
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިޔާސީ ގޮތުން ގެއްލުމެއް ނުލިބޭ ގޮތަށް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދޫދެއްވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ޓްވީޓަރ މެދުވެރި ކުރައްވައި ރައީސް ޔާމީނަށް ދެއްވި މި މެސެޖުގައި ވިދާޅުވެފައިވަނީ ޔާމީން މައުމޫނާ މެދު އަމަލު ކުރައްވަނީ ޒަމާނުއްސުރެން ރާއްޖޭގެ ވެރިން ކަންތައް ކުރައްވާ ގޮތާ ވަރަށް ދުރުން ކަމަށެވެ.
"ރައީސް ޔާމީން އަރިހު ވަރަށް އިޚުލާސްތެރި ކަމާއެކު ދަންނަވަން. ރައީސް މައުމޫން އަބްދުލްގައްޔޫމާ ގުޅޭގޮތުން އަމަލު ތިޔަ ކުރައްވަނީ ޒަމާނުއްސުރެން ރާއްޖޭގެ ވެރިން ކަންކުރައްވާފައިވާ ގޮތާ ވަރަށް ދުރުން. މަނިކުފާނަށް ސިޔާސީ ގެއްލުން ނުވާގޮތަކަށް ރައީސް މައުމޫނަށް ދޫ ދެއްވެވޭނެ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިއަދު މި ޓްވީޓް ކުރެއްވީ ރައީސް މައުމޫންގެ ސިއްހީ ހާލަތު ދަށަށްގޮސްފައިވާ ކަމަށް އިއްޔެއިން ފެށިގެން ވާހަކަ ދެކެވެމުން ދަނިކޮށްނެވެ.
ރައީސް ނަޝީދު ރާއްޖޭގައި ތިން އަހަރު ވެރިކަން ކުރެއްވިއިވެސް ރައީސް މައުމޫން ހުރަގެއަށް ލައްވައިފައި ނުވެއެވެ. އެހެންނަމަވެސް ރައީސް ނަޝީދު އެގޮތަށް އަމަލުކުރައްވާނެ ކަމަށް ސިޔާސީ ބައެއް ބޭފުޅުންވެސް އޭރު ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަމުދާއިރާގެ އެމްޑީޕީ މެންބަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ރައީސް މައުމޫނާ މެދުވެސް އަދި އެހެން މީހަކާމެދުވެސް ނުނިޔަތެއް ލައިގެން އިހާނެތިކޮށް ކަންތައް ކުރެއްވުމަކީ އެއް އިރެއްގައިވެސް އެމްޑީޕީން ކުރައްވަން ބޭނުންވި ކަމެއް ނޫންކަމަށެވެ. ރައީސް މައުމޫނާއި އެޕްޑީޕީއާ ދެމެދު ކުރިން އެފެދިފައިވަނީ ޚިޔާލު ތަފާތު ވުމުގެ މައްސަލަތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް މައުމޫން ވަނީ ފަހުން ދޫދެއްވައި ރާއްޖޭގައި ޑިމޮކްރަސީ ބިނާކުރުމަށް ފުރުސަތު ދެއްވައިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއް އިރެއްގައިވެސް ރައީސް މައުމޫން ޖަލަށް ލުމަށް އެމްޑީޕީން ވިސްނެވި ކަމެއް އެނގިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.