ގުޅިފަޅުން ހައުސިން ޔުނިޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލުދެނީ

Photo: PSM News

ގުޅިފަޅުން ހައުސިން ޔުނިޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ބަދަލުދޭނެ ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފިއެވެ.

މިއަދު ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ގުޅިފަޅުން ހައުސިން ޔުނިޓް ގަތުމަށް 140 ފަރާތަކުންވަނީ ޝާމިލު ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން، ބައެއް ފަރާތްތަކުން ޑައުންޕޭމަންޓު ދައްކައިފައިވާއިރު ބައެއް ފަރާތްތަކުން އެއަށްވުރެ ގިނައިންވެސް ލާރި ދައްކާފައިވާކަމަށެވެ. އެފަރާތަކާމެދު ވަކި ވަކިން އެއްބަސްވުންތަކެއް ހެދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެގޮތުން އަށް ފުރުޞަތެއް ވަނި ގުޅިފަޅުން ގެދޮރުވެރިކަން ހޯދުމަށް އެދި ފައިސާ ދެއްކި މީހުންނަށް ހުޅުވާލައިފައެވެ.

ބަދަލު ދިނުމަށް ކަނޑައަޅައިފައި ގޮތްތައް

1-  ގުޅިފަޅުން ހައުސިން ޔުނިޓެއް ގަތުމަށް ފައިސާ ދައްކާފައި އޮތް ކޮންމެ ފަރާތަކަށް ބަދަލުގައި އެއް ހައުސިން ޔުނިޓު މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން.

2- ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފއިވާ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ހައުސިން ޔުނިޓުތައް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި އެ ސްކީމުގެ ދަށުން ދޫކުރާ ހައުސިން ޔުނިޓުތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ގަތުމުގެ ފުރުސަތު ދިނުން.

3- ގުޅިފަޅުން ހައުސިން ޔުނިޓު ގަތުމަށް ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ހައުސިން ޔުނިޓު ވިއްކުމަށް ކަނޑައަޅާފައިވާ އަގުން އުނި ކުރުން.

4-  ގެއްލުން ލިބުނު ފަރާތްތަކަށް، 140 ހައުސިން ޔުނިޓު ނުލިބުމުގެ ސަބަބުން ބޯހިޔާވަހިކަން، މި މުއްދަތުގައި ކޮށްފައިވާ ހަރަދުގެ ބަދަލެއްގެ ގޮތުގައި 2017 ވަނަ އަހަރު ޑިސެމްބަރު މަހު 20 އިން ފެށިގެން ހިނގާ ކޮންމެ މަހަކަށް ތިން އަހަރު ދުވަހަށް 12،000 ރުފިޔާގެ ރޭޓުން ކޮމްޕެންސޭޝަނެއް ދިނުން. އެއީ، ޖުމްލަ އަދަދެއްގެ ގޮތުގައި 4،32،000 ހަތަރު ލައްކަ ބައްތިރީސްހާސް ރުފިޔާ.

5- ހައުސިން ޔުނިޓު ގަތުމަށް ދެއްކި ފައިސާ އާއި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް 4،32،000 ރުފިޔާ، ގަންނަ ހައުސިން ޔުނިޓުގެ އަގުން އުނި ކުރުމަށްފަހު ބާކީވާ އަދަދެއް 20 އަހަރު ދުވަހަށް ބަހާލައިގެން އަލަށް ލިބޭ ހައުސިން ޔުނިޓުން ދައްކާ ގޮތަށް ހަމަޖެއްސުން.

6- ގަންނަ ހައުސިން ޔުނިޓުގެ އަގު، ދައްކާފައިވާ ފައިސާއަށްވުރެ ކުޑަ ކަމުގައިވާނަމަ އިތުރުވި އަދަދެއް އެފަރާތްތަކަށް އަނބުރާ ދިނުން.

7- ހިޔާ މަޝްރޫއުގެ ދެކޮޓަރީގެ ހައުސިން ޔުނިޓު ބޭނުންވާ ފަރާތްތަކަށް، އެއަށްވުރެ ބޮޑު ތިންކޮޓަރީގެ ހައުސިން ޔުނިޓު ބޭނުންވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް ގަތުމުގެ ފުރުސަތު 2021 ވަނަ އަހަރު ޑިސެމްބަރު މަސް ނިމުމުގެ ކުރިން ދިނުން.

8- 2020 ޑިސެމްބަރުން ފެށިގެން ތިން ކޮޓަރީގެ ތަނެއް ހޯދަން، ހިޔާ މަޝްރޫއުގެ ދަށުން ދެކޮޓަރީގެ ތަނެއް ބޭނުން ނުވާ ފަރާތްތަކަށް އިތުރަށް އެދާ ދުވަސްތަކަށް ކޮމްޕެންސޭޝަން އިތުރަށް ނުދިނުން. އެހެންނަމަވެސް، 2021 އަހަރުގެ ޑިސެމްބަރާ ހަމައަށް ތަނެއް ގަންނަން ފުރުސަތު ނުދެވުނީ ސަރުކާރުގެ އިހުމާލެއް އޮވެގެން ކަމަށްވަންޏާ، އިތުރަށް ހިނގާ މަސްތަކަށް ކޮމްޕެންސޭޝަނެއްގެ ގޮތުގައި 12،000 ރުފިޔާ ދިނުމަށް ކަނޑައަޅައި ނިންމުން. ހިމެނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.