(19 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސިހުރެއްގައި ޖެހިފައި ހުރި މީހެކޭ އެފަދައިން މެހެމަލް އެ ލިޔުންކޮޅު އެތައް ފަހަރަކު ކިޔައިފިއެވެ. އެ ލަފުޒުތަކާ ދިމާއަށް އޭނާ ދަމަމުންގެންދާ ކޮންމެވެސް ސަބަބެއް އެބައޮތެވެ. އޭނާއަކަށް ކުރިއަކަށް ނުދެވެއެވެ. ހިނގައިގަންނާން ފިޔަވަޅެއެއް އެޅުމާއެކު އަނެއްކާވެސް އެ ލަފުޒުތަކުގެ ބާރުގައި ހުއްޓެވިދެއެވެ.
ތަފުސީރު ކުލާހުގެ ގަޑިޖެހެން ގާތްވުމާއެކު އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ކުރިއަށް ހިނގައިގެންފިއެވެ.
ކުލާހަށް ވަދެ ފޮތް ހުޅުވައިލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ މި އާޔަތެވެ.
"ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ." (އާލްޢިމްރާން ސޫރަތުގެ 185 ވަނަ އާޔަތުގެ ފެށުން)
އޭނާ ސަފުހާތައް އުކަމުން ދިޔައެވެ. އަނެއްކާވެސް އޭނާއަށް އަޅައިގަތީ މަރުގެ ވާހަކައެވެ.
"މިއަދު ކަލޭމެން އެންމެ މަރަކަށް އެދި ނުގޮވާށެވެ. އަދި އެތައް މަރުތަކަކަށް އެދި ތިޔަބައިމީހުން ގޮވާށެވެ." (އަލްފުރްޤާން ސޫރަތުގެ 14 ވަނަ އާޔަތް)
އޭނާ މިއަދުގެ ފިލާވަޅާ ދިމާއަށް އެނބުރިލިއެވެ. މިއަދުގެ ފުރަތަމަ އާޔަތުގައި އޮތީ މިހެންނެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެކުރެ މީހެއްގެ ގާތަށް މަރު ހާޒިރު ވެއްޖެނަމަ..." (އަލްމާއިދަތު ސޫރަތުގެ 106 ވަނަ އާޔަތް ފެށޭތަން)
"މިއަދު ކިވަނީ ކިހިނެއް ހެއްޔެވެ؟" އޭނާއަށް ހިނިތުންވެލެވިއްޖެއެވެ. "މިއަދު މުޅީންވެސް މި ފެންނަނީ މަރުގެ އާޔަތްތަކެވެ. މީހަކު މަރުވާން އުޅެނީ ބާވައެވެ؟" އެޔާއެކު އަނެއްކާވެސް ހިތަށް އެރިއެވެ. "އޭތް މެހެމަލްއެވެ. ތިޔަކަހަލަ ބޭކާރު ފިކުރު ނުކުރާށެވެ."
އޭނާ އިސްޖަހައިލުމަށް ފަހު ފިލާވަޅު ނޯޓު ކުރާން ފަށައިފިއެވެ. ކިޔަވައިދޭ އާޔަތަކީ މަރުވުމުގެ ކުރިން ނުވަތަ މަރުވުމުގެ ވަގުތު ކުރަން ޖެހޭ ވަސިއްޔަތުގެ ވާހަކަ އޮތް އާޔަތެކެވެ.
ލިޔެލިޔެފައި ހުރެފައި ކުއްލިއަކަށް އޭނާގެ އަތުން ގަލަން ދޫވެއްޖެއެވެ.
އޭނާގެ ހަނދާނަށް އައީ މިކަހަލަ ވާހަކަތަކެއް އޮތް ހަދީސެކެވެ.
މީހަކު މަރުވާން އުޅެނީ ހެއްޔެވެ؟ އޭނާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. އޭނާ ޤުރްއާނުން ކިޔެވި ކަންތައްތައް އޭނާއަށް ފަހުން މެދުވެރިވެއެވެ. ނުވަތަ އެކަމަކީ އޭނާއަށް ކުރިން މެދުވެރި ވެފައިވާ ކަމަކަށް ވެއެވެ. އޭނާގެ ކުރިމައްޗަށް އައި ކޮންމެ އާޔަތެއްގައިވެސް ކޮންމެވެސް މަގުސަދެއް އޮތެވެ. މިއަދު އޭނާގެ ކުރިމައްޗަށް އެންމެ ކަމެއްގެ ވާހަކަ މި އަންނަނީ ކީއްވެގެން ބާވައެވެ؟ މީހަކު މަރުވާން އުޅެނީ ހެއްޔެވެ؟ ކޮންމެވެސް މީހަކު އޭނާ ދޫކޮށްލާފައި ދާން އުޅެނީ ހެއްޔެވެ؟ ޤުރްއާނުން އޭނާ ނަފްސާނީ ހާލަތަކަށް ލަވަމުން ގެންދަނީ ހެއްޔެވެ؟ ވަކި ކަމަކަށް އޭނާ ހާނުވަނީ ހެއްޔެވެ؟ ކެތްކުރާން އޭނާއަށް އަންގަނީ ހެއްޔެވެ؟ އެހެން ކަމުގައި ވަނީނަމަ އެއީ ކީއްވެގެން ހެއްޔެވެ؟ ވާން އުޅެނީ ކިހިނެއް ހެއްޔެވެ؟
އޭނާ އަނެއްކާވެސް ޤުރްއާނުގެ ގަނޑުތައް އުކާން ފަށާއިފިއެވެ.
"ﷲ ވޮޑިގެން ވަނީ ކެތްތެރިންނާއެކުގައެވެ."
އޭނާ އެތައް ގަނޑެއް އެއްފަހަރާ އެއްލިއެވެ.
"ކެތްތެރިވާ މީހާ އޭނާގެ..."
މުޅި އާޔަތް ނުކިޔައި އޭނާ ފޮތުގެ އެންމެ ފަހަތުން ގަނޑެއް އެއްލިއެވެ.
"އަދި އެކަކު އަނެކަކަށް ކެތްތެރިވާން ވަޞިއްޔަތް ކުރާށެވެ."
އޭނާ ގަނޑުތައް އުކަމުން ބަލަމުން ގެންދިޔައެވެ.
"އެމީހަކު މަރުވާނީ ކޮން ބިމެއްގައިކަމެއް އެކަކަށްވެސް ނޭނގޭނެއެވެ."
މެހެމަލް ކަންބޮޑުވާން ފަށައިފިއެވެ. ޤުރްއާން ލައްޕައިލިއެވެ. ދާހިއްލާން ފަށައިފިއެވެ. ހިތް ބާރަށް ތެޅެނީއެވެ. ކޮންމެވެސް ކަމެއް ވާންއުޅޭކަން ޔަގީނެވެ. އޭނާއަށް ކެތްކުރެވޭނެ ބާވައެވެ؟ ނުކުރެވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އޭނާއަކީ އެހައި ބޮޑު ކެތްތެރިއެއް ނޫނެވެ. އެއްވެސް ކަމަކަށް ކެތެއް ނުކުރެވޭނެއެވެ. ދުވަހަކުވެސް ކެތް ކުރެވިފައެއް ނެތެވެ. އޭނާ ބިރުން ފަރާތްފަރާތް ހޯދާން ފަށައިފިއެވެ.
ކިޔަވައިދެނީ މެޑަމް މިޞްބާޙެވެ. ހުރިހައި ކުދިން އިސް ޖަހައިލައިގެން ތިބެ ލިޔަނީއެވެ. އެކަކުވެސް އޭނާގެ މައްޗަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ މައްޗަށް ބަލައިލިއެވެ. މަތިން ފެންނަނީ ފަންގިފިލައެވެ. އޭގެ މަތީގައި އޮންނާނީ އުޑެވެ. އެ އުޑުން އޭނާގެ މައްޗަށް ކޮންމެވެސް ފަރާތަކުން ސަމާލުކަން އެބަދެއްވައެވެ. އެކަމަކު ގެންފައި ހުރި ބިރެއްގެ ސަބަބުން ދުޢާއެއްވެސް ނުކުރެވުނެވެ. އެވަގުތު މަރުކަޒުގެ މުވައްޒަފަކު އައިސް ކުލާހަށް ވަދެއްޖެއެވެ. އޭނާގެ އަތުގައި އޮތް ކަރުދާސްކޮޅެއް މެޑަމް މިޞްބާޙްގެ އަތަށް ދީފައި ނުކުމެގެން ހިނގައްޖެއެވެ.
މެހެމަލް އިނީ ކަޅިވެސް ޖަހައިނުލައި ބަލަހައްޓައިގެންނެވެ.
މެޑަމް މިޞްބާޙް އެ ކަރުދާސްކޮޅަށް ބަލައިލުމަށް ފަހު ކުދިންނާ ދިމާއަށް ބަލައިލިއެވެ. އަދި މައިކާ ދިމާއަށް ކުޑަކޮށް ގުދުވެލައިފައި ގޮވައިލިއެވެ.
"މެހެމަލް އިބްރާހީމް މިކޮޅަށް އާދޭ."
އޭނާގެ ނޭވާ ހިނގުން ހުއްޓުނު ކަހަލައެވެ. ކޮންމެވެސް މީހަކު މަރުވަނީކަން އޭނާއަށް އެނގުނެވެ. މީހަކު މަރުވާން އުޅެނީއެއް ނޫނެވެ. މަރުވީއެވެ. އޭނާއަށް އެ ގޮވަނީ އިތުރު އެހެން ސަބަބެއް އޮވެގެންނެއް ނޫނެވެ.
މަރުވާން ތިބި މީހުން މަރުވެއްޖެއެވެ. އޭނާ ލޯބިވާ މީހަކު މަރުވެއްޖެއެވެ. ޤުރްއާނަކީ ފާލުބަލާ ފޮތެއް ނޫނެވެ. އެއީ އަންނާން އޮތް ހާލަތަކަށް އިންސާނާ ތައްޔާރު ކުރުވާ ފޮތެކެވެ. އޭނާ އެ އާޔަތްތައް ކިޔެވުމުގެ ކުރިން މީހަކު މަރުވީކަން ޔަގީނެވެ.
އޭނާ ގަބުރެއްހެން ތެދުވެގެން މަޑުމަޑުން މެޑަމް މިޞްބާޙާ ދިމާއަށް ހިނގައިގެންފިއެވެ.
ލޮލުން ކަރުނަ ފައިބަނީއެވެ.
ހިތް އޮތީ ހިތާމައިން ފުރިފައެވެ.
"އެކަމަކު އަހަރެމެން ދުލުން ބޭރުކުރާނީ ﷲ ރުއްސަވާ ވާހަކަތައް އެކަންޏެވެ. އޭ (ދަރިފުޅާ) އިބްރާހީމެވެ. ދަރިފުޅުގެ ވަކިވުމުން ބައްޕަ މިވަނީ ވަރަށް ބޮޑަށް ހިތާމަވެރިވެފައެވެ."
މީގެ އެތައް ގަރުނެއް ކުރީން ދުނިޔެ ދުށް އެންމެ މަތިވެރި ސާހިބާ ހަދީސުކުރެއްވި ބަސްފުޅު މި ވަގުތު އޭނާއަށް މި މާލަމުގެ ތެރެއިން އަޑު އިވެމުން އެބަދެއެވެ. އެހެން ހުރިހައި އަޑެއް ކެނޑިއްޖެއެވެ. އޭނާގެ ކަންފަތް ބަންދުވެއްޖެއެވެ. ދޫ ބަންދު ވެއްޖެއެވެ.
އޭނާގެ ސިކުނޑީގައި ހަރުލައިފައި ވަނީ އެންމެ އަޑެކެވެ.
ލޮލުން ކަރުނަ ފައިބަނީއެވެ.
ހިތްވަނީ ހިތާމައިން ފުރިފައެވެ.
ހިތްވަނީ ހިތާމައިން ފުރިފައެވެ.
އޭނާ ގޮސް މެޑަމް މިޞްބާޙްގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.
"އާދެ."
"މެހެމަލްގެ ގެއިން ޑުރައިވަރު މެހެމަލް ބަލައި އަތުވެއްޖެ. ގޭގައި ކަމެއް..."
އެ ވާހަކަ މުޅީން އަޑު ނާހައި އޭނާ ސިޑިއާ ދިމާއަށް ދުއްވައިގެންފިއެވެ. ހުސްފަޔާ ސިޑިން މައްޗަށް އަރައިފިއެވެ. ފައިވާންހަރު އެއްފަރާތުގައި ހުއްޓެވެ. އެކަމަކު އޭނާ ފައިވާނަށް އަރާކަށް ނޫޅެއެވެ. ދުވަމުން ދިޔައީއެވެ.
ދޮރުމަތީގައި އޮތީ ޣަފްރާންބޭބެގެ ކާރެވެ. އޭނާ އަންނަތަން ފެނުނީމާ ޑުރައިވަރު ދޮރު ހުޅުވައިލިއެވެ.
"މެހެމަލް..."
"އަނގަނުތަޅާ... ކާރު ދުއްވާ." އޭނާ ކެތް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
އޭނާގެ ހިތް ތެޅޭ ވަރުން މޭ ފޫއަޅުވައިފައި ބޭރަށް ނުކުމެދާން އުޅޭ ކަހަލައެވެ.
އާޣާ ހައުސްގެ މައި ދޮރު ހުރީ ހުޅުވައިފައެވެ. ބޭރުގައި އެތައް ކާރެއް އޮތެވެ. ގޯތިތެރޭގައި މީހުންގެ މެދުގައި ޣަފްރާންބޭބެ ހުއްޓެވެ. ކާރަށް ރަނގަޅަށް އެތެރެއަށް ނުވަދެވެނީސް އޭނާ ދޮރު ހުޅުވައިފައި ކާރުން ފައިބައިގެން ދުއްވައިގެންފިއެވެ.
ވަދެގެން ދިޔައިރު އާޣާ ކަރީމާއި ޙަސަނާއި ޣަފްރާން ފެނުނެވެ. އެންމެވެސް ތިބީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެމީހުން އޭނާޔާ ދިމާއަށް ހިނގައިގަތީމާވެސް އޭނާ ނުއެއް ހުއްޓެއެވެ. ގެޔާ ދިމާއަށް ދުވެފައި ދިޔައީއެވެ.
އެތެރެއަށް ވަދެވުމާއެކު އިވުނީ އަންހެނުންގެ ރުއިމުގެ އަޑެވެ. އޭނާ ފެންޑާއަށް އަރައިފިއެވެ. ކުރިމަތީގައި ހުރި އެނދެއްގައި ހުދު ފޮތިގަނޑަކުން ނިވައި ކޮށްފައި މީހަކު އޮތެވެ. އެނދުގެ ވަށައިގެން އަންހެނުން ތިބެގެން ރޮނީއެވެ. ފިޒާއެވެ. ނާޢިމާއެވެ. މޭގައި ދެ އަތުން ތަޅަމުން ރޮމުން އެ ގެންދަނީ ރަޒިއްޔާއެވެ. މެހެތާބްގެ އަޑު އެހެން އެންމެންނަށްވުރެ ގަދައެވެ. ގޭގެ ހުރިހައި އަންހެންނުން ހަމައަށް އެބަތިއްބެވެ.
އެހެން ވެއްޖެއްޔާ... އެނދުގައި އޮތީ ކާކު ހެއްޔެވެ؟
އޭނާ ހަތަރު ފަރާތަށް ނަޒަރު ހިންގައިލިއެވެ. އާއިލާގެ އެންމެން ހަމައަށް އެބަތިއްބެވެ. ނުފެންނަނީ އެންމެ މޫނެކެވެ.
"މަންމާ..." އޭނާގެ ތުންފަތް ތުރުތުރުއަޅަނީއެވެ.
މަންމައަށް ގޮވައިލާން އޭނާ އަނގަ ހުޅުވިއެވެ، އެކަމަކު އަޑެއް ނުނުކުތެވެ. އޭނާ އަދިވެސް ވަށައިގެން ހޯދަނީއެވެ. މަންމަ ކޮންމެވެސް ތަނެއްގައި އިށީނދެގެން އިންތަން ފެނިދާނޭ ކަމުގެ އުއްމީދުގައެވެ. އެކަމަކު މަންމައެއް ނުފެނުނެވެ.
"މެހެމަލް... މެހެމަލް..." ފަހަރަކު މީހަކު އައިސް އޭނާގެ ގައިގައި ބައްދަނީއެވެ. އޮޅުލަނީއެވެ.
އެކަކު އޭނާއަށް މަގު ދައްކައިފިއެވެ. މަރުވެފައި އޮތް މީހާ ފެންނާނޭހެން ދުރަށް ޖެހިލިއެވެ. އަނެކަކު އޭނާ އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް އެނދާހަމައަށް ގެންގޮސްފިއެވެ. އަދި ކޮނޑުގައި ހިފަހައްޓައި އެނދުގައި ބައިންދައިފިއެވެ. އެކަކު މައްޔިތާގެ މޫނުމަތީން ފޮތިގަނޑު ނަގައިފިއެވެ. އެކި މީހުން އެކި ކަންކަމުގައި އުޅެއެވެ. އެކަމަކު އެއިން މީހަކު ކުރާ އެއްވެސް ކަމެއް އޭނާއަކަށް ނޭނގެއެވެ. ހުރިހައި އަޑެއް ހުރީ ކެނޑިފައެވެ. ވަށައިގެން ތިބި މީހުންގެ ތުންފަތް ހެލޭތަން އޭނާއަށް ފެނެއެވެ. އެކަމަކު އަޑެއް ނީވެއެވެ.
އޭނާ ބަލަހައްޓައިގެން އިނީ އެނދުގައި ބާއްވައިފައި އޮތް މީހާގެ މޫނަށެވެ. އެމީހާގެ ލޯ ހުރީ މެރިފައެވެ. މޫނު ހުރީ ހުދުވެފައެވެ. ހަރަކާތެއް ނެތެވެ. އެ މޫނަކީ އޭނާގެ މަންމަގެ މޫނާ ވަރަށް ވައްތަރު މޫނެކެވެ. ހީވަނީ ހަމަ މަންމަހެންނެވެ... އެއީ މަންމަ ކަމުގައިވެސް ވެދާނެއެވެ.
އޭނާއަށް ޔަގީން ކުރެވުނީ ކުޑަ އިރުކޮޅަކުންނެވެ. އެވަގުތު ބާރަށް ރޮއިގަންނާނަމޭ ހިތަށް އެރިއެވެ. މަންމަގެ ގައިގައި އޮޅުލައިގެންފައި ހަޅޭއް ލަވައިގަންނާނަމޭ ހިތަށް އެރިއެވެ. އެކަމަކު އެވަގުތު ހިތަށް އައީ ރަޙްމަތުއްލިލްޢާލަމީންގެ ބަސްފުޅެވެ.
"އެކަމަކު އަހަރެމެން ދުލުން ބޭރުކުރާނީ ﷲ ރުއްސަވާ ވާހަކަތައް އެކަންޏެވެ."
އޭނާގެ ދޫ ބަންދުވެއްޖެއެވެ. އަރުތެރޭގައި އަޑު ހިފެހެއްޓިއްޖެއެވެ. ތުންފަތް ހަލުވައެއް ނުލެވުނެވެ.
(ނުނިމޭ)