މުޖްތަމައުން ޖިންސީ ގޯނާ ލުހެލުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ: ރައީސް މައުމޫން

މުޖްތަމައުން ޖިންސީ ގޯނާ ކުރުން ލުހެލުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ކުރީގެ ރައީސް އަދި އެމް.އާރް.އެމްގެ ވަގުތީ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އަންހެން ކުދީންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ އަޑު ގަދަވެ، ސޯޝަލްމީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކަށް އެފަދަ މައްސަލަތައް ތިލަވަމުން އަންނަ ދަނޑިވަޅެއްގައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އެއީ ނިހާޔަތަށް ކަންބޮޑުވާން ޖެހޭ އަދި އިޖްތިމާއީ ގޮތުން ހުތުރުކަން ބޮޑު އަމަލެއް ކަމަށެވެ.

"އަންހެން ކުދީންނާ އަންހެން ކުދީންނަސް ކުރާ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން ދާ ކަމީ ނިހާޔަތަށް ކަންބޮޑުވާން ޖެހޭ ކަމެއް. މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަމެއް. އަދި އިޖްތިމާޢީ ގޮތުން ހުތުރުކަންބޮޑު ލާއިންސާނީ އަމަލެއް." ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޖންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ނުލިބި ދާތީ އެކަމާ ގުޅިގެން ޒުވާނުން ވަނީ އަޑު އުފުލާފައެވެ. އެކަމާ ގުޅިގެން މިނިސްޓަރ އޮފް ޖެންޑަރ ޢާއިޝާ މުޙައްމަދު ދީދީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމަނާއަށް އެ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ. އަދި "އަންހެނުންނާއި ކުދީން ޖިންސީ ގޯނާއިން ރައްކާތެރިކުރުމަށް ނިޒާމު ފޭލިވިތާ ކިތަންމެ ދުވަހެއް" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނސްޓަރ ވިދާޅުވީ ތަހުގީގު މަރުހަލާއިން ފެށީގެން ޝަރީއަތާ ހަމައަށް ހުރި ކަންކަން އިސްލާހުކުރަންޖެހޭ ކަމަސާއި އެކަންކަން އަވަހަށް އިސްލާހުކުރަން ޖެހޭ ކަމަށެވެ. އަދި އާއްމުންގެ ކަންބޮޑުވުން ހިއްސާކުރައްވާ ކަމަށާއި އެކަމަނާ ހުންނެވީ އަނިޔާ ލިބިފައިވާ ފަރާތްތަކާ އެކު ކަމަށް ވިދާޅުވިއެވެ.

މި ދެ ހަފްތާ އަކީ ޖިންސީ ގޯނާގެ އެތައް މައްސަލައެއް ފެންމަތިވި ދެ ހަފްތާއެވެ. އަދި ޖިންސީ އަނިޔާގެ ޝިކާރައަށްވި ކުޑަ ދެކުއްޖަކު ބަނޑުބޮޑުވި ދެ މައްސަލއެއް ވެސް ފެންމަތިވިއެވެ. މި ދެ ހާދިސާގައި ތުހުމަތުކުރެވޭ ދެ މީހަކު މިހާރުވަނީ ހައްޔަރު ކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.