްތު އަންހެން ކުދިން ރޭޕް ކުރަނީ އެކުދިން ކޮން އެއްޗެއް ލައިގެން ހުރީމަތޯ އާއި ބައްޕައަކު އަމިއްލަ ދަރިއަކު ރޭޕް ކުރަނީ އޭނާ ކޮން އެއްޗެއް ލައިގެން ހުރީމަތޯ މެމްބަރ އިވާ ސުވާލު ކުރެއްވިއެވެ. އަންހެނުން ލާ ހެދުމުގެ ސަބަބުން ޖިންސީ ގޯނާއަށް މަގުފަހިވާ ވާހަކަ ދައްކަނީ ޖިންސީ ގޯނާއަށް ހިތްވަރު ދިނުމަށާއި އަންހެނުންނަށް ގަދަރު ކުޑަ ކުރަންކަމަށް އީވާ ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.