ހިޔާ މަޝްރޫޢުގެ ޝަރުތުހަމަވާ މީހުންގެ ތެރެއިން ނުގުޅޭ މީހުންގެ ނަންތައް ހާމަކޮށްފި

ހިޔާ މަޝްރޫޢުގެ ޝަރުތުހަމަވާ މީހުންގެ ތެރެއިން ފޯނުން ނުގުޅޭ މީހުންގެ ނަންތައް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޯފީހުން ހާމަކޮށްފައިވަނީ ހިޔާ މަޝްރޫޢު"ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން، ޝަރުޠު ފުރިހަމަވާ މީހުން "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެމީހުންނަށް ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް މީހުންގެ ނަންކަމަށެވެ. 

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ގެޒެޓް ކުރައްވާފައިވާ މި ލިސްޓްގައި ހިމެނޭ މީހުންނަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދިH4 ،H5 ،H6 ، H8 އަދި H10 ގެ ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ މިހުންގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު މީހުން ކަމަށެވެ. މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައިނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ މީހުންގެ ލިސްޓްތައްވެސް ޢާންމުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ނަމަވެސް  މިލިސްޓަކީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަ ކުރައްވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިއަދު ޢާންމުކުރެއްވި ލިސްޓުގައި ހިމެނޭ މީހުން މިމަހު 14 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، ކަޑައެޅިފައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.